އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި ވޯޓުލުމުން ފާހަގަޖަހާނީ ވައަތުގެ ކަށި އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަޖަހާފައި ވަނީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ.
އީސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ދެވަނަ ބުރުގެ ފާހަގަ ކަށި އިނގިލީގައި ޖެހުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އީސީން އެގޮތަށް ނިންމި ނަމަވެސް، އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، ކައިރިކައިރިކޮށް އިންތިހާބު ބާއްވާނަމަ ފާހަގަޖަހަނީ ފުރަތަމަ ބުރުގައި ފާހަގަޖެހި އިނގިއްޔާ ޖެހިގެން ހުންނަ އިނގިލީގައި ކަމަށެވެ.
"މިފަހަރު ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި ދެން އަންނަ އިންތިހާބެއްގައި ޖަހާނީ އެ އިނގިއްޔާ ޖެހިގެން ހުންނަ އިނގިލީގައި،" ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 586 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،804 މީހަކަށެވެ. އެއީ 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު