މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި 15 އަހަރު މަސައްކަތް ކުރި އަލީ ރިޔާޝް (ގުލޭނޫރަންމާގެ/ލ ކުނަހަންދޫ) އަކީ އެ ސާވިސްގެ ހިވާގި މުވައްޒަފެކެވެ. ބައެއް ފަހަރު، ކުޅެދުންތެރި މީހަކު ނުކުޅެދޭ މީހަކަށް ހަދާލަނީ ކޮންމެވެސް އެހެން ބައެއްގެ އިހުމާލުންނެވެ. ހައްސާކޮށް އެއްގަމު އުޅަނދުތަކުން ލިބޭ އަނިޔާއިން އުމުރަށް އެކަން ތަހަމަލުކުރަން ޖެހޭ މީހުންވެސް އަންނަނީ ގިނަވަމުންނެވެ.

އާދައިގެ މަތީން، ރިޒާ މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހުވެސް ނުކުތީ ލޯބިވާ އަނބިމީހާ އާއި ދަރީން ކައިރީގައި ހުރުމަށްފަހު ވަޒީފާއަށް ދިއުމަށެވެ. އަލީގެ 4 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖަކު ހުރެއެވެ.

އެނބުރި ލޯބިވާ އާއިލާ ކައިރިއަށް އެނބުރި ދެވޭނެ ކަމުގެ އުއްމީދުގައި ވަޒީފާއަށް ނުކުތް ނަމަވެސް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އުޅަނދަކުން ޖެހި އޭނާގެ ދުނިޔެ ބަނަވެ އެނދުމަތިވާން ޖެހުމުން މިހާރު ވަނީ މީހެއްގެ އެހީ އާއެކު މެނުވީ ފާހަނަޔަށްވެސް ނުދެވޭވަރަށް ނުކުޅެދިފައެވެ.

އަލީގެ އެކްސިޑެންޓަށްފަހު ސިނކުޑީގެ ވައާތުފަޅިއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ރަނގަޅުވާން ދުވަސްތަކެއް ނަގާނެ ކަމަށް ޑރ. ނިޒާފުވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ދެމިގެން ދާނެ ކަމެއްކަން ނެނގޭ ކަމަށް ރާއްޖެއިންނާއި އިންޑިޔާއިން ބެލި ޑޮކްޓަރުން ބުނާކަމަށެވެ. މީގެއިތުރުން އަލީގެ ހަށިގަނޑުގެ ކަނާތްފަޅި ވާގި ނެތުމުގެ ސަބަބުން އެ ފަޅީގެ އަތްވެސް ހަރަކާތް ނުކުރާކަމަށާއި އެ އަތުގެ އެތެރޭގެ މަސްގަނޑުވެސް ވަނީ އިރައިންގޮސްފައި ކަމަށް ޓެސްޓްތަކުން ދައްކާ ކަމުގައި އާއިލާއިން "ވަން" އަށް ބުންޏެވެ.

އަލީގެ ދޮންތަ ބުނީ އިންޑިޔާގައި ފަރުވާގެ ކަންކަން ކުރިޔަށް ގެންދާއިރު، ގިނަ އަދަދެއްގެ ފައިސާ ހަރަދުވި ކަމަށެވެ. މީގެ ދެމަސް ކުރިން ހެޔޮއެދޭ ރައްޓެހީންނާއި އާއިލާ މީހުންގެ އެހީއާއި އެކު އިންޑިޔާގައި ފަރުވާ ކުރުމަށްފަހު ރާއްޖެ އެނބުރި އައިސް ސްޕީޗް ތެރަޕީއާއި ފިޒިއޯތެރަޕީވެސް އައިޖީއެމްއެޗްއިން ޑރ. ފަރުޒާނާގެ ބެލުމުގެ ދަށުން މިހާރު ނަގަމުންގެންދާ ކަމުގައެވެ.

ހަމައެއާއިއެކު މި އެކްސިޑެންޓުގެ ސަބަބުން އަލީގެ ލޮލުގައި ފެނުމުގެ މައްސަލަ ހުރިކަންވެސް ފާހަގަ ކުރެވޭ ކަމަށާއި ވޭތުވެދިޔަ 7 މަސްދުވަސްތެރޭ ފަރުވާގެ ކަންކަމުގައި 4 ލައްކައެއްހައި ދިވެހި ރުފިޔާ ބޭސް ފަރުވާގެ ކަންކަމަށް ހޭދަވެފައިވާނެ ކަމަށް އަލީގެ ހުރިހާ ކަމެއްގެ ޒިންމާ ނަގައިން ހުރި އޭނާގެ ދޮންތަގެ ފިރިމީހާ ނިޒާމު ބުންޏެވެ.

