ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ނިންމައިލެވޭނެ ކަމަށް އާބަންކޯއިން ބުނެފި އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް، ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް، ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހު އެވެ. އެ ކުންފުންޏަށް ވަނީ ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ވެސް ހިއްކަން ހަވާލުކޮށްފައެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ސީއެމްސީން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އާބަންކޯއިން މިރޭ ބުނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ސައިޓް އޭގެ 70 ޕަސަންޓު ހިއްކައި ނިމިފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހަށް ސައިޓް އޭ އެއްކޮށް ހިއްކައި ނިންމައިލެވޭނެ ކަމަށެވެ.

ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަ ޖެހިފައިވަނި ސައިޓް ބީ ކަމަށާއި އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެގުމަށް އެދޭކަމަށްވެސް އާބަންކޯއިން ބުންޏެވެ.

ފޭސް ތިނެއްގެ ގޮތުގައި ހުޅުމާލެ ފަޅު ތެރެއިން ހިއްކަން ހަމަޖެހިފައި ވަނީ 63 ހެކްޓަރުގެ ބިމެވެ.

މާލޭ މީހުންނަށް ގޯތި ދޭން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ތިނަކުން 700 ގޯތި ދޫކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 އަކަފޫޓުގެ 24 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯއްޗާއި 3،250 އަކަފޫޓުގެ 43 ގޯއްޗާއި 2،850 އަކަފޫޓުގެ 61 ގޯއްޗާއި 2،450 އަކަފޫޓުގެ 132 ގޯތީގެ އިތުރުން 2،060 އަކަފޫޓުގެ 243 ގޯތި އަދި 1،650 އަކަފޫޓުގެ 181 ގޯއްޗެވެ.