ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 32

1

ޒާރާ ހަނދާނަށް އައީ ރޭގެ ވަގުތުތަކެވެ. އައްފާނަށް ނުނިދޭނެކަން އޭނާއަށް އެނގެއެވެ. މިއަދު އޮތީ އެހާ ގަދަ ނިދީގައެވެ. ހެދިކާ ހެދީވެސް އެހާ ގަދަ ނިދީގައި އޮތީމަކަން ޔަގީނެވެ. ކުއްލިއަކަށް ޒާރާއަށް ހެވުނެވެ.

"އައްޔަވެސް ދޯ...." ޒާރާ ބުންޏެވެ.

ޒާރާއަށް ބަލައިލީ ޖަންނަތާއި ވަސީމާ އެކީގައެވެ.

ވަސީމާ ބަލަހައްޓައިގެން ހުރިގޮތުން ނިދީގައި އޮވެ އައްފާން ދެއްކި ވާހަކަތައް ޖަންނަތު ވަސީމާއަށް ކިޔައިދިނެވެ.

"ތަންކޮޅެއް ކުޑައިރުވެސް އަލީ ނިދީގައި ވާހަކަދައްކާނެ. ހާރުކާން ގޮވާލީމަވެސް ބުނާނެ ވަޅު ދިޔަ ހިއްކަނީއޭ... މޫދުން ބޮންތި ހިފަނީ އޭ... އެންމެ ގިނައިން ބުނާނީ ގަނޑުފިއްލަ ކުޅެނީއޭ.." ވަސީމާ މަޖާވެފައި ވާހަކަދެއްކިއެވެ.

****

ނިއަމް ގޮވައިގެން ގޭތެރެއަށް ވަންއިރު އިރުއޮއްސި ހައެއް ޖަހަން ކައިރިވެއްޖެއެވެ. ފެންޑާގައި އެލުވާފައި ހުރި އުނދޯލީގައި އިން ވަސީމާ އަތަށް ނިއަމް ދިނުމަށްފަހު ޒާރާ ދަނީ ކަމުގައި ބުންޏެވެ. ބާއި ކިޔާލަން ޒާރާ އަތް ނެގިގޮތަށް ނިއަމް ވެސް އަތް ނަގާފައި ހަލުވަމުން ދިޔައެވެ. އެ މަންޒަރު ވަސީމާ އާއި ޒާރާ އަދި ޖަންނަތަށް އެކުގައި ހީނލެވުނެވެ.

"ﷲ އިރާދަކުރެއްވިއްޔާ މާދަމާ ވަޒީފާ ނިންމާފައި މަޑެއް ނުވެ އަންނާނަން އެނގޭ ދޫނީ" ނިއަމްގެ އަތްތިލައިގައި ބޮސްދެމުން ޒާރާ ބުންޏެވެ.

"ޒާ ދިޔުމުގެ ކުރިން ވަސިންތަ ކޮޓަރީގައި ހުރި މި ސޮރުގެ ފެންފުޅި ގެނެސްދީފަ ދޭބަލަ" ކާންދޭ ގަޑި ޖެހުމުން ނިއަމް ލައިގެން އިން ކުޑަ ޓީޝާޓްކޮޅު ބޮލުން ވަކިކުރުވަމުން ވަސީމާ ބުންޏެވެ.

ޒާރާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ވަސީމާގެ ކޮޓަރީގައި ހުރި ނިއަމްގެ ފެންފުޅި ހިފައިގެން ނިކުތް ޒާރާ އެ ކޮޓަރިއަށް ވަންނަން އައި އައްފާންގެ މޭގައި ޖެހިގަނެވުނެވެ. އެއީ އައްޔަ ކަން ޒާރާއަށް އެނގުނީ މާފަހުންނެވެ.

"ހޯދަން އައީ ދަރިފުޅު. މި ފެނުނީ ޒާ ގެ މޫނު. އަނެއްކާ މިވެސް ހުވަފެނެއްބާ؟" އައްފާން ބުންޏެވެ.

"އެހެންވީމަ ހުވަފެނުން އަހަރެން ބަލާފަ ތާ ތިއައީ. ހެދިކާ ހެދީ މެންދުރުކުރީތަ؟ މިހާރު ވިކިއްޖެތަ؟ އެއްކޮށް ހުސްވިތަ؟"

ހެވިފައި ހުރެ ޒާރާ ކިޔަމުން ދިޔަ އެއްޗެއް އައްފާނަށް ފަހުމު ނުވިއެވެ. ދެބުމަ ގޮށްޖަހާލައިގެން ޒާރާއަށް ބަލަން އައްފާން ހުއްޓެވެ. ކޮން ހެދިކާއެއް ހެއްޔެވެ؟ ހެދިކާ އަނެއްކާ މިއަދު މިގޭގައި ހެދީ ހެއްޔެވެ؟

"ނެތޭ ހުރެވޭކަށް. ދަނީ" ޒާރާ ބުންޏެވެ.

