ހިޖުރަ ކުރާ މީހުން އިތުރުވެ ކޮސްޓަރިކާގައި އިމަޖެންސީ އިއުލާންކޮށްފިއެވެ.
ކޮސްޓަރިކާގެ ރައީސް ރޮޑްރިގޯ ޗާވޭސް ވަނީ އެގައުމު ހުރަސްކޮށް އެމެރިކާއަށް އެތެރެވުމަށް މަސައްކަތް ކުރަމުންދާ ހިޖުރަވެރިން އިތުރުވެ އެގައުމު ނުރައްކަލަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ޗާވޭސް ވަނީ އެގައުމު ހުރަސް ކުރާ މީހުން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުން ކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ވެނެޒުއޭލާ އާއި އީކުއެޑޯ، ޗައިނާ އާއި ކޮލަމްބިއާގެ އިތުރުން ހެއިޓީ އާއި ޔަމަނާއި ބަންގްލަދޭޝް މީހުން ހިމެނޭ ކަމަށް ޗާވޭސް ވިދާޅުވިއެވެ.
ހިޖުރަކުރާ ފަރާތްތަކާބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ވަނީ މިދިޔަ މަހު އެކަނިވެސް ކޮސްޓަރިކާ އަށް 84،490 މީހުން އެތެރެވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް ބުނެފައެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 50 އިންސައްތަ އިތުރުވުމެކެވެ.
މިއަހަރު މިހާތަނަށް 248،901 މީހުން އެގައުމު ހުރަސްކޮށްފައިވާ ކަމަށް ކޮސްޓަރީކާއިން ޝާއިރުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ޗާވޭސް ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކުވެސް މިކަމުގައި މަޝްވަރާތައް ކުރައްވައިފައެވެ. އެމަޝްވަރާތަކުގައި ހިޖުރަކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ވަނީ ކަންތައްތަކެއް ހަމަޖެއްސުމަށް އެއްބަސްވެވަޑައިގެންފައެވެ.