ވެރިކަން ބަދަލުވުމުގެ މަރުހަލާ (އިންތިގާލީ މަރުހަލާ) ގައި ބައެއް ކަންކަން ކުރުން މަޑުޖައްސާލަން ސަރުކާރު ކުންފުނިތަކަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.

ޕީސީބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިނގަމުންދާ އިންތިގާލީ މަރުހަލާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރިކުރާ ކުންފުނިތަކުން އާންމުކޮށް ހިންގާ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް އާ ޕްރޮޖެކްޓެއް ހިންގައި ނުވަތަ ބޮޑު ހަރަދެއް ކޮށްގެން ނުވާނެ ކަމަށެވެ. މީގެ އިތުރުންވެސް ބައެއް ކަންކަން ކުރުމަށް ކުންފުނިތަކަށް ވަނީ އަންގައިފައެވެ. އެއީ:

  • ކުންފުނީގެ އާމްދަނީގެ އުސޫލުތަކާއި ގަވައިދުތަކާ ނިންމުންތަކަށް އެއްވެސް ބަދަލު ނުގެނައުން
  • ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުން
  • ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވައިދުތަކާއި އުސޫލުތަކަށް ބަދަލު ނުގެނައުން
  • ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުން

ޕީސީބީން ވަނީ އިންތިގާލީ ކޮމިޓީއިން އެދޭ އަދި ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށް ދިނުމާއި ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ކުންފުނިތަކަށް އަންގައިފައެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ ޗެއާމަނަކީ، ޕީޕީއެމް އާއި ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފައެވެ. އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.