ޒާރާ ނިކުމެގެން ދިޔައިރުވެސް އައްފާނަށް ހުރެވުނީ ސުވާލުމާކެއްގެ ތެރޭގައެވެ.

****

އިޝާނަމާދުން ފައިބައިގެން އައިސް އެންމެ ފުރަތަމަ ބަދިގެއަށް ވަނީ ހިމްނާއެވެ. އެކްސްޓްރާ ކްލާހަށް ދިޔަ ނޫރީން ގޮވައިގެން އައިސް ގެއަށް ވަން ޒާރާ އައީ ބަދިގެއާ ދިމާލަށެވެ. ނޫރީން ދިޔައީ ޔުނީފޯމް ބަދަލުކުރުމަށް ކޮޓަރިއަށެވެ.

"މިއަދު މަސް އަގުބޮޑުކޮށް ހުރީ. މަންމަ ހިތަށް އެރީ މިއަދު މަސް ނުގަންނާނީއޭ. ކާން ހުރީ ރިހާކުރު" މޭޒު ކައިރީގައި ޒާރާ އިށީނުމުން ހިމްނާ ބުންޏެވެ.

"އަހަންނަށް ހެޔޮ. އެކަމަކު މިރޭ ތި ފުޅިން އެންމެ ރިހާކުރުކޮޅެއްވެސް ސަލާމަތެއްނުވާނެ ނޫރް އިންދާ" ހީލަމުން ޒާރާ ބުންޏެވެ.

ނޫރީން އަންނަންދެން ކާން ނުފަށާ ދެމައިން ތިއްބެވެ. ކުރިމަތީގައި އިން ހިމްނާއަށް ބެލެނީ ހިނިތުންވެގެން އިން ޒާރާގެ މޫނަށެވެ.

"ޒާރާ ތީނީ ހިތްހަމަޖެހިގެންތަ؟ ހިމްނާ އެހިއެވެ.

ހިމްނާ އެހެން ބުނީ ޒާރާގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައެވެ. ޒާރާ ހައިރާންވެފައި މަންމަގެ މޫނަށް ބަލައިލިއެވެ.

"ލައްބަ. އުފާވޭ. އަހަރެންގެ ހަޔާތަށް ޔޫކްގެ ސިފައިގައި ނިއަމް އައި ފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ" ޒާރާ ބުންޏެވެ.

ހިމްނާ ވިސްނާލިއެވެ. ތެދެކެވެ. ޒާރާގެ ފުށުން އެހާބޮޑު ބަދަލެއް ފެނުނީ ނިއަމްއާ ބައްދަލުވި ފަހުންނެވެ. ހިމްނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ރޭގަ ރަނގަޅަށް ނިދުނުތަ؟ ތިބި ގޭ މީހުން ރަނގަޅުތަ؟" ހިމްނާ ދެ ސުވާލު އެއްފަހަރާ ކޮށްލިއެވެ.

"އެގޭ ދައްތަ ވަރަށް ހެޔޮ. މަންމައަށް އެނގޭތަ. އައްޔައަކަށްނު ލަނޑު ލިބުނީ. މުޅި ރޭ އައްޔަ އިނީ ބޭރު ޖޯލީގަ. އެންމެ ނިދިކޮޅެއްވެސް ނުނިދާ" މަޖާވެފައި ޒާރާ ވާހަކަދެއްކިއެވެ.

"އެޔޯ" ހިމްނާ އެހިއެވެ.

"އެގޭ ދައްތަ ހީކުރީއޯ އަހަރެމެން މިއީ ދެމަފިރިން ކަމަށް. ނުނިދިފައި އޮވެފަ އައްޔަ ބޭރުގައި އިންހެން ހީވެގެން ގުޅާލީމަ ބުނެފި ބޭރު ޖޯލީގަ އިން ވާހަކަ. ދެން އަހަރެންނަކަށްވެސް ނުކެރުނު ކޮޓަރީގަ އޮންނާކަށް. އެހެންވެ ބޭރަށް ނިކުމެ އައްޔަ ކައިރީގަ ބުނިން ކޮޓަރީގައި އޮންނަން ހިނގާށޭ. ހުރި ވިއްޔާ އެކަކަށް އޮވެވޭ ސޯފާއެއްވެސް. އައްޔަ އެއްބަހެއް ނުވި. މަންމައަށް އެނގޭތަ އައްޔަ ބުނީ ކީކޭ ކަން" ޒާރާ އިނީ ހިމްނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ބުނީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޒާރާގެ އަބުރާ އިއްޒަތް އޭނައަށް މުހިންމޭ. ދެމީހުންގެ އެކުވެރިކަމުގެ ސާފު ގުޅުމުގަ މިލައެއް ޖެހެން ބޭނުންނުވާ ކަމަށް. ދެން އަހަރެން ބުނާނީވެސް ކީކޭ. ޖަންނައާ އައްޔަ އަހަރެންނަށް ހާދަ ހެވޭ" ހިމްނާގެ ތުންފަތްމައްޗަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. ޒާރާގެ ކިބައިން ކަމަކަށް އެދެން އޭނާގެ ހިތް އެބަ އެދެއެވެ. ދުލާ ހަމައަށް އަދި އެ އުޅެނީ ނައިސްގެންނެވެ.

ޒާރާގެ ވާހަކަތަކަށް ލަސްކަމެއް އައެވެ. ރޭގަ ގިނަ ވަގުތުތަކު އެގޭ ބޭރު ޖޯލީގައި ހޭލާ އިނދެވުނުކަން ހަނދާންވިއެވެ. އެ ހަނދާނުގެ ވަކި ހިސާބަކުން ބުޅާ ފެނުނު ހަނދާންވެސްވިއެވެ. އެވަގުތު އޭނާއަށް ހެވުނެވެ. ޒާރާގެ ތުންފަތަށްވެރިވި ތަފާތު ހިނިތުންވުން ހިމްނާގެ ސިކުނޑީގެ ކަނެއްގައި ކޮށްޓާލިހެން ހީވިއެވެ.

"އަދި އެ ދަންވަރު ބުޅަލަށްވެސް އަންނަން އެނގުނީ. ހާދަ ބިރެއް ގަތޭ" މަޑުމަޑުން ޒާރާ ބުންޏެވެ. ކިތަންމެ މަޑުން ބުނި ނަމަވެސް ހިމްނާއަށް އެ އަޑު އިވުނެވެ.

ހިމްނާގެ ސިކުނޑީގައި ޖަމީލާ ދެއްކި ވާހަކަތައް ކޮށަމުން ދިޔައެވެ. އެ ވާހަކަތައް ހަގީގަތަކަށް ވާން ހުދު އޭނާއަށް އެދެވެއެވެ. ޒާރާ ކައިރީގައި އެ ވާހަކަތައް ދައްކަންވީ ކަމެއް ނުވަތަ ނޫންކަމެއް ހިމްނާއަށް ނޭނގުނެވެ. އަލީއާ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އެހެން ނަމެއް ޒާރާ ދީފާނެ ހެއްޔެވެ؟ ޒާރާއާ މެދު ދެކެމުން އަންނަ ނަޒަރިއްޔާތު އަލީ ބަދަލުކޮށްފާނެ ހެއްޔެވެ؟ އަލީގެ ކައިވެނި ވެސް ރޫޅުނީ އިހަށް ދުވަހުއެވެ. އެހާ އަވަހަށް ދަރިފުޅުގެ މަންމަ މަތިން އަލީ ހަނދާން ނައްތާލާފާނެ ހެއްޔެވެ؟ މައިންބަފައިންގެ ވިސްނުން އެނގުމުން އަނެއްކާ އެ ދެކުދިން ހިތްހަމަނުޖެހިދާނެއެވެ.

"މަންމަ ބުނީ" ހިމްނާ އުޅުނީ އެ ވާހަކަ ދައްކާށެވެ. އެކަމަކު ޒާރާ ބަލައިލުމާއެކު ވީގޮތެއް ނޭނގުނެވެ. އެ ވާހަކަ ޒާރާ ކައިރީގައި ދައްކަން އޭނާ ފަސްޖެހެއެވެ. ބުނެވޭ ބަހެއްގެ ގޮތުން ޒާރާގެ ހިތަށް އަނިޔާއެއް ދެވިދާނެތީއެވެ.

"ނޫރް ހާދަ ލަހެކޭ މިވަނީ"

"ބުނި ނަމާދުކޮށްގެންނޭ ނިކުންނާނީ" ޒާރާ ބުންޏެވެ.

މާގިނައިރެއް ނުވެ ނޫރް އައިސް އިށީނދެއްޖެއެވެ. ކާން ފެށުމުގެ ކުރިން ޒާރާ ޒިންކު ކައިރިއަށް ދިޔައީ ދެ އަތް ދޮވެލުމަށެވެ.

ޒިންކު ކައިރީގައި ހުއްޓިފައި ޒާރާ ފަހަތް ބަލައިލިއެވެ. ހިމްނާ ވާހަކައެއް ދައްކަން އުޅުނުކަން ޒާރާއަށް އެނގެއެވެ. އެ ވާހަކަ މަންމަ ހިންދާލީ ކޮންމެވެސް ކަމެއް ވެގެންނެވެ. އެ ވާހަކަ އެނގެން ޒާރާ ބޭނުންވިއެވެ.

"މަންމަ ކޮން ވާހަކައެއް ބުނަން އުޅުނީ؟" އަލުން އައިސް ގޮނޑީގައި އިށީންނަމުން ޒާރާ ބުންޏެވެ.

"ދަރިފުޅު ކުރިމަރާލީމަ މަންމަ ހަނދާންނެތިއްޖެ" ހީލަމުން ހިމްނާ ބުންޏެވެ. ޒާރާ އެއްޗެއް ނުބުނެ އޭނާގެ ތައްޓަށް ބަތް އަޅަން ފެށިއެވެ. ހިމްނާއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ޒާރާގެ ކުރިމަތީގައި އެ ވާހަކައިގެ ސުރުހީ ނޭޅުނުކަން ހަމަ ނަސީބެވެ.

****

ހަވީރުގެ ވަގުތެވެ. ހިމްނާ ބޭރަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތްއިރު ޒާރާ ހުރީ އަސުރު ނަމާދަށެވެ. ޒާރާ ނިމެންދެން މަޑުކޮށްލައިގެން ހިމްނާ އެނދުގައި އިށީނދެގެން އިނެވެ. ސަލާމްދިން ގޮތަށް ޒާރާ ހިމްނާއަށް ބަލައިލިއެވެ.

"މަންމަ މިދަނީ ވަސީމާ އުޅޭ ގެއަށް" ހިމްނާ ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ.

"އަހަރެންވެސް މިދަނީ ޖަންނަ އާއެކު ބޭރަށް. ހިނގާލަން ދާނީ. އައްޔަ ބުނި ނިއަމް ގެނެސްދޭނަމޭ" ޒާރާ ބުންޏެވެ.

"ދަރިފުޅު ދަމުން ނޫރަށް ގޮވާލާފަ ދާތި. މިއަދު މާ ހެނދުނާ ހޭލަން ޖެހުނީމަ ނިދިން ގެއްލުނު ތަންކޮޅު ފުރިހަމަކޮށް އެ އުޅެނީ. ގޮވާފަ ބުނޭ ނަމަދަށް އަރާށޭ" ނިކުންނަމުން ހިމްނާ ބުންޏެވެ.

ޖަންނަތު އައީ ޒާރާ ތައްޔާރުވެގެން ނިކުމެ މަގުމަތީ ޖޯލީގައި އިންދައެވެ. މާނޭވާ ލެވިފައި ހުރުމުގެ ސަބަބުން ޖޯލީގައި ޖަންނަތު އިށީނެވެ.

"އަދިވެސް އިށީނީތަ؟ ހިނގަ ހިނގައިގަންނަމާ" ޒާރާ ބުންޏެވެ.

"ސާބަހޭ. ޒާރާ އިލޮށި ކޮޅެއްހެން ހުއްޓަސް އަހަރެން މިހެރީ ބެއާ އެއްގޮތަށް. ތަންކޮޅަކަށް ހިނގާލުމަކީވެސް ހާދަ ވޭންހުރި ކަމެކޭ" ޖަންނަތު ބުންޏެވެ. ޒާރާއަށް ހެވުނެވެ. ޖަންނަތު އެހާވެސް ފަލައެއް ނޫނެވެ. އެކަމަކު ލޯގަނޑު ކުރިމައްޗަށް އެރުމުން ޖަންނަތަށް އަމިއްލަ ސޫރަ ފެންނަނީ މާ ގެރިއެއް ފަދައިންނެވެ.

"ދެން... ހިނގާބަލަ. އައްޔަ ބުނި ނިއަމް ގޮވައިގެން ދުއްވާލާފަ މިސްކިތާ ދިމާލު ހުސްބިމަށް ދާނެ ވާހަކަ" ޒާރާ ބުންޏެވެ.

"ތި އުޅެނީ ނިއަމް ދެކިލާހިތުންތަ؟ ނޫނީ އައްޔަ ނުފެނިގެންތަ؟" ޒާރާގެ ފަހަތުން ހިނގައިގަންނަމުން ޖަންނަތު ބުންޏެވެ. ޒާރާއަށް ބަލައިލެވުނީ އެފަދަ އެއްޗެއް ޖަންނަތު ބުނެދާނެ ކަމަށް ގަބޫލުނުކުރެވިފައެވެ.

"މިފަހަރު ދެން މަޖަލަށް ބުންޏަސް ދެން ނުބުނާތި. އައްޔައަށް އިވިއްޖެއްޔާ ކީކޭ ހީކުރާނީ. އަހަރެންނަށް މުހިންމީ ހަމައެކަނި ނިއަމް" ޒާރާ ބުންޏެވެ. މަޖަލަކަށްވެސް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން ޖަންނަތަށް އެނގުމުން ހުރީ ހިމޭނުންނެވެ. އެފަދަ ސަމާސާއެއް ޒާރާއާ ކުރަން އަދި މާ އަވަހެވެ.

"އެކަމަކު ސިއްރެއް ބުނަންތަ؟" ކުޑަކޮށް ޖަންނަތާ ގާތަށް ޖެހިލަމުން ޒާރާ ބުންޏެވެ.

"ބުނެބަލަ. ހައްޖު ދަތުރެއް ލިބުނީތަ؟" ޖަންނަތު ބުންޏެވެ.

