މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މަރުހަބާ ދަންނަވައިފިއެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒަށް ރަސްގެފާނު ސަލްމާން އާއި ވަލީ އަހުދު މުހައްމަދު މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ސައުދީން ރާއްޖޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެޓްރިކް އަލް ދޮސާރީވެސް ވަނީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.
މެޓްރިކް އަލް ދޮސާރީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި ސައުދީއަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު