ނަމާދުކޮށް ނިމިގެން އައްފާން ގެއަށް ވަންއިރު ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ. ގޯތިތެރެއަށް ވަދެގެން އައިސް އޭނާ އިށީނީ ރޭގައި އޭނާ ޒާރާއާ އެކު އެތައް ވަގުތެއް ހޭދަކުރި ޖޯލީގައެވެ. ރޭގައި އެތަނުގައި ޒާރާ އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތައް އޭނާ ހަނދާންކޮށްލިއެވެ. އޭނާގެ ގައިގައި ޒާރާ ބައްދާލައިގެން ހުރި ވަގުތުކޮޅަކީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެންދާނެ ވަގުތުކޮޅެއް ނޫނެވެ.
"ކޮފީ ގެންނަންވީ ދޯ" ފެންޑާ ތެރެއިން ނިކުތް އަންހެންމީހާ ބުންޏެވެ. އައްފާން ދިޔައީ ސިއްސައިގެންނެވެ.
އައްފާން ބޯޖަހާލިއެވެ.
ފައިރޫޒާ ދިޔުމުން އޭނާ ބަލައިލީ ޒާރާ ނިދި ކޮޓަރިއާ ދިމާލަށެވެ. ނިއަމް މިހާރު އޮންނާނީ ހޭލައެވެ. ޒާރާ މިހާރު އުޅޭނީ ނިއަމްއާ އެކު ސަކަރާތުގައިކަން ޔަގީނެވެ. ބޭރަށް ނިކުންނާނީ ކޮންއިރަކު ހެއްޔެވެ؟ ދެމައިންގެ ސޫރަ ދެކިލާހިތުންވެސް އޭނާ ކެތްތެރިކަން ކުޑަވެއްޖެއެވެ. ބައެއްފަހަރު ނިއަމްގެ ސަކަރާތުގެ އަޑު ކޮޓަރިން ބޭރަށް އިވޭހެންވެސް އައްފާނަށް ހީވެއްޖެއެވެ. ލައްކަ ފޯރި އެބަހުރިތާއެވެ. އެކުއްޖާގެ ހުރިހާކަމެއް އައްފާން ދަސްކޮށްފިއެވެ.
އަންހެންމީހާ ކޮފީތަށި ގެނެސްދިނުމުން ތަށީގައި ހިފާފައި އައްފާން ޝުކުރު އަދާކުރިއެވެ. ކޮޓަރިއާ ދިމާލަށް ދާން އުޅެފައި އޭނާ މަޑުޖެހުނީ އިލޮށިފަތި ހިފައިގެން އައި ފައިރޫޒާ މަގުމައްޗަށް ނިކުތުމުގެ ބަދަލުގައި ޖޯލިތައް ކައިރީގައި އޮތް ޑަބިޔާގަނޑެއް މަތީގައި އިށީނުމުންނެވެ.
"ކިހާ އިރަކު ފުރަނީ؟" ފައިރޫޒާ އެހިއެވެ.
"ނުވައެއް ޖަހަން ވާއިރަށް ފެރީ އަންނާނެ. މީހުން އަރާ އިރަށް ނައްޓާލާނެ" އައްފާން ބުންޏެވެ.
"އެހެންވިއްޔާ ދައްތަ ވަރަށް އަވަސްކޮށްލާނަން އެނގޭ ނާސްތާގެ ކަންތައް" ފައިރޫޒާ ބުންޏެވެ.
