ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް އަލުން ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އެ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭ ކަމަށް ބުނެ، އެކަމަށް އިތުރު ވަގުތު ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ، އެ ވޯޓާމެދު އީސީން މަޖިލީހަށް ފޮނުވި ސިޓީއާބެހޭގޮތުން ބަހުސް ކުރުމެވެ.

މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ނިޒާމީ ވޯޓު ނެގުމަށް ގިނަ މަސައްކަތްތަތަކެއް ކުރަން ޖެހޭކަން ފާހަގަކޮށް، އެކަމަށް އިތުރު ވަގުތު ދިނުމަަށް އިލެކްޝަންސް ކޮމިޝަނުން އެ ސީޓީގައި ވަނީ އެދިފައެވެ.

މަޖިލީހުގެ އަމީން އާއްމުގެ ނާއިބު މިއަދު މަޖިލީހަށް އިއްވެވި ސިޓީގައި، ނިޒާމީ ވޯޓާ ގުޅޭ މަަސައްކަތްތަކަށް ހޭދަވާނެ ވަގުތު ވަޒަންކޮށް، ވޯޓު ނެގޭނެ ކަމަށް ކޮމިޝަނަށް ފެންނަ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލުގެ އިބާރާތާއި، ވޯޓާ ގުޅޭ މައުލޫމާތު ކަރުދާހެއް ފޮނުވައިދޭން ވެސް ކޮމިޝަނުން އެދިފައިވެ އެވެ.

އީސީގެ ސިޓީގައި ބުނެފައި ވަނީ، ވޯޓު ނަގާ މައުލޫއާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވައިލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކާއި، ވޯޓަށް ތައްޔާރުވުމަށް ކުރަން ޖެހޭ އެހެން ކަންކަން، ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެކަމަށެވެ.

ތިން ކަމެއް ލިޔުމުން ހިއްސާކުރުމަށްވެސް އީސީގެ ސިޓިގައި މަޖިލީހުގައި ވަނީ އެދިފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ލިސްޓު ކޮށްފައި ވަނީ، ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެވެ. އީސީން ބުނީ، މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަރާރު އޮތް ގޮތުން ގިނަ ގޮތްތަކަކަށް ސުވާލުކުރެވޭ ގޮތަށް އޮތް ކަމަށެވެ. ނަމަވެސް އެފަދަ ވޯޓެއް ނަގާއިރު ރައްޔިތުންނަށް ދޫކޮށްލާ އިހުތިޔާރީ ޖަވާބުތައް ކަނޑައަަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި އީސީން އެދިފައި ވަނީ، މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމަށެވެ. އަދި ތިން ވަނަ ކަމަކަށް ލިސްޓު ކޮށްފައި ވަނީ، ނިޒާމީ ވޯޓް ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށެވެ.