މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެމްޑީޕީއާ އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވަކި ބަޔަކަށް ތާއީދު ނުކޮށް ޑިމޮކްރޭޓުން ތިބެއްޖެނަމަ، ނިޒާމީ ވޯޓަށް ތާއީދު ކުރާނެކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެން އެކަން ދޮގުކޮށް އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަ ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން އެމްޑީޕީއަށް ގަބޫލުކުރެވެން ނެތް ކަމަށް ދަ ޑިމޮކްރެޓްސްއަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އެއްވެސް ކަމަކަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އަދި "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ މި ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން،" ކަމަށްވެސް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެ މަނިކުފާނު އުފެއްދެވި، ދަ ޑިމޮކްރެޓްސްއިން ވަކިކޮޅަކަށް ތާއީދު ނުކޮށްފިނަމަ ނިޒާމީ ވޯޓު ނެގުމަށް ތާއީދުކުރުމަށް އެމްޑީޕީން އެ ޕާޓީއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި އެމްޑީޕީން އެދިގެން، އެކަން ކަށަވަރުކޮށްދޭ ސިޓީއެއް ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެ ސިޓީއަށް އެމްޑީޕީން ޖަވާބު ދީފައި ނުވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން، އެމްޑީޕީއަކީ މިވަގުތު ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު