ކެންޔާގައި ވަކީލަކަށް ހެދިގެން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ކެންޔާގެ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބްރަޔަން މްވެންޑާ ކިޔާ މީހަކު ވަނީ ވަކީލަކަށް ހެދިގެން ހައި ކޯޓުގައި ވަކާލާތުކޮށްފައެވެ. އަދި އޭނާ އުޅުނީ ކެންޔާގެ ލޯ ސޮސައިޓީގެ މެމްބަރެއް ކަމަށް ހެދިގެން ކަމަށް ބުންޏެވެ.

ފޭކް ވަކީލަކަށް ހެދިގެން ހުރެ އޭނާ ވަނީ 26 މައްސަލައެއްގައި ވަކާލާތު ކޮށްފައެވެ. އަދި 26 މައްސަލަވެސް އޭނާ ކާމިޔާބުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ،

އޭނާއަކީ އަސްލު ވަކީލެއް ނޫން ކަމަށް ބުނެ ގިނަ ބައެއްގެ ޝަކުވާ ކެންޔާގެ ލޯ ސޮސައިޓީއަށް ލިބުމާ ގުޅިގެން އެ ސޮސައިޓީގެ ރެޕިޑް އެކްޝަން ޓީމް (ރެޓް) އިން ވަނީ އޭނަ ހައްޔަރު ކޮށްފައެވެ.

މްވެންޑާ ހައްޔަރު ކުރިކަން އެކްސްގައި ހާމަކުރަމުން ކެންޔާގެ ލޯ ސޮސައިޓީން ބުނީ އޭނާއަކީ ވަކިލެއް ނޫން ކަމަށާއި ވަކީލުކަން ކުރުމުގެ ލައިސަންސްވެސް އޮންނަ މީހެއް ނޫން ކަމަށެވެ. ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ ހައި ކޯޓާއި މެޖިސްޓްރޭޓް ކޯޓު އަދި ކޯޓް އޮފް އެޕީލްގައިވެސް މައްސަލަތައް ތަމްސީލު ކޮށްފައެވެ.