އިޒްރޭލާ ދެކޮޅަށް މިހާރު ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތުގެ ފެށުމަކީ ކޮބައިބާވައެވެ. މަގްސަދަކީ އަދި އަމާޒަކީ ކޮބައިބާވައެވެ. ފަލަސްތީނުގެ ސަރަހައްދުތަކުގެ ތެރެއިން ގާޒާގެ ކޮންޓްރޯލް އޮތީ ހަމާސްއަށެވެ. ގާތްގަޑަކަށް ދެ މިލިޔަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ގާޒާގެ ބޮޑުމިނަކީ 365 އަކަކިލޯމީޓަރެވެ. މި ސަރަހައްދަކީ އެއްގަމާއި ވަޔާއި ކަނޑުގެ މަގުން އިޒްރޭލުގެ އަސްކަރިއްޔާއިން މުޅިން ވަށާލައި ބަންދުކޮށްފައިވާ ސަރަހައްދެކެވެ. ގާޒާގައި ހަމާސްގެ ވެރިކަން ހިނގަމުންދަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ. މި ކޮންޓްރޯލެއް ހަމާސްއަށް ލިބުނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ފަތަހަ ޖަމާއަތާއި ހަމާސްއާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހުގައެވެ. ފަލަސްތީނުގެ ސަރުކާރާއި ފަތަހަ ޖަމާއަތް ގާއިމްވެގެންވަނީ ހުޅަނގު އައްސޭރީގައެވެ. ގާޒާއަކީ ހުޅަނގު އައްސޭރިއާ ގުޅިފައިނުވާ މުޅިން ވަކި ސަރަހައްދެކެވެ.
ހަމާސް ޖަމާއަތް 1987 ވަނައަހަރު އުފެދުނީވެސް ގާޒާގައެވެ. ފަލަސްތީނުގެ ފުރަތަމަ އިންތިފާޟާގެ ދުވަސްވަރު މި ޖަމާއަތް އުފެއްދެވީ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚު އަހުމަދު ޔާސީނާއި އޭނާގެ އެހީތެރިއެއްކަމަށްވާ އަބްދުލްއަޒީޒު ރަންތީސީއެވެ. އިންތިފާޟާއަކީ އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ އެންމެން ތެދުވެގަތް ތެދުވުމެވެ. ހަމާސް އެންމެ ފުރަތަމަ ވުޖޫދުވީ މިސްރުގެ އިޚުވާނުލް މުސްލިމީން ޖަމާއަތުގެ ގޮތްޕެއްގެ ގޮތުގައެވެ. މާގިނަ ދުވަސްތަކެއްނުވެ ހަމާސްގެ އަސްކަރީ ގޮތްޕެއްވެސް ވުޖޫދުވެއްޖެއެވެ. ނަމަކީ އިއްޒުއްދީން އަލްގާސިމް ބްރިގޭޑެވެ. އަސްކަރީ ގޮފީގެ މަގްސަދަކީ އިޒްރޭލާ ދެކޮޅަށް ޖިހާދުކޮށްގެން ފަލަސްތީނު މިނިވަންކުރުމެވެ. ހަމާސްގެ އޮތީ ހަމައެކަނި ސިޔާސީ ގޮތްޕަކާއި އަސްކަރީ ގޮތްޕެއް ނޫނެވެ. އިޒްރޭލުގެ އަނިޔާވެރިކަން ތަހައްމަލް ކުރަމުންދާ މީހުންނަށް ެއެހީތެރިވުމަށް ވެލްފެއަރ ޕްރޮގްރާމްތައް ހިންގާ އިޖުތިމާއީ ގޮތްޕެއްވެސް އެބައޮތެވެ. ހަމާސްއަކީ ހުރިހާ ކަމަކަށް އަމާޒުހިފާފައިވާ ޖަމާއަތެކެވެ.
