ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަކީ މަޖިލިސް މެންބަރުންތަކެއް ޕާޓީ ބަދަލުކުރުމާ ގުޅިގެން، އަލުން ކޮމިޓީތައް އެކުލަވައިލުމުގެ ކުރިންވެސް އޮތް ގޮތަށް ދެމިގެންދާ ކޮމިޓީއެއް ކަމަށް ފާސްކޮށް، އަލަށް އެކުލަވައިލި އެހެން ބައެއް ކޮމިޓީތަކަށް މުގައްރިރުންނާއި ނާއިބު މުގައްރިރުން އިންތިހާބުކޮށްފިއެވެ.

އެމްޑީޕީގެ 13 މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިފައިވާތީ އާއި އެހެން ބައެއް މެންބަރުންވެސް ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހިމެނިފައިވާ ގޮތަށް ބަދަލު ގެނަސް، ކޮމިޓީތަކުގައި ޕާޓީތަކާއި އަމިއްލަ މެމްބަރުން ތަމުސީލުކުރާ ނިސްބަތް ކަނޑައަޅައި، މަޖިލީހުން ފާސްކުރީ މި މަހު ހަތަރުވަނަ ދުވަހުއެވެ.

  • އެމްޑީޕީ - 64 ޕަސަންޓް - 113 ސްލޮޓް
  • ދަ ޑިމޮކްރެޓްސް - 15 ޕަސަންޓް - 27 ސްލޮޓް
  • ޕީޕީއެމް - ފަސް ޕަސަންޓް - އަށް ސްލޮޓް
  • ޕީއެންސީ - ފަސް ޕަސަންޓް - އަށް ސްލޮޓް
  • އެމްއެންޕީ - ތިން ޕަސަންޓް - ހަ ސްލޮޓް
  • އެމްޑީއޭ - ދެ ޕަސަންޓް - ހަތަރު ސްލޮޓް
  • ޖޭޕީ - ދެ ޕަސަންޓް - ހަތަރު ސްލޮޓް
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން - ތިން ޕަސަންޓް - ހަ ސްލޮޓް

އެކަމާ ގުޅިގެން އެ ކޮމިޓީތަކަށް އަލަށް މުގައްރިރުންނާއި ނާއިބު މުގައްރިރުން އިންތިހާބު ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ވަނީ، ބައެއް ކޮމިޓީތަކަށް މުގައްރިރުންނާއި ނާއިބު މުގައްރިރުން އިންތިހާބުކޮށްފައެވެ. މިއަދުވެސް ފަސް ކޮމިޓީއެއްގެ މުގައްރިރުންނާއި ނާއިބު މުގައްރިރުން އިންތިހާބު ކޮށްފައިވެއެވެ.

މުގައްރިރުން އިންތިހާބު ކުރުމުގައި މިއަދު އެންމެ ގިނަ ސުވާލުތަކެއް އުފެދުނީ 241 ކޮމިޓީގައެވެ.

ކޮމިޓީގެ މުގައްރިރު ކަމަށް އިންތިހާބު ކުރާނެ މެންބަރެއްގެ ނަން ހުށަހެޅުމަށް، ކޮމިޓީގެ އިދާރީ މުވައްޒަފު ހުޅުވާލުމާއެކު ނިޒާމީ ނުކުތާ ނަންގަވައި، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ސުވާލު އުފެއްްދެވިއެވެ.

އޭނާ ވިދާޅުވީ، 241 ކޮމިޓީއަކީ އަލުން އެކުލަވައިލި ކޮމިޓީއެއް ނޫން ކަމަށާއި އެއީ ކުރީއްސުރެއް ހިނގަމުން އަންނަ ކޮމިޓީއެއް ކަމަށެވެ. އެހެންކަމުން އެ ކޮމިޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމު ގެއްލުނުކަ މަށް ނިންމީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ ސުވާލު ކުރެއްވިއެވެ.

އަދި އެ ކޮމިޓީއަކީ ދާއިމީކޮށް ދެމި އޮންނަ ކޮމިޓީއަކަށްވާއިރު، ކޮމިޓީ އަލުން ފަށަނީތޯއާއި މުގައްރިރާއި ނާއިބު މުގައްރިރު ތިއްބަވަނިކޮށް، ކޮމިޓީގެ ކޮމްޕޮޒިޝަށް ބަދަލުވުމުން މުގައްރިރާއި ނާއިބު މުގައްރިރު ބަދަލުވަނީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކުންތޯވެސް ސައްލެ ސުވާލު ކުރެއްވިއެވެ. އަދި ކޮމިޓީ މުގައްރިރު ކަމަށް މެންބަރެއްގެ ނަން ހުށަހެޅޭނީ އެކަން ސާފުކުރުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.

ސަލީމްގެ ސުވާލާ ގުޅިގެން އެކަން އޮތް ގޮތް، ސެކެޓްރީ ޖެނެރަލްގެ ފަރާތުން ސާފުކުރުމަށްފަހު އިދާރީ މުވައްޒަފު ވިދާޅުވީ، މަޖިލީހުގައި ޕާޓީތައް ތަމުސީލުކުރާ ހަމައަށް އައި ބަަދަލާ ގުޅިގެން މަޖިލިސް ގަވާއިދުގެ 131 ވަނަ މާއްދާގެ (ރ)އާ ހަވާލާދީ މަޖިލިސް މެންބަރުން ޕާޓީތައް ތަމުސީލުކުރާ ނިސްބަތް، އާ ޕާޓީއެއްވެސް ހިމަނައިގެން އެ ނިސްބަތަށް މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ)ގެ ދަށުން، ޕީޖީ ލީޑަރުން ކޮމިޓީތަކަށް މެންބަރުންގެ ނަންތައް ފޮނުވައިގެން ފާސްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން 241 ކޮމިޓީގެ މި ބައްދަލުވުމަކީ މަޖިލިސް ގަވާއިދުގެ 132 ވަނަ މާއްދާގެ ދަށުން ކޮމިޓީތަކުގެ މުގައްރިރަކާއި ނާއިބު މުގައްރިރެއް ހުންނަންޖެހޭނެތީ، ބާއްވާ ބައްދަލުވުމެއް ކަމަށް ވިދާޅުވިއެވެ.

