ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1/ ހުސައިން ޝިފާއު، 37އ. ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ އަމިއްލައަށް ރާއްޖެ އައުމުން، ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް މިއަދު ވިދާޅުވީ ޝިފާއު ހައްޔަރު ކުރަން ކޯޓު އަމުރެއް އޮތުމުން އޭނާ ރާއްޖެ އައުމުން ހައްޔަރުކުރި ނަމަވެސް ފަހުން ޝަރުތުތަކަކާ އެކު ދޫކޮށްލި ކަމަށެވެ. އަދި އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގައި ކަމަށްވެސް ބުންޏެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ މި އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމުމަށް މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.

އޭނާ ދޫކޮށްލަން ކުރި އަމަރުގައި ބުނެފައިވަނީ ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން ވަނީ އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފައެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އޮތީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ 23 ދައުވާއެއް އުފުލައިފައެވެ.

އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.