ފަލަސްތީނުގެ ބައެއް ޖަމާއަތްތައް، ވަކިން ޚާއްސަކޮށް ޕީއެލްއޯގެ އުސޫލުތަކާއި ފިކުރާ ޚިލާފަށް ހަމާސްއިން އިޒްރޭލަކީ ދައުލަތެއް ކަމަށް ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް ފަލަސްތީނުގެ އިމަކީ 1967ގެ ހަނގުރާމަޔާ ހަމައަށް އެންމެންވެސް އެއްބަސްވެގެންތިބި އިން ކަމަށް ގަބޫލުކުރެެއެވެ. ހަމާސްގެ ވެރިއާ ޚާލިދު މިޝްޢާލް 2017 ވަނަ އަހަރު ވިދާޅުވެފައިވެއެވެ. ކިތަންމެ ގިނަދުވަހަށް އިޒްރޭލުގެ އިސްތިއުމާރު ދެމިއޮތަސް ފަލަސްތީނުގެ ބިމުން އެންމެ އިންޗިއެއްވެސް ދޫކޮށްލަން ރުހުމެއް ނެތެވެ. އެމެރިކާ މެދުވެރިވެގެން ޕީއެލްއޯ އާއި އިޒްރޭލާ ދެމެދު 90 ގެ އަހަރުތަކުގެ ތެރޭގައި ގާއިމްކުރެވުނު އޮސްލޯ އެއްބަސްވުމަކީވެސް ހަމާސްއިން ގަބޫލުކުރާ އެއްބަސްވުމެއް ނޫނެވެ. އޮސްލޯ އެއްބަސްވުމާ އެންމެ ދެކޮޅު ބަޔަކީވެސް ހަމާސްއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ހަމާސް ބޭނުންވަނީ އެ ޖަމާއަތުން ގަބޫލުކުރާ އިމެއްގެ ތެރޭގައެވެ. އޮސްލޯ އެއްބަސްވުމާ ދެކޮޅުހަދާ މައިގަޑު ސަބަބަކީ އެއީއެވެ.
ފަލަސްތީނު މިނިވަންކުރުމަށްޓަކައި އެންމެ ކެރިގެން އެންމެ ވަރުގަދަކޮށް ޖިހާދުކުރާ ޖަމާއަތަކީވެސް ހަމާސްއެވެ. މި ޖިހާދުގައި އިޒްރޭލުގެ ސިފައިންނަށް ހަމަލާދެއެވެ. ފަލަސްތީނުގެ ބިންތަކުގައި ގަދަކަމުން ގާއިމުކުރާ އާބާދީތަކަށް ހަމަލާދެއެވެ. އަދި ސީދާ އިޒްރޭލުގެ ތެރެއަށްވެސް ހަމަލަތައް ފޮނުވައެވެ. ހަމާސްގެ ހުރިހާ ގޮފިތަކެއް ހިމެނޭހެން މުޅި ޖަމާއަތަކީވެސް ޓެރަރިސްޓުންކަމަށް އިޒްރޭލާއި އެމެރިކާޔާއި ޔޫރަޕުގެ އިއްތިހާދުން ވަނީ ނިންމައިފައެވެ. އަނެއްބަޔަކު ޓެރަރިސްޓުންގެ ގިންތީގައި ހިމަނަނީ ހަމާސްގެ އަސްކަރީ ގޮފި އެކަންޏެވެ. ހަމާސްގެ ފިކުރާއި އުސޫލުތައް ގަބޫލުކޮށް ހަމާސްއާ އިއްތިހާދުވެފައިވާ ގައުމުތަކާއި ޖަމާއަތްތަކެއްވެސް އެބަތިއްބެވެ. އެއީ އީރާނާއި ސީރިޔާއެވެ. އަދި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތެވެ. މީގެ ތެރެއިން ހިޒްބު ﷲ އަކީ އުޅެއުޅެވެސް އިޒްރޭލަށް ބަލިނުކުރެވުނު ޖަމާއަތެކެވެ. ލުބުނާނުގެ އެންމެ ވަރުގަދަ ޖަމާއަތަކީވެސް އެއީއެވެ. ހިޒްބު ﷲ ގެ ބާރު ލުބުނާނުގެ ސަރުކާރު ތެރޭގައިވެސް ވަރަށް ގަދައެވެ.
ގާޒާގައި ހަރަކާތްތެރިވަނީ ހަމައެކަނި ހަމާސްއެއް ނޫނެވެ. އިސްލާމިކް ޖިހާދޭ ކިޔުނު ޖަމާއަތެއްވެސް އޮވެއެވެ. އެއީ ގާޒާގެ ދެވަނައަށް އެންމެ ބޮޑު ޖަމާއަތެވެ. އިޒްރޭލާ ދެކޮޅު އޮޕަރޭޝަންތައް ހިންގުމުގައި ބައެއް ފަހަރު ހަމާސްއާއި އިސްލާމިކް ޖިހާދު އެއްގަލަކަށް އެރިޔަސް ހުރިހާ ފަހަރަކު އެ ދެނެގަތުމެއް ނޯވެއެވެ. ބައެއްފަހަރު އިސްލާމިކް ޖިހާދުން އަމިއްލައަށް ފަށާ ހަރަކާތްތައް ހުއްޓާލަން ހަމާސްއިން ބާރުއަޅާތީ މި ދެޖަމާއަތުގެ ގުޅުން ވަރަށް ގޯސްވާތަންވެސް އާދެއެވެ. މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާގައި އިސްލާމިކް ޖިހާދުގެ ބައިވެރިވުމެއް ނެތެވެ. އެހެންކަމުން މިހާރު ކުރިއަށްއެދާ އަސްކަރީ ކުރިމަތިލުންތަކަކީ ހަމައެކަނި އިޒްރޭލާއި ހަމާސްގެ ކުރިމަތިލުންތަކެކެވެ. ހަމާސްއިން ބުނެފައިވަނީ މިއީ ހަމައެކަނި ފެށުމެއް ކަމުގައެވެ. ނިންމައިލާނީ ފަލަސްތީނު މިނިވަންކޮށްފައި ކަމުގައެވެ. މި ހަނގުރާމައިގައި އެހެން ޖަމާއަތްތަކުންވެސް ބައިވެރިވުމަށް ހަމާސް ވަނީ އެދިފައެވެ.
މި ހަފުތާގައި އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާއަކީ ފަލަސްތީނުގެ ޖަމާއަތަކުން މިހާތަނަށް އިޒްރޭލާ ދެކޮޅަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާއެވެ. އިޒްރޭލުން ގާޒާގެ ވަށައިގެން ރާނާފައިވާ ބޮޑުފާރު ގޮއްވާލައި އިޒްރޭލުގެ ތެރެއަށްވަދެ ކިތަންމެ އަވަށެއް ހިފިއެވެ. އިޒްރޭލުގެ ސިފައިންގެ ތެރެއިން އެތައްބަޔަކު މަރައި އެތައް ބަޔަކު ރަހީނު ކުރިއެވެ. އަދި އިޒްރޭލުގެ ބައެއް އަވަށްތަކުގައި އާއްމުންވެސް ރަހީނު ކުރިއެވެ. މި ހަނގުރާމައިގައި އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ކިތަންމެ ގިނަ ޖަރީމާތަކެއް ހިންގައި ކިތަންމެ ގިނަބަޔަކު މެރިއަސް ބައިނަލްއަގުވާމީ މުޖުތަމައުން އެއީ ކަމަކަށެއް ނުހަދައެވެ. ކަމަކަށްވަނީ ހަމާސްގެ ހަމަލާއެއްގައި އިޒްރޭލުގެ އާންމުންގެ މީހަކަށް ގެއްލުމެއް ވެއްޖެނަމައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހަމާސްއިން ގަސްތުގައި އިޒްރޭލުގެ އާންމުންނަށް ހަމަލަދޭބާވައެވެ. ހަމާސްއިން ގަބޫލުކުރާ ގޮތުގައި ގަދަކަމުން ފޭރިގެންފައިވާ ބިމެއްގައި ބައިނަލްއަގުވާމީ ހަމަތަކާ ޚިލާފަށް އިޒްރޭލުން ހަދާފައިވާ އާބާދީއެއްގައި އާއްމުންނެއް ދިރިނޫޅޭނެއެވެ. އެތަންތާގައި ދިރިއުޅޭނީ މުސްތައުމިރުންނެވެ. އެމީހުންނަށް ހަމަލާ ދެވޭނެއެވެ. ދޭންވެސް ޖެހޭނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