ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު މަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް، ވެރިކަމުގެ ނިޒާމާބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ އާއްމު ވޯޓަކަށް ދާން މިޖިލީހުން ފާސް ކުރުމާ ގުޅިގެން، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގެ އަސާސީ ސިފަތަށް ހިމެނޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކޮށް މަޖިލީހުން ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.

އެކަމާބެހޭ ގޮތުން ނަޝީދު ތައްޔާރު ކުރައްވާފައިވާ ކަރުދާހުގައި ނިމެނޭ، ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފަތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މެންބަރުންގެ އަގުލަބިއްޔަތުން އިންތިހާބު ކުރާ ބޮޑު ވަޒީރަކާއި ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސުލްޖުމްހުރިއްޔާއެއްގެ މައްޗަށެވެ.

ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސް ވެރިޔާ ކަމަށްވާ އިރު، ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި އެ ކަރުދާހުގައި ވަނީ ކަނޑައަޅައިފައެވެ.

އެ ކަރުދާހުގައި ވާގޮތުން، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރަކީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އުފެދޭ ބައެކެވެ. އެގޮތުން ވަޒީރުންގެ މަޖިލިސް އެކުލަވާލާނީ ބޮޑު ވަޒީރެވެ. ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެ ކަރުދާހުގައިވާ ގޮތުން ބަރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ އެއްބާރު އަނެއްބާރާ ގުޅިފައެވެ.

އެ ނިޒާމު ދައުލަތް ހިންގުމުގެ ބާރުތައް އަތުލާފައި ވަނީ، ވެރިކަން ހިންގުމުގެ ބާރު ބޮޑު ވަޒީރަށް، ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ހަމައެކަނި ޝަރުއީ ކޯޓު ތަކަށް ލިބޭ ގޮތަށެވެ.

މި ނިޒާމުގައި އައުލަތުގެ އެންމެ އިސް ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

ރައީސުލްޖުމްހޫރއިްޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއްނެތި ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުންނެވެ.

ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔާ އަކީ ބޮޑު ވަޒީރެވެ. ބޮޑުވަޒީރަކަށް ހުންނާނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ މެންބަރެކެވެ.

ބަރުލަމީ ނިޒާމުގައި ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން އިންތިހާބު ކުރާ ބޮޑު ވަޒީރު، އެ މަގާމަށް އައްޔަން ކުރުމާއި އޭނާގެ އިސްތިއުފާ ބަލައިގަތުން ހިމެނެއެވެ. އަދި އާއްމު އިންތިހާބު އިއުލާން ކުރުމާއި ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަން މުސްތަގިއްލު މަގާނުތަކާއި، އިދާރާތަކަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މީހުން އައްޔަންކުރުންވެސް ހިމެނެއެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި، ގާނޫނުހަދާ މަޖިލިސް އުވާލުމުގެ ބާރެއް މި ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައެއްނުވެއެވެ.

ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ އެންމެހާ ބާރުތައް ލިބިގެންވާނީ ބޮޑު ވަޒީރަށް ކަމަށާއި ބޮޑު ވަޒީރަށް އެ މަގާމުގައި ދެމި ހުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޭނާއަށް އޮންނަ މުއްދަތަށް ކަމަށްވެސް އެ ކަރުދާހުގައި ވަނީ ހިމަނައިފައެވެ.

އެ އިރެއްގައި އޮންނަ ސަރުކާރުގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ހިނދެއްގައި، ގާނޫނުއަސާސީގައި ވާގޮތުގެ މަތިން އާ ސަރުކާރެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ. އަދި އެ އިރެއްގައި ހުންނަ ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ހިނދެއްގައި، ގާނޫނުއަސާސީގައި ވާގޮތުގެމަތިން ބޮޑު ވަޒީރު އިސްތިއުފާ ދޭން ޖެހޭނެ ކަމަށާއި އާ ސަރުކާރެއް އެކުލަވާލަން ޖެހޭނެއެވެ. އަދި ދައުރު ހަމަވެގެން ނަމަވެސް ރައްޔިތުންގެ މަޖިލިސް އުވުމުން ވެސް ސަރުކާރު އުވިގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު ދުވަސް ކަމަށްވެސް ހިމަނާފައިވެއެވެ.

އެ ކަރުދާހުގައިވާގޮތުން، ބަރުލަމާނީ ނިޒާމުގައި ވަޒީރުންގެ މަޖިލިސް އައްޔަން ކުރާނީ ބޮޑުވަޒީރެވެ. ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަން ކުރާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުގެ މަޝްވަރާގެ މަތިން ސިފައިންގެ އެންމެ މަތީ ވެރިޔާ، ކޮމާންޑާ އިންޗީފްގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އަދާކުރަންވާނެ ކަމަށް ކަރުދާހުގައި ހިމަނާފައިވެއެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަންމުސްތަގިއްލު މަގާމުތަކާއި އިދާރާތަކަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާކަމަށް ބަދަލު ކުރަން ފެނޭތޯ، ބެލުމަށް އާއްމުންގެ ސިއްރު ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 29 ދުވަހުގައެވެ. ނަމަވެސް އެ ވޯޓުގެ ވޯޓު ކަރުދާސްކޮޅުގައި، ނިޒާމާބެހޭގޮތުން، ރައްޔިތުންނާ ކުރަން ހިމަނަންޖެހޭ ސުވާލާބެހޭ ގޮތުން ގޮތެއް ނިންމަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ކޯރަމް ހަމަނުވެގެން ވަނީ ބޭއްވޭގޮތް ނުވެފައެވެ.