އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކުރި ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ސްކޫލުގެ ބެލެނިވެރިންތަކެއްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނު ވަގުތީ އަމުރު ނެރެނުދީގެން ހައިކޯޓަށް ހުށަހެޅުމުން އެކޯޓުންވެސް އަމުރު ނެރެއެއް ނުދިނެވެ.

މިއީ ނިގާބު އަޅައިގެން އަންހެން ދަރިވަރުންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެ، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންތަކަކަށް އަނގަ ބަހުން އެންގުމާއި ނިގާބު އަޅައިގެން ސްކޫލަށް ހާޒިރު ވުމަކީ ޔުނީފޯމް ކޯޑާ ހިލާފުކަމެއް ކަމަށް ލިއުމުން އެންގުމާ ގުޅިގެން އެ ފަރާޓްތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

އެ މައްސަލައިގައި ވަނީ، އެ އެންގުމުގެ ސަބަބުން ސްކޫލަށް ގޮސް ތައުލީމް ހާސިލުކުރުމަށް ދަރިވަރުނަށް ހުރަސްއަޅެމުންދާ ކަމަށާއި ނިގާބު އެޅުމަކީ ދިވެހި މުޖުތަމައުގައި ހުއްދަ އަދި މިހާރުގެ ހެދުން އެޅުމުގެ އާދައެއް ކަމަށެވެ. އެހެންކަމުން ނިގާބު އަޅައިގެން ނޫން ގޮތަކަށް މުޖުތަމައުގެ ތެރެއަށް ނުކުންނަން ބޭނުންނުވާ ކުދިންނަށް ރަސްމީ ތައުލީމް ހޯދޭނެ އެހެން ފުރުސަތެއް ގާއިމުކޮށްނުދީ، ރަސްމީ ތައުލީމު ލިބިގަތުމުން އެއްވެސް ކުއްޖަކު މަހުރޫމް ކުރެވޭ ގޮތަށް އެއްވެސް ގަވާއިދެއް އަދި އެންގުމެއްވިޔަސް ނޭންގޭނެ ކަމަށާއި ޔުނީފޯމް ކޯޑުގެ ތެރެއިން ވިޔަސް ތައުލީމްގެ ފުރުސަތު ނުލިބޭނެ ގޮތަށް ސިޔާސަތުތަކާއި ގަވާއިދުތައް އެކުލަވާލައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އަދި ނިގާބު އަޅައިގެން ސްކޫލަށް ހާޒިރު ވުމަކީ އެ ކުދިންނާ ދޭތެރޭ ތަފާތުކުރުމެއް ގެންގުޅެންވާނޭ ކަމެއް ނޫން ކަމަށާއި ނިގާބު އެޅުމުގެ ސަބަބުން އެއްވެސް ފަރާތަކުން އެ ކުދިންނަށް އެއްވެސް ކަހަލަ ތަފާތުކުރުމެއް ގެންގުޅެ އަދި ހަނގާކުރުމުގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތްތަކުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ސިވިލްކޯޓުން ހުކުމް ކުރަންދެން ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެފަރާތްތަކުން ސިވިލް ކޯޓުގައި އެދިފައިވެއެވެ. އެ ފަރާތްތަކުން އެދިފައި ވަނީ، އެ މައްސަލައަށް ސިވިލް ކޯޓުން ހުކުމް ކުރަންދެން ނިގާބު އަޅައިގެން ސްކޫލަށްދާ ކުދިންނަށް، އެ ފުރުސަތު ލިބިދިނުމަށާއި އެކުދިން ސްކޫލަށް ގޮސް ތައުލީމް ހާސިލުކުރުމަށް ހުރަސް އެޅޭނެ އެއްވެސް ކަހަލަ އަމަލެއް ނުހިންގުމަށް ދިވެހި ދައުލަތަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އަދި އަރަބިއްޔާ ސްކޫލަށާއި އެ މުއައްސަސާތަކުގެ އިސްވެރިންނަށް އަމުރުކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން އޭޕްރީލް 17 ގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ވަގުތީ އަމުރަށް އެދިފައިވަނީ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން ނޫން ކަމަށެވެ. އަދި ދައުވާކުރި ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި މައްސަލަ ހުށަހެޅީ މޫނު ބުރުގާ އަޅައިގެން އަރަބިއްޔާ ސްކޫލަށް ދާ ދަރިވަރުންގެ ފަރާތުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދައުވާގައި އަދި ޝަރީއަތުގައިވެސް އެ ކުދިންނަކީ އެ ސްކޫލުގެ ދަރިވަރުންކަން އަދި އެއީ ކޮން ގްރޭޑެއްގައި ކިޔަވާ ދަރިވަރުންކަން އެނގޭނެ މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރި ނަމަވެސް ތައުލީމު ލިބިގަތުމުގެ ހައްގުން އެ ކުދިން މަހުރޫމުވެފައިވާ ގޮތަށް ކަމެއްކޮށްފައިނުވާކަން ދައުވާ ހުށަހެޅި ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކުން ސާފުވާ ކަމަށެވެ.

އަދި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރުމުން އެ ދަރިވަރުންނަށް އަނބުރާ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ދައުވާގައި ބަޔާންކޮށްފައިވިޔަސް އެ ނިންމުމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ހާލަތެއް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެފަރާތްތަކުން އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލްކޯޓުން ވަނީ ނިންމައިފައެވެ.

މި މައްސަލައިގައި ސިވިލްކޯޓުގެ އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބުނެ، ބައެއް ނުކުތާތައް ފާހަގަކޮށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބަލައި ހިކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ، މައްސަލައާ ގުޅިގެން ހުށަހެޅި ނުކުތާތަކަށް ބަލައި، ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލް ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.