ފައިރޫޒާ ދިޔުމުން ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެން އިނދެފައި އެންމެފަހުން އޭނާ ހިނގައިގަތެވެ. ކޮޓަރި ކުޑަކޮށް ހުޅުވިފައި ހުރިކަން އައްފާނަށް އެނގުނީ ދޮރާ ހަމައަށް ދެވުނު ފަހުންނެވެ. ނިއަމްގެ އަޑު ބޭރަށް އެހާ ފަސޭހައިން އެ އިވެނީ ކޮޓަރީގެ ދޮރުހުޅުވިފައި ހުރުމުންތާއެވެ. އެތެރެ ފެންނަވަރަށް ކުޑަކޮށް ދޮރު ހުޅުވާލާފައި އޭނާ އެތެރެ ބަލައިލިއެވެ. އެނދުގައި އިން ނިއަމް ރީތިކުރަމުން ތުއްތު އަޑަކުން ޒާރާ ނިއަމްއާ ވާހަކަދައްކަމުން ދިޔައެވެ. ހީވާގޮތުން ބޭރަށް ނިކުންނަން ޒާރާ ތައްޔާރު ވަނީއެވެ. ޔަގީނުންވެސް ޒާރާ ހުރީ ތައްޔާރުވެ ނިމިފައެވެ. ދަބަސް ހުރީ ތައްޔާރުކޮށް ނިމި އެނދުމަތީގައެވެ. ނިއަމް އިނީ އަނގަ ތަންމިނަށް ހުޅުވައިގެން ހޭށެވެ. ނިއަމްގެ ބޮޑު ދެކޮލުގައި ކްރީމްކޮޅެއް ހާކަމުން އިރުކޮޅަކާ ޒާރާ ނިއަމްގެ އަނގަކޮޅުގައި ފަސް އިނގިލީ ކޮޅުން ޖައްސާލާފައި އޭނާގެ ތުންފަތުގައި ޖައްސާލައެވެ. ނިއަމްގެ މޫނުގައި ލޯބިން ބޮސްދެއެވެ. އައްފާނަށް އެ މަންޒަރު ވީ ބަލައި ފޫހިނުވާނެ މަންޒަރަކަށެވެ. އަތުގައި ހުރި ކޮފީ ތައްޓަށް ވުރެ ބޮޑަށް އައްފާނަށް ސަމާލުކަން ދެވުނީ ޒާރާ އާއި ނިއަމްގެ ހަރަކާތްތަކަށެވެ. އެއީ މީގެކުރިން ނުހާގެ ފަރާތުންވެސް އޭނާއަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. އަނެއްކޮޅުން ނިއަމްގެ ހަރަކާތްތަކަށް ވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ޒާރާ އަށެވެ. ޒާރާ ފެންނަނީ ހެނދުނަށް ތާޒާވެފައިވާ ފިނިފެންމަލެއް ހެންނެވެ. ޒާރާއަށްޓަކައި އައްފާންގެ ހިތް މޮޔަވަމުން ދިޔައެވެ. އެ ހިތުގައި ޒާރާއަށްޓަކައި އުފެދިފައިވާ އިހުސާސް ހިނދަކަށްފަހު ހިނދެއް އާލާވަމުން ފޯދެމުން ދިޔައެވެ. އެންމެފަހުން ފޯނު ނަގައިގެން އެމަންޒަރުތަކުގެ ވީޑިއޯވެސް ނަގަން ފެށިއެވެ.
"ސާބަހޭ ދަރިއާ. ހާދަހާ ލޯތްބެކޭ" ސިއްސައިގެން ދިޔަވަރުން ކޮފީތައްޓާއެކު ފޯނުވެސް އަތުން ދޫނުވީ ކިރިޔާއެވެ. އަންހެންމީހާ ބުނި އެއްޗެއް އަޑުއިވިފައި ޒާރާވެސް ހުރީ ހިމޭންވެފައެވެ. މި ހުރިހާއިރު އައްފާން ފަހަތުގައި ހުރިކަމެއް އޭނާއަށް ނޭނގެއެވެ. އައްފާން އަތުގައި ފޯނު އޮތްތަން ފެނުމުން ފޯނުން ކޮންމެވެސް ކަމެއް ކޮށްފިކަން ޒާރާއަށް އެނގުނެވެ.
"ސައިބޮއެގެން ފުރަން ދާންވާނީ. އަހަރެން ދޭ ހަދިޔާ ދަޅެއް ވާނެ ވަސީމާއަށް ގެންގޮސްދޭން"
ފައިރޫޒާ ނިކުމެގެން ދިޔުމުން ޒާރާ ބަލައިލީ އައްފާނަށެވެ. ގަބުވެފައި އައްފާނަށްވެސް ހުރެވުނީ ކިޔަންވީ އެއްޗެއް ނޭނގިފައެވެ. ޒާރާގެ ކުރިމަތީގައި އޭނާ ބޭޒާރުވީ ދެވަނަ ފަހަރަށެވެ. ޒާރާ އެއްޗެއް ނުބުނެ ނިއަމްއަށް ބަލައިލިއެވެ. އެ ހިނދު އައްފާން އަމިއްލަ މޮޔަކަން ހިތަށް އަރާފައި ހީލިއެވެ.