"ސާބަހޭ ޖަންނާ... އަހަރެން ބުނީ އައްޔަ އެ ރަށުގަ އުޅުނީ ވަރަށް ފާޑަކަށް. އަހަންނަށް ހީވަނީ ކުރީގެ އައްޔަ ފާޅުވާން އުޅޭހެން" ޒާރާ ވާހަކަދެއްކިއެވެ.

"ތިހެން ވާނެނަމަ ކިހާ ރަނގަޅު. ޔާ ﷲ މި ދެމީހުން ގުޅޭނެ ދުވަހެއް މި އަޅާގެ ލޮލަށް ލަސްނުކޮށް ދައްކަވާށި" ދެއަތް އުފުލާލާފައި ޖަންނަތު ކޮށްލި ދުއާ އެއްގެ ސަބަބުން ޒާރާ ހުއްޓުނެވެ. ދެން ހިތްހަމަނުޖެހިފައި ޖަންނަތު ފަހަތުން ދުއްވައިގަތެވެ.

****

ވަސީމާ އުޅޭ ގެއަށް ވަނުމުގެ ކުރިން ހިމްނާ ސަލާމް ގޮވާލިއެވެ. ބަދިގޭގައި އުޅުނު ވަސީމާ ސަލާމް ބަލައިގަތުމުން ހިމްނާ އެތެރެއަށް ވަނެވެ. ހިމްނާ ވަދެގެން ގޮސް ފުރަތަމަވެސް ދިޔައީ ބަދިގެއާ ދިމާލަށެވެ. ވަސީމާ އުޅޭނީ ބަދިގޭގައި ކަން މާކުރިންވެސް އޭނާއަށް އެނގޭ ކަހަލައެވެ.

"މިއަދު ޖަމީލާއްތަ އައިސް އިން ދުވަހެއް. އާދޭ އާދޭ ސައިބޯން"

މޭޒު ކައިރީގައި އިން ޖަމީލާއަށް ހިމްނާ ބަލައިލިއެވެ. އޭނާ ޖަމީލާއަށް ހިނިތުންވުމެއް ދިނެވެ. ޖަމީލާ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ވާހަކައެއް ދައްކަން ބުނީ ޖަމީލާއެވެ. އެވެސް ހިމްނާ އާއި ވަސީމާ އެއްތަނެއްގައި ބައިތިއްބައިގެންނެވެ. ދައްކަން އުޅޭ ވާހަކައިގެ ހިލަމެއްވެސް ވަސީމާއަށް ނުވެއެވެ. އެހެންނަމަވެސް ހިމްނާއަށް އެނގެއެވެ.

ތިން މީހުންނަށް ކަޅު ސަޔާ ކުޅިރޮށި ހިފައިގެން އައިސް މޭޒު ކައިރީގައި ވަސީމާ އިށީނެވެ.

"ކަލޭމެން ދެމީހުންނަކީ އަހަރެންނާ ދުރުބައެއް ނޫން. މިއީ ހަމަ އެއް އާއިލާއެއް. މި ދައްކަން އުޅޭ ވާހަކަ ރަނގަޅަށް އަހާތި"

ކަޅުސައި ތަށިން ކުޑަ އެތިފޮދެއް ބޯލަމުން ޖަމީލާ ބުންޏެވެ. ވަސީމާގެ މޫނުމަތިން ސީރިޔަސްކަން ފެނިލިއެވެ.

'އަހަރެން މި ވާހަކަ އޮންނާނީ ކުރިން ހިމްނާ ކައިރީގައި ދައްކާފައި" ޖަމީލާ ބުންޏެވެ.

ހިމްނާ ވަގުތުން އިސްޖެހިއެވެ. ހައިރާންކަމާއެކު ވަސީމާއަށް ބަލައިލެވުނީ ހިމްނާގެ މޫނަށެވެ.

"މި ދައްކަނީ މިގޭ އަލީއާ ޒާރާގެ ކައިވެނީގެ ވާހަކަ. އެ ދެކުދިން ކައިވެނި ކުރުވައިގެން ކޮބާ މައްސަލައަކީ. އެއީ ބޮޑެތިވެފައި ތިބި ދެކުދީން. އެކުވެރިކަން އެބައޮތް. އެއްކުއްޖަކު އަނެއް ކުއްޖަކަށް ނުލާހިކު އިތުބާރުކުރޭ. ދެކުދިންގެ މައިންބަފައިންނަކީވެސް ތި ދެމީހުން. ދުރުބައެއް ނޫން. ކަލޭމެން މިކަމަށް ކިޔާބަލަ އެއްޗެކޭ"

ވަސީމާ އާއި ހިމްނާ އެކަކު އަނެކަކަށް ބަލައިލިއެވެ. ޖަމީލާ ދެއްކި ވާހަކަތަކާ ގުޅުވައިގެން ބުނާނީވެސް ކީކޭ ހެއްޔެވެ؟ ދެކުދީންގެ ކައިވެނި ރޫޅިފައިވަނީ ދާދި މިދާކަށް ދުވަހުއެވެ. އައްފާނު ފިރިހެނަކަށް ވީތީ ކެތްކޮށްފާނެއެވެ. އެހެންނަމަވެސް ޒާރާ! އިތުރު ކައިވެންޏެއްގެ ވާހަކަ މީހަކު ބުނާ އަޑު އިވުނަސް ޒާރާގެ ހިތް ފަޅައިގެން ހިނގައިދާނެއެވެ. ޒާރާއަށް އެ ހިސާބަށް އާދެވިފައި އެވަނީ ގާތުގައި ތިބި މީހުން ހާދަ މަސައްކަތެއް ކޮށްގެނެވެ. އެކަހަލަ ވާހަކައެއް ދައްކާނީ ކިހިނެއް ހެއްޔެވެ؟

ހިމްނާ އާއި ވަސީމާ ބަހެއް ނުކިޔާ ތިބިގޮތުން ޖަމީލާ ހީލިއެވެ. ގޮތެއް ނިންމަން އުނދަގޫވެފައި އިންހެން ހީވިއެވެ. އެންމެފަހުން ހެނދުނު ކޯޓު ކައިރިން ދިމާވި ހާދިސާ ޖަމީލާ ކިޔައިދިނެވެ.

"އަހަރެމެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެއްޗެހި ބުނާ މީހުން އެއްޗެހި ބުނާނެ. ކަމުގެ ހަގީގަތް ހޯދުމެއް ނޯންނާނެ. އެމީހަކު ވާހަކަދައްކާނީ އެމީހަކަށް ދެއްކުނު ގޮތަކަށް. އެކަމަކު މީހަކު އެއްޗެއް ބުންޏަސް އަހަރެމެންނަށް އެމީހުން އެ ބުނާ ގޮތާ ހިލާފަށް ކަންތައް ކުރެވިގެން ތިބެވިދާނެއްނު. ބޭނުންވަނީ އަބުރުވެރި ދިރިއުޅުމެއް"

ވަސީމާ ފުންނޭވައެއް ލިއެވެ. ހަގީގަތަށްވެސް އެކަން ހަގީގަތަކަށް ވާން އޭނާއަށް އެދެވެއެވެ. އޭނާއަށް ނޭނގެނީ އައްފާނާ އެ ވާހަކަ ދައްކާނެ ގޮތެކެވެ. އަނެއްކޮޅުން ހިމްނާ އެ ގުޅުމަށް އަދިވެސް އޭނީ އެއްޗެއް ނުބުނެއެވެ. ހިމްނާ އެއްޗެއް ނުބުނާހާ ހިނދެއްގައި އެނާ ރުހޭ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟

ޒާރާގެ ދިރިއުޅުން ކޮޅަށްޖެހޭ ތަން ދުށުމަކީ ހިމްނާ ދެލޯ ފަދައިން އެދޭ އެދުމެކެވެ. ތާއަބަދު ޒާރާ އުފާވެފައި ހުންނަ ތަން ދުށުމަށް އޭނާ ހުންނަނީ އަބަދުވެސް އެދިއެދިއެވެ. ދިރިއުޅުން ބަރުބާދުވެގެން ދިޔަފަހުން ޒާރާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނިއަމްއެވެ. ނިއަމް އަކީ އަލީއާ ގުޅިފައިވާ ކުއްޖެކެވެ. އެ ގުޅުމަށް ހިމްނާ ލޮލާ ބޮލުން އެދެއެވެ. އެކަމަކު ވަސީމާވެސް އޭނީ އެއްޗެއް ނުބުނެއެވެ. ރުހޭނަމަ ގައިމުން އެއްޗެއް ބުނާނެތާއެވެ. އެކަމަކު... ޒާރާގެ އުފާވެރިކަން ނިއަމްއާ ގުޅިފައިވާއިރު އެ އުފާވެރިކަން ދާއިމީ އުފާވެރިކަމަށް ބަދަލުވާނީ އަލީގެ ދިރިއުޅުމަށް ޒާރާ ގޮސްގެންނެވެ. ނުވަތަ ޒާރާގެ ދިރިއުޅުމަށް އަލީ އައިސްގެންނެވެ. އެ ދެކެދީންނަކީ ދެ ރަހުމަތްތެރިންނެވެ. އެ ގުޅުމަށް އެހެން ނަމެއް ދޭން އެއިން އެއްވެސް ކުއްޖެއް ރުހޭނެކަމެއް ނޭނގެއެވެ.

"ދިރިއުޅުމަކީ ހަނގުރާމައެއް. ކަލޭމެންނަށްވެސް އެނގޭނެ އެ ތުއްތު ކުއްޖާ އެވަނީ ދުރު ނުކުރެވޭހާ ބޮޑަށް ޒާރާއާ ގުޅިފަކަން. އެ ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާ އެންމެ މުހިންމު ކާނާ އެ ވަނީ ޒާރާގެ އަތުގަ. ނިކަން ބުނެބަލަ. ޒާރާއަށް އަލީއަށް ވުރެ ވަކި އެކަށީގެންވާ ކުއްޖަކު އެބަހުރިތަ؟ ޒާރާއަށް އުފާވެރިކަން ލިބޭނީ އަލީއާ އިނދެގެނެއް ނޫންތަ؟ ނިއަމްއަށް ހަގީގީ އުފާވެރިކަން ހޯދައިދެވޭނީ ޒާރާއަކަށް ނޫންތަ؟ އެ ކުއްޖާއަށް މައެއްގެ ލޯބި މުހިންމެއް ނޫންތަ؟ ޒާރާއަށް ވުރެ ވަކީން ރަނގަޅު އަންހެނެއް ނިއަމްގެ މަޔަކަށް ރަނގަޅުވާނެތަ؟ އަހަރެން މިވާހަކަ މި ދެއްކީ ހެޔޮ އެދޭތީ. ގޮތް ނިންމާނީ ކަލޭމެން. ކަލޭމެންގެ ދަރީން. ކަލޭމެން ނިންމާ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން. އަހަރެންނަށް ޔަގީން ކަލޭމެން އެއިން އެއްވެސް ކުއްޖަކަށް ދެރައެއް ލިބޭ ގޮތަކަށް ނުނިންމާނެކަން"

****

ބަނދަރުމަތީގައި ޒާރާ އުޅުނީ ނިއަމް ގޮވައިގެންނެވެ. ޒާރާ އަތަށް ނިއަމް ދީފައި އައްފާން ދިޔައީ ގެއަށް ދާންވީމާ ބަލައި އަންނާނެ ވާހަކަ ބުނެފައެވެ. އެހެންނަމަވެސް އައްފާން އެ ހިތްގައިމު މަންޒަރު ނުފެންނަހާ ދުރަށް ނުދެވުނެވެ. ހަވީރުގެ އެ ވަގުތަކީ ބަނދަރު މައްޗަށް އެތައް ބައެއް އެއްވެ އުފާވެރި އެތައް ވަގުތެއް ހޭދަކުރަމުންދާ ވަގުތެކެވެ. ޒާރާއާ ނިއަމްގެ ހަރަކާތްތައް ފެންނަ ހިސާބުގައި އައްފާން މަޑުކޮށްގެން އިނީ އެންމެ މީހުން ގިނަ ދިމާލުގައެވެ. މީހެއްގެ ލޮލުގައި އަޅައިގަނެފާނެތީ އޭނާއަށް ފޯނުން ވީޑިއޯ ކުރާކަށްވެސް ނުކެރުނެވެ. އޭނާ އިންތިޒާރުކުރީ ޒާރާ ގުޅާނެ އިރަކަށެވެ.

ޒާރާގެ ކޯލު އައްފާނަށް ލިބުނީ އޭނާ އެ ސަރަހައްދުގައި ހުރި މީހަކާ ވާހަކަދައްކަން ހުއްޓައެވެ. ވަގުތުން އޭނާ ފޯނަށް ޖަވާބުދިނެވެ. އެބަދަމޭ ބުނެ ފޯނު ކުރުކޮށްލާފައި އޭނާ އެ ދިމާލަށް ނައްޓާލައިފިއެވެ. ހީވީ ޒާރާ ނުގުޅައިގެން ހުރި ހެންނެވެ.

މިތާ ކައިރީގަތަ ހުރީ" އައްފާން އަރާ ހަމަވުމާއެކު ހީލާފައި ޒާރާ ބުންޏެވެ. އައްފާން ދެފަރާތަށް ބޯހޫރާލާފައި ނިއަމް އަތް ދިއްކޮށްލިއެވެ. ނުދާންވެގެން ނިއަމް ޒާރާގެ ކޮނޑުގައި ބޯއަޅާލިތަން ފެނުމުން ޖަންނަތު ހީގަތެވެ.

"ތި ގެއްލުނީ އެކުއްޖާ" ޖަންނަތު ބުންޏެވެ.

"މިހާރު މާބޮޑަށް ޒާ ބޭނުންވެއޭ ދޯ" އައްފާން ބުންޏެވެ.

"ތެދެއް ދޫނީ... ލަވް ޔޫ ބޭބީ" ނިއަމްގެ ކޮލުގައި ކޮށްޓާލާފައި ޒާރާ ބުންޏެވެ.

"އަހަރެމެންގެ ތެރެއިން އެކަކަށްވެސް ނިއަމް ނުގެއްލޭނެ. އެކަން އަހަރެން ވިޔަކަ ނުދޭނަން"

އައްފާން އެ ޖުމްލައިން ޒާރާ ހުއްޓުން އެރިއެވެ. އައްފާން އެހެން އެ ބުނީ ކޮން މާނައެއްގައި ކަމެއް ޒާރާއަށް ނޭނގުނެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. އަނެއްކާވެސް ކޮންމެ އެއްޗެއް އޭނާއަށް ނުބައިކޮށް ވިސްނެނީއޭ ހިތަށް އެރިއެވެ.

