ރިޔާސީ އިންތިހާބުން އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އިދިކޮޅުން އޮޅުވާލައިގެން ވާހަކަތަކެއް ފެތުރުމުން ކަމަށާއި ރައްޔިތުންނަށް ލަސްތަކެއް ނުވެ ހަގީގަތް ހާމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުތަކުގައި ކާމިޔާބާއި ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށާއި ނަމަވެސް އިންތިހާބުން ނާކާމިޔާބުވުމުން މަޑުން ނުތިބެ، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށެވެ.

"މާ ލަސްތަކެއް ނުވެ، މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ބަލައިގަނެ، ރައްޔިތުން އެ ވާހަކަތައް ދައްކަން ފަށާނެ. ނާކާމިޔާބުވުގެން ދިޔައީ އޮޅުވާލައިގެން ވާހަކަތަކެއް ފަތުރަމުން ދިއުމުން، ލަސްތަކެއް ނުވެ ހަގީގަތް ހާމަވެގެންދާނެ. ކުރިއަށްއޮތް އަމާޒަކީ ރައްޔިތުންގެ މަޖިލިސް ހޯދައިދިނުން، 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށާއި އެމަނިކުފާނު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

"އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަކަށް ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށްވަންޏާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަޅުގަނޑު އަމަލީގޮތުން ވެސް މަސައްކަތްކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވަން އެމްޑީޕީން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ޕާޓީއަށް ލިބޭނެ ކަމަށާއި ޒިންމާދާރުކަމާ އެކީގައި އެމްޑީޕީން އެ މަސައްކަތްކުރަން ޖެހޭ ކަމަށެވެ.