އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.

މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވި، އާ ހަރުފަތަކަށް ގެންދިއުމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެކި ދައިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޔޮން ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އޭގެ އިތުރުން، އަލަށް ގާއިމު ކުރެވުނު އެމްބަސީގެ ސަބަބުން މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޔޮން ވިދާޅުވިއެވެ.

ރާއްޖެއަށް އެކި ގައުމުތަކުން ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ގެންދަވަނީ އަލަށް އިންތިހާބުވި ރައީސް މުއިއްޒާ ބައްދަލު ކުރައްވަމުންނެވެ.