އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތްކުރައްވާނެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައި ވަނީ ހަތް މެމްބަރުންގެ ކޮމިޓީއެއް ކަމަށެވެ. ނަމަވެސް އެ ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ ތަފްސީލު އަދި ހާމައެއް ނުކުރައްވައެވެ.

ފިރުޒުލް ވިދާޅުވީ ކޮމިޓީ ބަޖެޓު އެކުލަވާލުމުގައި އިންތިހާބީ ރައީސަށާއި އިންތިހާބީ ރައީސްގެ ޓީމަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީންނާއި ސަރުކާރުގެ އިދާރާތަކުންވެސް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އުންމީދުކުރަނީ ބަޖެޓު އެކުލަވާލުމުގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން އޭގެ ތެރޭގައި ހިމަނައިގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް 2024 ވަނަ އަހަރަށް ލަފާކުރެވޭ ކުރެވޭ ބަޖެޓު ފަރުމާކުރުމަށް އަޅުގަނޑުމެންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް، އެ ޔަގީންކަން ދެއްވާފައިވޭ،" ފިރުޒުލް ވިދާޅުވިއެވެ.

އިންތިހާބީ ރައީސްގެ ޓީމުން އަންދާޒާ ކުރާ ބަޖެޓުގެ ތަފްސީލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ ބަޖެޓުގައި އިސްކަން ދެއްވާނެ ކަންކަމުގެ ތަފްސީލު ދަންނަވާލަން އަދި ދަތި ކަމަށެވެ. އަދި އެއީ 100 ދުވަހުގެ ވައުދުތަކުގެ މަސައްކަތްވެސް ކުރަމުންދާތީ ކަމަށާއި އެކަމަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ތަފުސީލާއި މިހާރުގެ ހާލަތުގެ މައުލޫމާތަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާތީ ކަމަށް ވިދާޅުވިއެވެ.