"ހިނގާ" ނިއަމް އުރާލައިގެން އައިސް ހުއްޓުނު ޒާރާ ބުންޏެވެ.
"ޒާ ނިކުމޭ. މި ނިކުންނަނީ ބޭގް ހިފައިގެން" އައްފާން ބުންޏެވެ.
****
ނަސީބަކުން ދަތުރުވީ ވަރަށް އަމާން އޮމާން ނިޔާމަ ދަތުރެކެވެ. ކަނޑުގައި އެންމެ ރުލެއްވެސް ނެތެވެ. ވައިޖެހެމުން ދިޔައީ ވަރަށް ހެޔޮވަރު ވަރަކަށެވެ. ހީވީ އެ ރަށުން ނައްޓާލިތާ ފަސް މިނެޓްވެސް ނުވަނީސް ރަށު ބަނދަރަށް ފެރީ ވަތްހެންނެވެ. ރަށު ބަނދަރާ ފެރީ ގާތްކުރުމާއެކު އެންމެ ކުރިން ފައިބަން ފެށި މީހުންތަކުގެ ތެރޭގައި އައްފާން ހިމެނެއެވެ. ޒާރާ އާއި ނިއަމް ފައިބަން އޭނާ އެހީތެރިވެދިނެވެ. ވަގުތުގެ ގޮތުން ބަނދަރުމަތީގައި މާގިނަ މީހުނެއް ނެތެވެ. ގެއާ ދިމާލަށް މިސްރާބު ޖެހީ އެންމެ ކައިރީގައި އޮތް ކޯޓު މަގުންނެވެ. ރަށު ތެރެއަށް ދޮންކުރަމުން އައި ދިލަ އަވިން ސަލާމަތްވުމަށް ދެ ކުދިންވެސް ހިނގާފައި އައީ ފުދޭވަރަކަށް ބާރަށެވެ.
"މި އާދެވުނީ މަންމާ. ގެއާ ދިމާލަށް މިދަނީ" ޒާރާ ޖަވާބުދިނީ ހިމްނާގެ ފޯނު ކޯލަކަށެވެ.
"އަނހަ. އާދެވިއްޖެދޯ. އަލްހަމްދުލިއްލާހް. މި ސޮރުގެ ޓެސްޓުތައް ރަނގަޅުތަ؟"
ދެކުދިންނާ ދަންނަ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ދިމާވީ ކޯޓު ކުރިމަތީ މަގު ކުނިކަހަން އޮތް ޖަމީލާއެވެ. ޖަމީލާ އަކީ ރަށު ކޯޓުގެ މަސައްކަތު މީހެކެވެ. ޖަމީލާއާ ކުޑަކޮށް ވާހަކަދައްކާލާފައި ޒާރާ އާއި އައްފާން ވަކިވީ އެ މަގު ކަންމަތިންނެވެ. އައްފާންގެ ސައިކަލް ބަހައްޓާފައި ހުރީ އެ ހިސާބުގައެވެ. ޒާރާގެ ގެ އެ ހިސާބާ ދުރު ނޫންކަމުން ގެއާ ދިމާލަށް އޭނާ ދިޔައީ ހިނގައިފައެވެ. ވަކި ހިސާބަކުން ފަހަތަށް އެނބުރިފައި އޭނާ ނިއަމް 'ބާއި' ކިޔާލިއެވެ.
ޒާރާ ހިނގައިގަންނަންދެން އައްފާން ބަލަހައްޓައިގެން އިނެވެ. އަނެއްކާވެސް ޒާރާ ފެންނާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ޒާރާ ނުފެނި ހޭދަވާ އެންމެ ސިކުންތަކީވެސް މިހާރު އޭނާއަށް ބުރައެކެވެ. އައްފާން ސައިކަލު ދުއްވާލީ މަގުން ޒާރާ އޮބާލުމުންނެވެ.
"އަހަރެމެން ހީކުރި ގޮތަކަށް ނޫނެއްނު މިވީ. ވަސީމާގެ ދަރިވެސް ކުއްޖާގެ އަމާ ވަރިކޮށްފަ ނޫންކަމެއްވެސް ނޭނގެ. ހެވެއްނު. މައިންބަފައިންނަށް ރަނގަޅުވާނެ ދަރިން ކޮންމެގޮތަކަށް އުޅުނަސް" ފަހަތުން އައި ދެ އަންހެނުން ދައްކަމުން އައި ވާހަކަތައް އިވުނީ ބަރޮލަށް ކުނި އަރުވަން އުޅުނު ޖަމީލާއަށެވެ. ފަހަތަށް އެނބުރި ނުބެލިޔަސް އެ އަޑު އޭނާއަށް ފާހަގަވިއެވެ. އޭނާ ފަހަތް ބަލައިލީ ބަރޮލަށް ހުރިހާ ކުންޏެއް އެރުވުމަށް ފަހުއެވެ. އޭނާ އޭރުވެސް ހިތަށް އެރިއެވެ. ރަށުގައި މީހެއްގެ މަސްކަންޏާ ކާނީ ޖީޒާއެވެ. އެއީ އަބަދުވެސް ފާފައެއް ބޮލުގައި އަޅުވައިގެން އުޅޭ އަންހެނެކެވެ. ހިމްނާ އާއި ހިމްނާގެ އާއިލާ ދެކެ ޖީޒާ ވަނީ ލައިލާ މަޖުނޫނު ދެކެވާ ފަދަ ލޯތްބެކެވެ. އެއްޗެއް ނުބުނެ ޖަމީލާއަށް ކެތެއް ނުވިއެވެ.
"ޖީޒާ ކަލޭ ނޫނީ ނެތޭ މި ރަށުގައި މީހުންގެ މަސްކަމުން ދުވާ މީހެއް" ޖަމީލާ ބުންޏެވެ.
"ކަލޭ ބަނޑެއް ނުފުރޭތަ؟ އާ އެހެންޏަ ކަލޭ ތިވަރަށް މީހުންގެ މަސްކާއިރު ހޮޑު މިލަވަނީ އެހެންމީހުން"
މޫނު ކުނިކޮށްގެން ޖީޒާ ހުއްޓެވެ. ޖީޒާ ދެކޭގޮތުގައި ޖަމީލާއަކީ އަބަދުވެސް ހިމްނާގެ ފަރާތުން ވަކާލާތުކުރާ ވަކީލެކެވެ. ޖީޒާ ކައިރީގައި ހުރި މީހާވެސް ހެޔޮހިތުން ޖަމީލާގެ ވާހަކައަށް އެއްބައިވިއެވެ. ޒާރާ ފެރީ އިން ފޭބީއްސުރެ ފަށައިގެން ޖީޒާ އެ އަންނަނީ ތުންތަޅުވަމުންނެވެ.
"ކަލޭ އެ މަންޖެއާ ގުޅުވައިގެން ތި ފާޑަށް ވާހަކަދައްކާއިރު އެނގޭތަ ކަމުގެ ހަގީގަތް. ކަލެއަކަށް ނޭނގޭތަ އެ ދެކުދިން އެ ތިބީ ކައިވެންޏެއް ކުރަން ތައްޔާރުވެފައި ކަމެއް. ނޭނގެންޏާ ނޭނގޭ ވާހަކަނުދައްކާ. ތި އަނގަ މައިތިރިކޮށްގެން ހުރެވޭތޯ ބަލާ. ޔަގީނުންވެސް ދެކޮނޑުގައި ތިބި ދެ މަލާއިކަތުންގެ މަސައްކަތަށް ލުއިވާނެ"
ބަރޯ ހިފައިގެން ޖަމީލާ ދުރަށް ހިނގައިގަތްއިރުވެސް ޖީޒާ ހުރީ ހިމޭނުންނެވެ. ޒާރާގެ ކައިވެނީގެ ވާހަކަ އިވުމުން އޭނާއަށް ވީ ނުބައި ގޮތެކެވެ. އެކަން އެގޮތަށް ވިޔަކަ އޭނާ ނުދޭނެއެވެ. އެކަން އެ ހިސާބަށް އެދިޔައީ ހިމްނާގެ ބޯކޮޅު ބަލަމުން ދަނިކޮށެވެ.