އެ ޖަވާބާ ގުޅިގެން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އިތުރު ސުވާލެއް އުފެއްދެވިއެވެ. ކޮމިޓީ އަލުން އެކުލަވާލައިގެން ބައްދަލުވުން ބާއްވާ ނަމަ އެޖެންޑާގައި އޮންނަން ޖެހޭނީ ފުރަތަމަ ބައްދަލުވުމުގެ ގޮތުގައިކަން ފާހަގަކުރައްވައި، ހިސާން ސުވާލު ކުރެއްވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ 14 ވަނަ ބައްދަލުވުން ކަމަށް އެޖެންޑާގައި އޮތްއިރު، އޭގެކުރިން ބޭއްވި 13 ވަނަ ބައްދަލުވުމާ ހަމައަށް ހުންނެވި މުގައްރިރަށްވީ ކިހިނެއްތޯއެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި އިދާރީ މުވައްޒަފު ވިދާޅުވީ، ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލެވިގެން ވަނީ މަޖިލީހުގެ ކޮމްޕޮޒިޝަނަށް ރިފްލެކްޓްވާ ގޮތަށް ކަމަށާއި މުޅި މަޖިލީހުގެ ކޮމްޕޮޝިނަށް ބަދަލުތަކެއް އައިސްފައިވާތީ ކޮމިޓީއަލުން އެކުލަވާލާފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ.

ނަމަވެސް 13 ވަނަ ބައްދަލުވުމުގެ މުގައްރިރުން ކޮމިޓީގައި އިންނެވި އިރު، އެ ހައިސިއްޔަތު އޭނާގެ ކިބައިން އުނިވީ ކީއްވެގެންތޯއާއި އެ ބައްދަލުވުމަކީ 14 ވަނަ ބައްދަލުވުން ކަމަށްވާ ނަމަ 13 ވަނަ ބައްދަލުވުމުގައި ހުންނެވި މުގައްރިރަށްވީ ކިހިނެއްތޯ ސާފުކޮށްދިނުމަށް ހިސާން އަނެެއްކާވެސް އެދިވަޑައިގެންނެވިއެވެ.

އެ ހިސާބުން ވާހަކަ ބަދަލުކުރައްވައި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކޮމިޓީތައް ހުއްޓުވާފައި އޮންނަތާ ދެ މަސް ދުވަސް ވެފައިވުމުން، ކޮމިޓީ ހިނގާނެ ގޮތް ހަމަޖައްސަންޖެހޭ ކަމަށެވެ. އެހެންކަމަން ކޮމިޓީގެ މުގައްރިރަކަށް، ކުރިންވެސް ހުންނެވި މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމްގެ ނަން ހުށަހަޅުއްވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއީ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވައި އެ ކޮމިޓީގައި އިންނެވި ހަމައެކަނި އަމިއްލަ މެމްބަރު ތުލުސްދޫ ދާއިރާގެ އިބްރާހިމް ނަސީމު ވިދާޅުވީ، 241 ކޮމިޓީއަކީ އާ ކޮމިޓީއެއް ނޫން ކަމަށާއި މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ ގޮތަށް އޮންނަ ކޮމިޓީތަކެއް ކަމަށެވެ. އެހެންވެ ކުރިންވެސް އޮތް ގޮތަށް، 241 ކޮމިޓީގައި ތިއްބެވި މުގައްރިރާއި ނާއިބު މުގައްރިރުވެސް އަދި މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ތާއީދު ކުރެއްވުމުން ޖީހާންގެ ހުށަހެޅުން އަނބުރާ ގެންދެވިއެވެ. އަދި އެ ވަގުތު ކޮމިޓީގައި ތިއްްބެވި 12 މެންބަރުންގެ އިއްތިފާހުން ނަސީމުގެ ހުށަހެޅުއްވި ގޮތަށް އެ ކޮމިޓީގެ މުގައްރިރަކީ ކުރިންވެސް އޮތް ގޮތަށް އަސްލަމް ކަމަށާއި ނާއިބު މުގައްރިރަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ކަމަށް ފާސްކުރިއެވެ.

އިތުރު ކޮމިޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބު ކުރި ގޮތަކީ:

  • - އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރަކަށް މެމްބަރު ސަލީމް/ ނައިބަކަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
  • - ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މުގައްރިރަކަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު/ ނައިބަކަށް މަނަދޫ ދާއިރާގެ މެމްބަަރު އަހުމަދު ހާރޫން
  • - އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރަކަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ/ ނައިބަކަށް މަނަދޫ ދާއިރާގެ މެންބަަރު އަހުމަދު ހާރޫން
  • - ލާމަރުކަޒީ ކޮމިޓީގެ މުގައްރިރަކަށް ހުލުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު/ ނައިބަކަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު