މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށް، 46 އަށްވުރެ ގިނަ މެމްބަރުން ސޮއި ކުރައްވައިފިއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފާސްކުރީ މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައެވެ. އެ މައްސަލަ ފާސްކޮށްފައިވަނީ 44 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ވަން" އަށް ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުން ވެސް ސޮއި ކުރައްވާފައިވާ ކަމަށާއި 46 އަށްވުރެ ގިނަ މެމްބަރުން ސޮއި ކުރައްވާފައިވާ ކަމަށެވެ. އަދި ގިނަ މެމްބަރުން އެދިވަޑައިގެންފައިވަނީ މިއަދު މައްސަލަ ހުށަހެޅުމަށް ކަމަށާއި އެހެންވެ އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެ ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރެއްވި އެއް މައްސަލައަކީ ރައީސް ނަޝީދުގެ މަސްލަހަތާ ގުޅޭ ކަންކަން އެޖެންޑާ ކުރެއްވުން ކަމަށެވެ. ހާއްސަކޮށް ނަޝީދާ ގާތް މީހުން ހުށަހަޅުއްވާ މައްސަލަތައް އަވަހަށް އެޖެންޑާ ކުރައްވާ ކަމަށް މެމްބަރުން ފާހަގަކުރެއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މަޖިލިސް ރައީސަށް ބާރު އޮންނަނީ އެޖެންޑާ ކުރުމަށް. މުހިންމު މައްސަލަތައް ހުއްޓައި އެޖެންޑާ ކުރީ ރެފަރެންޑަމް މައްސަލަވެސް. އޭގެ ފަހުން އިިލްޔާސް ލަބީބް ހުށަހެޅި މައްސަލަވެސް. ފެނިގެން ދަނީ ގާތް މީހުންގެ މައްސަލަތައް އެޖެންޑާ ކުރެވިގެންދާ މަންޒަރު. އެއީ ޕާޓީގެ މެމްބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަސްލަމް ވިިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގައި އަބަދުވެސް އޮންނަނީ މަޖިލިސް މެޖޯރިޓީ އޮންނަ ޕާޓީގެ ބޭފުޅަކު ކަމަށެވެ. މިވަގުތު ރައީސް ނަޝީދަކީ އެމްޑީޕީ ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން އެމްޑީޕީ ބޭފުޅަކު މަޖިލިސް ރިޔާސަތުގައި އިންނެވުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
ނޮވެމްބަރު 17 ގެ ފަހުން އެމްޑީޕީ ވެގެންދާނީ އިދިކޮޅު ޕާޓީއަށް ކަމަށާއި އެހެންކަމުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރިޔާސަތެއް އޮތުން މުހިންމު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މަޖިލިސް ރައީސްކަމުގެ މަގާމަށް އޭނާ ޝައުގުވެރިކަން ހުންނެވި ކަމަށާއި ނަމަވެސް އެކަން ނިންމާނީ ޕީޖީ ގްރޫޕުން ކަމަށެވެ. އަދި ޕާޓީއަށާއި ގައުމަށް ހިދުމަތް ކުރެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށް އަސްލަމް ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދުއާ އެކު މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީއާ ކުރިމަތިވި ނާކާމިޔާބީއަށް ފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު