ސިއްކީމްއަށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާގައި، ބައެއް މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އިންޑިއާގެ އިރު އުތުރު ސިއްކީމް ސްޓޭޓަށް ވާރޭ ވެހެން ފެށީ ކުއްލިޔަކަށް ކަމަށް ނޫސްތަކުން ބުނެއެވެ. އަންގާރަ އަދި ބުދަ ދުވަހު ވެހުނު ވާރޭގައި، މަރުވި މީހުންގެ ޔަގީން އަދަދު އެ ނޫހުން އެކި ގޮތަށް ރިޕޯޓުކޮށްފައިވެއެވެ. ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. ގެއްލުނު މީހުންގެ އަދަދު 100 އާ ގާތްކޮށްފައިވާ އިރު، އޭގެ ތެރޭގައި ސިފައިންގެ 22 މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޯކޮށް ވާރޭވެހުމާއެކު އެ ސްޓޭޓްގެ ޓީސްޓަރ ކޯރު ފުރި ބަންޑުން ވުމާއެކު ސިއްކީމްގެ ލަންޗެން ވެލީ އެއްކޮށް ފެންބޮޑުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ސިފައިން، ނެރެފައިވާ ބަޔާނުގައި ވާގޮތުން ސިއްކީމްގައި ފެންބޮޑުވެފައިވަނީ އެކަމަށް ތައްޔާރުވާން ވަގުތުވެސް ނުލިބިއެވެ. އެ ގޮތުން 20 ފޫޓަށް ފެންގަނޑު ބޮޑުވިކަމަށް ބަޔާނުގައި ވެއެވެ.

ގެއްލުނު ސިފައިންނާއި އާންމުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓައިނުލައި ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ. އަދި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

ހިމާލިޔާ ސަރަހައްދުގައި ހުންނަ ސްޓޭޓް ތަކުގެ ތެރެއިން ސިއްކީމް އަކީ މީގެ ކުރިން މިވަރަށް ފެންބޮޑުވި ސްޓޭޓެއް ނޫން ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.