މިކަންކަމުގައިވެސް ބައެއް ހާލަތް ތަކުގައި ފައިސާގެ ދަތިކަން ކުރިމަތިވާ ކަމަށާއި ޑރ. ބުނާ ގޮތުން ދިގު މުއްދަތަކަށް އެކަމަށް ދާއިމީ ފަރުވާ ބޭނުންވެއެވެ. އެކްސިޑެންޓުގެ ސަބަބުން ސިކުނޑިއަށް ލިބިފައިވާ ގެއްލުމުން ވާހަކަ ދެއްކުމާއި ހަނދާނުގައިވެސް ކޮށިކަމެއް ހުރި ކަމަށާއި އުންމީދު ކަނޑައިނުލައި ކޮއްކޮ ރަނގަޅު ވާނެ ކަމުގެ އުއްމީދުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވަމުންދާނެ ކަމުގައި އަލީގެ ދޮންތަ ބުންޏެވެ.

އަލީ ބުނަނީ، ކޮންމެ މީހެއްގެވެސް އިމްތިހާނު ތަފާތު ވާނެ ކަމަށެވެ. އަލީއަށް ކުރިމަތިވި ކަންތައް އެހެން މީހަކަށް ތަހައްމަލު ކުރަން ނުޖެހިދާނެ ކަމަށެވެ. އޭނާގެ ހިތާމައާއި މޮޅިވެރިކަމުގެ ޝިފާއަށް އެދި ދަންނަވަނީ ހަމައެކަނި ﷲ ތައާލާއަށް ކަމަށެވެ.

ހަމަމިއާއި އެކު އަލީ ވަޒީފާ އަދާކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެހީވަމުން ދިޔަނަމަވެސް، ސިކުނޑީގެ ފްރަންޓަލް ލޯބް ރިކަވަރީއަކީ ދިގު މުއްދަތެއް ނަގާ ބައްޔެއްކަމުން އިތުރު ފަރުވާއަށް ބެންކޮކް ފަދަ ބޭސްފަރުވާގެ އިތުރު ވަސީލަތްތައް ފުރިހަމަ ގައުމަކަށް އަލީ ގެންދަން ވިސްނާ ކަމުގައިވެސް އާއިލާއިން ބުނެއެވެ. އެތަނުގައި ފަރުވާއަށް އެކަނިވެސް ގާތްގަނޑަކަށް 10 ހާސް ޑޮލަރު ހޭދަވާނެ ކަމަށް އަލީގެ އާއިލާއިން ބުނެއެވެ. މިކަން ކުރެވެން އަންނަނީ ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީގައި ކަމުން އަލީ ރިޔާޝްގެ އާއިލާއިން އެދެނީ ވެދެވެން އޮތް މިންވަރަކުން އެހީވެދިނުމަށެވެ.

ނޯޓު: އެހީތެރިވާން ބޭނުން ފަރާތްތަކުނ ތިރީގައިވާ އަލީ ރިޔާޝްގެ އެކައުންޓް ނަންބަރަށް ފައިސާ ޖަމާކޮށްދޭން އާއިލާއިން އެދެއެވެ.

ބޭންކް އޮފް މޯލްޑިވްސް އެކަންއުންޓް ނަމްބަރު: 7703240280101

ޑޮލަރު އެކައުންޓް ނަމްބަރު : 7730000575047

މި ރިޕޯޓަކީ އެހީތެރިކަމުގެ އަތެއް ބޭނުންޖެހިފައިވާ ފަރާތަކަށް އެހީ ވުމުގެ ގޮތުން ލިޔެފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހިމަނާފައިވާ ފޮޓޯ ތަކަކީ، އަލީ ރިޔާޝް މިހާރު ކުރަމުން އަންނަ ފަރުވާގެ ތެރެއިން ބައެއް ބޭސް ސިޓީތަކާއި ޑިސްޗާޖް ސަމަރީ ތަކެވެ.

އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9193355 ނާޒިމް އަށް ގުޅުމަށް (އަލީގެ ދޮންތަ ފިރިމީހާ ނާޒިމް)