****
ޒާރާ ގެއަށް އައިއިރު ގޭތެރޭގައި އެކަކުވެސް ނެތެވެ. ނޫރީން ވާނީ ސްކޫލު މަސއްކަތެއްގައި ގެއިން ބޭރުގައެވެ. ދޮރާށި ތަޅުލާފައި ހުރުމުން ޒާރާ ވަނީ ފިހާރައަށެވެ. ހިމްނާ ފިހާރައިގައި އިނިއްޔާ ގޭ ދޮރާށި ބަހައްޓާނީ އަބަދުވެސް ތަޅުލާފައެވެ. އެއީ ގޭތެރޭގައި އިތުރު މީހަކު ނެތިއްޔާއެވެ. ވަދެގެން އައި ޒާރާ ފެނުމުން ހިމްނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ނުފެންނަތާ ގިނައިރަށްފަހު ޒާރާގެ މޫނު ފެނުމުން ހިމްނާގެ ހިތަށް ލިބުނީ ފިނި އަރާމެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ޒާރާގެ މޫނުމަތީގައިވާ އުޖާލާކަމާއި ތުންފަތްމަތީގައިވި ހިނިތުންވުން ފެނިފައެވެ.
"ވަރަށް ބަނޑުހައި މަންމާ" ހުސްކޮށް ހުރި ގޮނޑީގައި އިށީންނަމުން ޒާރާ ބުންޏެވެ.
"ސައިނުބޮއެތަ އެރަށުން ފުރީ" ހިމްނާ ބުންޏެވެ.
"ސައިބޯންވެގެން ތައްޔާރުވެފަ ހުއްޓަ މާ އަވަހަށް ފެރީ އައީ" ޒާރާ ބުންޏެވެ.
"ހުންނާނެ ކުޅިކޮށް މަސްހަދާފަ. ރޮށިވެސް ފިހެފަ ހުންނާނީ. ދަރިފުޅު ދާންވީނުން. މަންމަ ދާނަން ކަބީރު ސައިބޮއެގެން އައީމަ" ހިމްނާ ބުންޏެވެ. ޒާރާ ހުރީ މަންމައާއެކު ގޭތެރެއަށް ވަންނާށެވެ. އެހެންނަމަވެސް ފާހަނައަށް ވަންނަން ބޭނުންވެފައި ހުރުމުން އޭނާ އެތެރެއަށް ވަނެވެ.
ފާހާނައިން ނިކުމެ ޒާރާ ހެދުން ބަދަލުކޮށްލިއެވެ. ނިއަމް މަތިން ހަނދާންވެފައި އޭނާއަށް ހީނލެވުނެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ޒާރާއަށް ހުއްޓެވުނެވެ. އޭނައަށް ގަބޫލެއް ނުކުރެވުނެވެ. އެއީ ހަމަ އޭނަ ހެއްޔެވެ؟ މީގެކުރިން މޫނުމަތިން ފެންނަން ހުރި މޮޅިވެރިކަމާއި ހިތާމަވެރިކަން ކޮބައި ހެއްޔެވެ؟ ކަރުނަތަކުން ކޯތާފަތް ތެމި ހަންގަނޑު ކުރަކިވެފައި ހުރި ހުރުން އެކީ ނެތި ހިނގައްޖެއެވެ. އެއީ ހަމަ ނިއަމްގެ ސަބަބުންނެވެ. އެ ކުއްޖާ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ.
"ނިއަމް..." ޒާރާ ހިތުން އެ ނަން ކިޔާލިއެވެ.
ކުއްލިއަކަށް މޫނުމަތި މިލައިވެސްލައިފިއެވެ. ހަވީރުވުމާ ހަމައަށް ނިއަމް ނުފެންނާނެކަން އެނގުމުންނެވެ. އޭނާ ބޭނުންވަނީ އަބަދުވެސް އެ ކުޑަކުޑަ ލޯބި ސޫރަ ފެންނަ ހިސާބުގައި ހުންނާށެވެ. ހިތް އެދެނީ އަބަދުވެސް ނިއަމްގެ ގައިގައި ބައްދާލައި ބޮސްދޭށެވެ. މުޅި ރޭ އެއްކޮށް ނިއަމްއާ އެކު ހޭދަކުރެވުމުން އޭނާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ނިދައިލެވުނު ދެތިން ގަޑައިރު ތެރޭގައި ހުވަފެނުގައި އޭނާ އުޅުނީ ނިއަމްއާ އެކުގައެވެ. އެހެންނަމަވެސް ހުވަފެނުގައި ނިއަމްގެ މޫނު އޭނާއަށް ޔޫކްގެ ސިފައިގައިވެސް ފެނެއެވެ.
ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން ޒާރާ އިށީނީ އެނދުގައެވެ. ނިއަމް ކުރާ ކަމެއް ބަލައިނުލާ އޭނާއަށް އެންމެ މިނެޓެއްވެސް ކެތެއް ނުވާނެއެވެ. ފޯނު ނަގާފައި އައްފާންގެ ނަންބަރަށް ޒާރާ ގުޅާލިއެވެ. ފުރަތަމަ ފަހަރުން ފޯނު ނުނެގިއެވެ. ދެ ވިސްނުމެއްގައި އިނދެފައި އަނެއްކާވެސް ގުޅާލިއެވެ.
"އައްޔާ... ނިއަމް... ނިއަމްއަށް މި ގުޅާލީ" ޒާރާ ބުންޏެވެ.
ޖަވާބެއް ނައެވެ. ޒާރާ ހީކުރީ އޭނާ ބުނި އެއްޗެއް އައްފާނަށް ފަހުމުނުވީ ކަމަށެވެ.
"ނިއަމް ކޮބާ؟ އެ ކުއްޖާ ވަރަށް މިސްވޭ އެބަ" ޒާރާ ބުންޏެވެ.
"ޒާ... ޒާ ތި ކީއްކުރަނީ؟ ޒާ... ޒާ...." ޒާރާގެ ދެބުމަ ގޮށްޖެހުނެވެ. އައްޔަ މި ކިޔަނީ ކީކޭ ހެއްޔެވެ؟
"އައްޔާ... ނިދާފަތަ؟" ޒާރާ އެހިއެވެ.
"ޒާ... ހެދިކާ ހަދަނީ މި. ހެދިކާ ކާނަންތަ؟ ގުޅަ، ޕިއްޒާ، ފިހުނު ބަޖިޔާ"
ޒާރާ ކައިރިއަށް ހިނި އައެވެ. އައްފާން އޮތީ ގަދަ ނިދީގައިކަން ޒާރާއަށް ޔަގީންވިއެވެ. އެހެން ނޫނީ ނުގުޅޭ ވާހަކަ ނުދައްކާނެއެވެ. ޒާރާ ފޯނު ކަނޑާލިއެވެ. އަދިވެސް އޭނާއަށް ހެވެނީއެވެ.
ކޮޓަރި ދޮރުމަތީގައި ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހިމްނާ ހުންނަތާ އިރުކޮޅެއްވެއްޖެއެވެ. މަޑުމަޑުން ޒާރާގެ މިޒާޖަށް ބަދަލު އަންނަކަން އޭނާއަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޒާރާގެ ދެލޮލުން މާޔޫސީ ކުލަވަރު އެއްގޮތަކަށްވެސް އޭނާއަށް ނުފެންނަތާ ކިހާ ދުވަހެއް ހެއްޔެވެ؟ ޒާރާގެ ދުލުގެ ހިމޭންކަން ފިލައިގެންދިޔަތާ ކިހާ ދުވަހެއް ވެއްޖެއެވެ. ގޭތެރޭގައި ބަންދުވެފައި އިން އިނުން އެއްކޮށް ކެނޑިއްޖެއެވެ. ކާއެއްޗިއްސަށް ކުރިއަށް ވުރެ ބޮޑަށް ލޯބި ޖެހިއްޖެއެވެ. ހަމަޔަކަށް ނޭޅެނީ ޒާރާގެ ނިދުމެވެ. ހިމްނާ އެދެނީ ވަގުތާއި ހާލަތާއެކު އެކަމަށްވެސް ހައްލު ލިބިގެން ދިޔުމެވެ. ޒާރާ ހޭތަން ފެނުމުން އެންމެފަހުން ހިމްނާއަށްވެސް ހެވިއްޖެއެވެ. ކޮތަރި ތެރެއަށް ހިމްނާ ވަނެވެ.
"އަސްތާ.. ކިހިނެއްވީ އަނެއްކާ" ހިމްނާ ބުންޏެވެ.
"ރޭގަ އެއްކޮށް ނިއަމްއާ އެކު ހޭދަކުރެވުނީމަ މިއަދު މާބޮޑަށް ހަނދާންވާތީ އައްޔައަށް މި ގުޅާލީ ނިއަމް ކޮބައިތޯ ބަލަން. އެކަމަކު އައްޔަ ނިދީގައި އޮވެ ހެދިކާ ހަދައި އެ ވިއްކާ ރުފިޔާ ހޯދައިގެން މުއްސަނދިވެއްޖެ. އަހަންނަށް ޔަގީން ނިދިން ހޭލެވޭއިރު އައްޔަ ވިޔަފާރިވެރިއަކަށް ވެފަ..." ހީނހީނ ޒާރާގެ ދެލޮލުން ފެންވެސް އައެވެ. ހިމްނާއަށް އިނދެވުނީ ޒާރާއަށް ބަލަހައްޓައިގެންނެވެ. ފަހުގެ ތާރީހެއްގައި ޒާރާ އެވަރަށް ހީނފައެއް ނެތެވެ.
"ދެން ހެވޭނެއްނު މަންމާ... ގުޅަ އާއި ޕިއްޒާއާ ފިހުނުބަޖިޔާ މިއަދު ތިއާގިކޮށް އުޅެނީ" ހެމުން ހެމުން ޒާރާ ބުންޏެވެ.
"އެހެންވިއްޔާ އެ ގޯތިން މިއަދު ކޮންމެހެންވެސް ހެދިކާ ގަންނަން ޖެހޭނެ" އެންމެފަހުން ހިމްނާވެސް ބައިވެރިވެލިއެވެ.
****
"ދަރިފުޅާ މާމައަށް ނިކަން ފިނި ފެންތައްޓެއް ގެނެސްދީބަލަ"
ގޯތިތެރެއަށް ވަދެގެން އައި ޖަމީލާ ހިރުނދު ގަހު އެލުވާފައި އޮތް ޖޯލީގައި އިށީންނަމުން ބުންޏެވެ. މާގިނަ އިރެއް ނުވެ ޖަންނަތު ފިނި ފެންފުޅިއަކާ ތައްޓެއް ހިފައިގެން އައިސް ހުއްޓިއްޖެއެވެ.
"ޒާރާމެން އަތުވެއްޖެ. މިއަދު އެގެއަށް ނުދަންތަ؟" ޖަމީލާ ބުންޏެވެ. ދެން ޖަންނަތު އަޅާފައި ދިން ފެންތަށި އެއް ނޭވައިން ދަމާލިއެވެ.
"ހަވީރު ދާނަން" ޖަންނަތު ބުންޏެވެ.
ދާދި ދެންމެއަކު ޒާރާއާ ގުޅުވައިގެން ޖީޒާ އެހެން މީހަކު ކައިރީ ދެއްކި ވާހަކަތައް ޖަންނަތަށް ޖަމީލާ ކިޔައިދިނެވެ. ކަންބޮޑުވެފައި ޖަންނަތުވެސް ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"އެ ޖީޒާއްތަ އެއީ އެހެން އުޅޭ މީހެއް އަބަދުވެސް" ޖަންނަތު ބުންޏެވެ.
ފެންފުޅި ހިފައިގެން ޖަންނަތު ދިޔުމުން ޖަމީލާ ފުންނޭވައެއް ދޫކޮށްލިއެވެ. ޖީޒާގެ އަނގަ ބަންދުކުރުމަށް އެ ދެކުދިން ކައިވެނިކުރަން އުޅޭ ވާހަކަ ބުނެވުނީތީ ޖަމީލާ ކަންބޮޑުވީ ފަހުންނެވެ. އެއީ އޭނާއަށް އެވަގުތު އެހެންގޮތެއް ނެތިގެން ބުނި އެއްޗެކެވެ. އެކަމަކު އެކަން ކުރުވަން އެބަޖެހެއެވެ. ޒާރާއަކީ ޖަންނަތު ފަދައިން ދެކޭ ދަރިއެކެވެ. އަނެއްކޮޅުން ހިމްނާއަކީ ވެސް އޭނާގެ ދަރިއެއް ފަދަ ކުއްޖެކެވެ. ވަސީމާގެ މައިންބަފައިންނަކީވެސް ޖަމީލާއާ ތިމާގެ ބައެކެވެ. އެ ދެމީހުން އެއްތަނެއްގައި ބައިތިއްބައިގެން އެވާހަކަ ދައްކަން އެބަޖެހެއެވެ. އެކަން ޖަމީލާ ކުރާނެއެވެ.
ވިސްނުންތަކުން ޖަމީލާއަށް ނިކުމެވުނީ ހުޅުވާފައި ހުރި ދޮރާށި ކުރިމައްޗަށް ސައިކަލެއް މަޑުކޮށްލުމުންނެވެ. ޒާރާ ކަން އެނގުމުން ޖަމީލާ ހީނލިއެވެ. އެތެރެއަށް ޒާރާ ވަނުމާއެކު ކައިރީގައި ހުރި ޖޯލި ޒާރާ އިށީންނަން ދެއްކިއެވެ.
