އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު، އެ ރަށު މޫންލައިޓް/ ޔޫސުފް އިބްރާހީމް (ޔޫސުއްބެ) ހޯދަން ކަނޑުމަގުންނާއި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއި ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކަނޑުމުން އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް 'ހަކުރާ' އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ޔޫސުފް އިބްރާހިމް ހޯދުމުގައި އިއްޔެ އެކަނިވެސް ގާތްގަނޑަކަށް 24 ޑައިވަރުން ހަރަކާތްތެރިވި ކަމަށެވެ. އޭގެ ތެރެއިން 12 ޑައިވަރުންނަކީ ދަނގެތީގެ ޑައިވަރުން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ޑޯނިއާ އެއާކްރާފްޓްގައިވެސް މިއަދު ވަނީ ފަށައިފައެވެ.
ލިބުނު މައުލޫމާތާ ހަވާލާދީ އެމްއެންޑީއެފުން ބުނި ގޮތުގައި ޔޫސުފް އިބްރާހިމް މަހަށް ނުކުތީ އދ. އޮރިމަސްފަޅުގެ އިރުމަތީ ފަރާތަށެވެ. އޭނާ މަހަށް ދިޔަ ދޯނި ރަންވެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 9 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ފެނުނު ކަމަށާއި އޭރު ޔޫސުފް އިބްރާހިމް އޭގައި ނެތް ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އޭނާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު