ސުނާމީއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ސަރުކާރުން ދޭން ނިންމި 50،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް، އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން ގެންދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އާއިލާތަކަށް 50،000 ރުފިޔާގެ އިނާޔަތެއް ދޭން ނިންމަވައިފައެވެ.

ގަމު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިނާޔަތަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަހަކުން އެ މަހުގެ 21 އަށް ހުޅުވާލާނެ ކަމަށާއި މި އިނާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ (މުންޑޫ/ކަޅައިދޫގައި ހުރި ގޭގެ) ވެރިފަރާތުން ކަމަށެވެ.

ވެރިފަރާތް ދުނިޔޭގައި ނެތްނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެނަމަ، އިނާޔަތަށް އެދޭނީ ވާރިސުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކުން ކަމަށް ބުންޏެވެ.