"ޒާމެން ގެއާ ދިމާލަށް ހިނގައިގަނޭ. ގޭ ކައިރިން އަހަރެން ނިއަމް ނަގާނަން"

އައްފާން ބުނިގޮތަށް ޒާރާ އާއި ޖަންނަތު ހިނގައިގަތެވެ. އައްފާން މަޑުމަޑުން ސައިކަލް ދުއްވާފައި އައީ ފަހަތުންނެވެ. ގިނައީ އޭނާގެ ނަޒަރު ޒާރާއަށް ހުއްޓިފައި ހުންނަ ވަގުތެވެ.

ވަކި ހިސާބަކުން ޖަންނަތު ގެއާ ދިމާލަށް އަނބުރާލިއެވެ. އިރުއޮއްސުމުގެ ކުރިން ނިއަމް ގެއަށް ގެންދެވޭތީ ޒާރާގެ ހިނގުން ކުރިއަށް ވުރެ ބާރުކޮށްލިއެވެ. އެތައް ބައެއްގެ ސަމާލުކަން އޭނާ ހުއްޓިފައި ހުއްޓެވެ. އެއިން ކޮންމެ މީހެއްގެ ހިތުގައި ބަނީ ޒާރާއަށް ހެޔޮ ދުއާއެވެ. އެތައް ދުވަހަކަށްފަހު ޒާރާގެ ފަރާތުން ހިތްހަމަޖެހުން ފެނުމުން ހެޔޮއެދޭ އެތައް ބައެއްގެ ހިތަށް ވެރިވެފައިވަނީ ހަމަޖެހުމެވެ.

"މަންޖޭ.. ހާދަ އުފާވެފައޭ. ހަމަ މިކުޑަ ސޮރުގެ ސަބަބުންތަ؟

އުމުރުން ދެބައިވެފައި ހުރި އަންހެނަކު ޒާރާ އަށް ބުންޏެވެ. ޒާރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.

ގެއާ ހަމައަށް ޒާރާ ހަމަކުރިއިރު އައްފާން ހުރީ ފަހަތުގައި ޖައްސައިފައެވެ. ނަސީބަކުން މިފަހަރު ނިއަމް ބޮޑާނުހާކައި އައްފާންގެ ގާތަށް ދިޔައެވެ.

"އަވަހަށް ދޭ. ލަސްވެއްޖެ މިހާރުވެސް" ޒާރާ ބުންޏެވެ.

****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރުވެސް ހިމްނާ އިނީ ބަސްމަދުވެފައެވެ. ޒާރާ ކައިރީގައި އެ ވާހަކަ ދައްކާނެ ގޮތަކަމާ މެދު އޭނާ އެދަނީ ވިސްނަމުންނެވެ. ސިކުނޑިއަށް އެއްގޮތަކަށްވެސް ހަމަޖެހުމެއް ނުލިބުނެވެ. ދެ ދަރީން ކާން އައިސް މޭޒު ކައިރީގައި އިށީން އިރުވެސް ހިމްނާ މޭޒު ކޮޅުގައި އިން ގޮނޑީގައި އިނީ ފާޑަކަށެވެ. ތައްޓަށް ބަތް އަޅަމުންދިޔަ ޒާރާއަށް ހިމްނާ ދައްކާލީ ނޫރީނެވެ. މިފަހަކަށް އައިސް ހިމްނާ އެފަދަ ފިކުރެއްގައި އިންދައި ޒާރާއަށް ނުފެނެއެވެ. ވަގުތުން ޒާރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

މޭޒުމަތީގައި އޮތް ހިމްނާގެ އަތްމަތީގައި ޒާރާ އަތް ބާއްވާލިއެވެ. އެއާއެކު ސިހިފައި ހިމްނާ ޒާރާއަށް ބަލައިލިއެވެ.

"ބަލީތަ؟" ޒާރާ އެހިއެވެ.

ހިމްނާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން؟ މަންމަ ކިހިނެއްވެފަ ތި އިންނަނީ؟" ޒާރާ ބުންޏެވެ.

ހިމްނާއަށް ކުރެވުނުހާވެސް ކަމަކީ ޒާރާގެ މޫނަށް ބަލަހައްޓައިގެން އިނުމެވެ. މިނޫނީ ދުވަހަކުވެސް ޒާރާ ކައިރީގައި ވާހަކައެއް ދައްކަން ޖެހިގެން ހިމްނާ މިހާ ކަންބޮޑުވެފައި ނުވެއެވެ. އެހާ އުނަދގޫ އެވާ ސަބަބެއް އޭނާއަށް ނޭނގެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