އިންޑިއާ ސިފައިގެ 75 ވަރަކަށް ބޭކަލުން ރާއްޖޭގައި ތިބުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރުހިވަޑައިގަންނަވާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައި، ރައްޔިރުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވާ ފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިރުޒުލް އަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދުގެ އެ ވާހަކަ ފުޅަކީ، ރައީސް މުއިއްޒާ މަޝްވަރާ ކުރައްވައިގެން ދައްކަވާފައިވާ ވާހަކަފުޅެއް ނޫން ކަމަށެވެ.

"އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެއްވި ބަސްދީ ގަތުމެއްގައި ޑރ. މުއިއްޒާ ހަވާލާ ދެއްވައި އިންޑިއާ ސިފައިންގެ 75 ވަރަކަށް ބޭކަލުން މިތާ ތިބުމަށް ރުހިވަޑައިގަންނަވާނެ ކަމަށް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާތީ، އެވާހަކަ ފުޅަކީ އެއްވެސް ހާލެއްގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އާ މަޝްވަރާ ކުރެވިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫން،"

ފިރުޒުލް އަބްދުﷲ ވިދާޅުވީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ސްޓޭންޑަކީ "އިންޑިއާ އަދި އެހެން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓް ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކުވެސް ނުރުހެވޭނެއޭ، އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން އަދި ހަމަ އެހެންމެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ސާފުސަރީހަ ސްޓޭންޑް،" ކަމަށެވެ.

ދިވެހި ރައްޔިރުންގެ ނިންމުމާ ފުށޫއަރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ އެ ވާހަކަފުޅުތަކާމެދު ހިތާމަކުރައްވާ ކަމަށާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވައި އެފަދަ ވާހަކަފުޅުތައް ދެއްކެވީތީ ހިތާމަކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން އެކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.