"ބިންވެރިޔާ ސްކީމް"ގެ ދަށުން ފުރަތަމަ ބުރުގެ ގޯތި ލިބުނު މީހުންގެ ތެރެއިން ބިން ހަމަޖެހިފައިނުވާތީ ގޯތި ދޫކޮށްފައިނުވާ 684 މީހަކަށް ގޯތި ދޭނީ އުތުރު ތިލަފަޅުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ ތެރެއިން ބިން ހަމަޖެހިފައިނުވާތީ 684 ފަރާތަކަށް ގޯތި ދޫނުކުރަން ނިންމިއެވެ. އެއީ ކައިވެންޏެއް ނުކޮށް ދަރިޔަކުވެސް ނެތް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް ފަހުން އެމީހުންނަށް ގޯތި ދޫކުރާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީއިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރި އިރު، އެ ލިސްޓްގައި ބަޔާންކުރެވިފައިވާ "ދެވަނަ ބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަށް ގިރާވަރު އުތުރުފަޅުން (އުތުރު ތިލަފަޅު) ހިންކާ ބިމުން ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ އުމުރުން 18 އަހަރާ 25 އަހަރު ދެމެދުގެ މީހުން ކަމަށާއި މިގޮތަށް ނިންމާފައި ވަނީ އިސްކަންދޭ ތަރުތީބުން ކަމަށާއި މި މީހުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ފަރާތަކުން މިހާރު ހުޅުވާލާފައިވާ "ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހި" އަށް އެހެން ފަރާތަކާއެކު ޖޮއިންޓް އެޕްލިކޭޝަނެއްގައި ބައިވެރިވާން ބޭނުންވާނަމަ، ބިންވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމު ބާތިލް ކުރުމަށް އެދި [email protected] އީމެއިލް ކުރުމުން، ފަހުން ހުޅުވާލި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ މަހުގެ 24 ގައި ކުރި ޓުވީޓެއްގައި އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން ގޯތި ދިނުމަށް ހިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ އެހީގައި "ސިފަވަރު"ގެ ނަމުގައި ގާއިމުކުރާ ކޯސްޓްގާޑް ބަނދަރާއި ސާވިސް ޑޮކްޔާޑު ތަރައްގީކުރާ ސަރަހައްދާ ވަކިންނެވެ. އެގޮތުން އެ ފަޅުން 215 ހެކްޓަރު ހިއްކާނެ ކަމަށް އެ ޗާޓުން ދައްކައެވެ.

މާލޭ މީހުންނަށް ބޯހިޔާވަހިކަން ދޭން މި ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި 20،697 މީހުން ކުރިމަތިލި އިރު، އޭގެ ތެރެއިން ޝަރުތު ހަމަވީ 13،763 މީހެކެވެ. އެއީ ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 9،860 މީހުންނެވެ.

އަދި މާލޭ މީހުންނަށް ގޯތި ދޭން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯތި ދިނުމަށް ނިންމާފައިވެއެވެ. އެއީ ޖުމުލަ 9،003 ގޯއްޗެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުމާލެ ފޭސް ދޭއްގައި 4,000 ފްލެޓް ހަދަމުން އަންނައިރު, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީއާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.