ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި އެމަޖެންސީ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އެއިޑުން ބުނެފިއެވެ.
ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމާލާއަށް ފަހު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށްފައެވެ. އަދި އެޔަށްފަހު ހުއްޓުމެއް ނެތި ހަމަލާ ދެމުންދާއިރު، ގާޒާގައި މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކެއްވެސް ވަނީ ބިމާ ހަމަކޮށްލައިފައެވެ.
ބޭރުގެ މީޑިއަތަކުން ރިޕޮޓުކޮށްފައިވާ ގޮތުން ގާޒާގެ 260،000 އަށްވުރެ ގިނަ މީހުން މަގުމަތިވެފައިވާ އިރު، 175،000 މީހުން ތިބީ ރައްކާތެރިކަން ހޯދުމަށް އދ. އިން ހިންގާ ސްކޫލުތަކަށް ޖަމާވެފައެވެ.
ގާޒާގެ ރައްޔިތުންނަށް އެހީވުމަށް އައިއޭސީގެ ފަންޑު ހުޅުވާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ފަންޑު ހުޅުވާލިތާ އެއް ދުވަސް ތެރޭގައި އެ ފަންޑަށް އެއް މިލިއަން ރުފިޔާ ލިބުނު އިރު، މިހާރު އެ އަދަދު 2.5 މިލިއަނަށް އަރާފައިވާ ކަމަށް އެ އެއިޑުގެ މީޑިއާ ޑިރެކްޓަރު އަޒްހަދު އަހުމަދު "ވަން" އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ފައިސާ ފޮނުވަނީ އައިއޭސީގެ އިސްލާމިކް ބޭންކެ އެކައުންޓު ނަމްބަރު 7770000062741 އަށެވެ.
އައިއޭސީން ފަލަސްތީނަށް އެހީވުމަށާއި ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް އިތުރު ހަރަކާތްތަކެއްވެސް ރާވަމުންދާ އިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތު މިއަދު ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕަލަސްޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ކާނާ އާއި ސިއްހީ ސާމާނު އެތެރެ ކުރުމަށް ހުއްދައަށް އެދުމުން އެކަމަށް ދެކޮޅު ހަދައިފައެވެ.
އެ ހަނގުރާމައިގައި ގާޒާގެ 950 އަށްވުރެ ގިނާ މީހުން މަރުވެފައިވާ އިރު، ޒަހަމްވި މީހުން އަދަދު 5،000 އަށްވުރެ މައްޗަށް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު