ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މިއަދު މަޖިލީހަށް ވައްދައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 49 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ފޮނުވާފައި ވަނީ މިއަދުއެވެ. މައްސަލަ މަޖިލީހުން ބަލައިގަނެފައިވީ ނަމަވެސް އަދި އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ދެވަނަ ފަހަރަށް މަޖިލިސް ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކުރީ އިއްޔެއެވެ.
މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމަށް 54 މެންބަރުންގެ ސޮޔާއެކު އެންމެ ފުރަތަމަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް، މަޖިލިސް ވަނީ އެކި އުޒުރުތައް ދައްކަވައިފައެވެ.
އެގޮތުން ވިދާޅުވަމުން ގެންދެވީ، މަޖިލިސް ރައީސްގެ އިތުރުން، ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ، ރައީސާއި ނާއިބު ރައީސްގެ މައްސަލަ އެއްފަހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އޭގެ އިތުރުން އެ ދުވަސްވަރު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ޕާޓީން ކެނޑުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަށް ހުއްޓުވާފައިވާތީ، އިތުބާރު ނެތްކަމުގެ މައްސަލައިގެ ވަގުތު ކަނޑައަޅަންޖެހޭ އާއްމު ކޮމިޓީ ނުހިނގާ އޮތުމަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބައެއް ކަމަށްވެސް މަޖިލިސް ރައީސް އޭރު ވިދާޅުވަމުން ގެންދެވިއެވެ.
އެ މައްސަލައާ ގުޅިގެން މަޖިލިސް ކުރިއަށް ނުގެންދެވި ޑެޑްލޮކްގައި އޮތުމުން، މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެނައުމަށް ނިންމައި، ހުސްވި ސެޕްޓެމްބަރު މަހުގެ 11 ގައި އެ ދެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އޭރު އިތުބާރު ނެތްކަމުގެ މައްސަލަ އަބުރާ ގެންދިޔައީ، އެ މައްސަލަ އަނބުރާ ގެންދިއުމަށް ބައެއް މެންބަރުން އެދެމުން ދިއުމުން ކަމަށާއި އޭރު މަޖިލިސް ޑެޑްލޮކެއްގައި އޮތުމުން މަޖިލިސް ހިނގާނެ ގޮތެއް ހޯދުމަށާއި ގައުމުގެ މުހިއްމު ހައްސާސް މައްސަލަތަކަށް، ވަގުތުން އެޑްކުރަންޖެހޭ މަޖިލީހުގެ ކޮމިޓީތައް ހުރުމުން ކޮމިޓީތައް އެކުލަވާލަން ފުރުސަތު ދިނުމަށް ކަމަށެވެ.
އޭގެ އިތުރުން މަޖިލިސް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ، ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަސައްކަޔްކުރަން ބޭނުންވާ ޖާގަ ހޯދުމަށާއި މަޖިލިސް ރައީސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް ބެލުންވެސް އެއީ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ކަމެއް އެގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މި ފަހަރަކީ އިތުރު ބަދަލު ކުރުމެއްނެތި މަޖިލިސް ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން ކުރިހާ މެންބަރުން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަހަރު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު