ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ހިސާބުތަކަށާއި ލިޔެކިޔުންތަކަށް ބަދަލުގެންނަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ ދައުލަތުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަދަލުގެންނަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި ކުރީގެ ތާރީހުތަކަށް ރަސީދުތައް އުފެއްދުން ފަދަ ކަންކަން ހިންގަމުންދާ ކަމަށްވެސް މައުލޫމާތު ލިބޭ ކަމަށެވެ.

"ކޮންމެސް ވަރަކަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެމުންދޭ ދައުލަތުގެ ހިސާބުކިތާބަށް، ކުންފުނިތަކާ މުއައްސަސާތަކުގެ ހިސާބުކިތާބަށް ބައެއް ބަދަލު ގެނެސް ކުރީގެ ތާރީހުތަކުގެ ރަސީދުތައް އުފެއްދުމާއި މިފަދަ ކަންކަން ހިންގަމުންދާ ކަމަށް،" ފިރުޒުލް ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންގިތާލީ މައުހަލާގައި ވަޒީފާތަކަށް މީހުން ނުނެގުމަށް ސިވިލް ސާވިސް ކޮމިޝަނުންވެސް އެދިފައިވާ އިރު، އަދިވެސް ބައެއް އިދާރާތަކަށް މުވައްޒަފުން ނަގަމުންދާ ކަމަށް ތަކުރާރުކޮށް މައުލޫމާތު ލިބިފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އާ ވަޒީފާ އުފައްދަމުންދާ ކަމަށާއި ވަޒީފާގެ ކުރިއެރުން ދެމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާތީ އެކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ އެއީ ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ ދަށުން ލިބުގެންވާ ބާރެއް ނަމަވެސް މި މަރުހަލާގެ ރޫހާ އެއްގޮތަށް އެކަމުގައިވެސް އަމަލުތައް ބަހައްޓަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.