މި މަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ވިއްސާރައިގައި ހަތަރު ރަށެއްގެ 84 ގެއަކަށް ގެއްލުންވެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުނު 84 ގެއަކަށް އެހީ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ މި މަހުގެ މިހާތަނަށް ރާއްޖޭގެ ތިން އަތޮޅެއްގެ ހަތަރު ރަށަކަށް ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޅ. ކުރެންދޫއިން 66 ގެއަކަށާއި އއ. އުކުޅަހުން 15 ގެއަކަށާއި އއ. ފެރިދޫއިން އެއް ގެއަށް އަދި ސ. ފޭދޫއިން ދެ ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އޭގެ އިތުރުން ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރުމަށްފަހު، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މިދިޔަ އަންގާރަ ދުވަހު ވަނީ ކުރެންދޫގެ 90 ޕަސަންޓު ގެއަށް ފެން ވަދެފައެވެ. އަދި ބައެއް ގެތަކުން ކަރަންޓު ކެނޑި، އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް މީގެ ކުރިން އެރަށު ކައުންސިލުން ބުނެފައިވެއެވެ.