"ޖަންނާ ކޮބާ؟" ޒާރާ ބުންޏެވެ.
"އެބައުޅޭ... ޖަންނާ...." ޖަމީލާ ބާރަށް ގޮވާލިއެވެ.
މާގިނައިރެއް ނުވެ ގޭތެރެއިން ޖަންނަތު ބޯދިއްކޮށްލައިފިއެވެ. އޭނާގެ އަތުގައި ވަޅިއެއް އޮތެވެ.
"މި އަންނަނީ" ޒާރާ ފެނުމުން ޖަންނަތު އެތެރެއަށް ވަނީ އަތުގައި އޮތް ވަޅި ބަދިގެއަށް ލާށެވެ.
"މާމަ މިދަނީ ކުޑަކޮށް އޮށޯވެލަން އިނގޭ. ނިދިފަ އޮތިއްޔާ ގޮވާލައްޗެ" ޖަންނަތަށް އޭނާ އިން ޖޯލި ދީފައި ގޭތެރެއަށް ވަންނަން ޖަމީލާ ހިނގައިގަތެވެ.
"ވަރަށް މީރު އެއްޗެއް ހަދައިގެން ހަވީރު ބީޗަށް ދާން އަދި މި ރެޑީ ވަނީ" ޖަންނަތު ބުންޏެވެ.
"ކޯޗެއް؟" ޒާރާ އެހިއެވެ.
"ބްރެޑް ޕިއްޒާއެއް" ޖަންނަތު ބުންޏެވެ.
ކުއްލިއަކަށް ޒާރާ ހަނދާންވީ އައްފާން ކިޔާލި ފަތިވަރެވެ. އިސާހިތަކު ޒާރާއަށް ހެވިއްޖެއެވެ.
"ކިހިނެއްވީ އަނެއްކާ؟ ކީއްވެ މާ ވަރަކަށް ހިނި އައިއްސަ" ޖަންނަތު ބުންޏެވެ.
"ދެންމެގަ ނިއަމް ހޯދަން އައްޔައަށް ގުޅިއިރު އުޅުނީ ހެދިކާ ހަދަން. އެހެންވެ މިހެވުނީ" ހީނލައިގެން އިނދެ ޒާރާ ބުންޏެވެ.
ޒާރާ އެ ބުނި އެއްޗެއްގެ މާނަ އަދި މާބޮޑަށް ޖަންނަތަށް ނޭނގުމުން އެންމެފަހުން ޒާރާ ވީގޮތް ޖަންނަތަށް ކިޔައިދިނެވެ. ޒާރާ ފަދައިން ޖަންނަތަށްވެސް ވަރަކަށް ހެވިއްޖެއެވެ.
"އެހެންވީމަ ބްރެޑް ޕިއްޒާ ހެދުން ހުއްޓާލާފަ ހަވީރު ވަސިންތަ ގޯތިން ހެދިކާ ގަންނާނީ ދޯ" ޖަންނަތު ބުންޏެވެ.
****
އަސުރު ނަމާދަށް ޒާރާ އެރީވެސް ބޭރަށް ދާން ރީތިވެގެން ހުރެއެވެ. ނަމާދުކޮށް ނިމި ޒިކުރު ކިޔަން ވަގުތުކޮޅެއް ހޭދަކޮށްލާފައި އޭނާ ކޮޓަރިން ނިކުތެވެ. ފޯނަށް ބަލައިލިއިރު ހަތަރެއް ޖަހަން އަދި ވިއްސަކަށް މިނެޓް ހުއްޓެވެ. އިރުކޮޅަކުން ޖަންނަތު އަންނާނެއެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން ހުރިހާ ދިމާލެއް ބަލަމުން ދަނިކޮށް ހުޅުވާފައި ހުރި ނޫރީންގެ ކޮޓަރިން މަންމަ ފެނިގެން އެ ކޮޓަރިއަށް ޒާރާ ވަނެވެ.
"ތި ދަނީތަ؟" ޒާރާ ފެނުމުން ހިމްނާ ބުންޏެވެ.
"އަދި ޖަންނަ ނާދޭ. އައިމަ ދާނީ. މަންމަ އަންނާނަން ދޯ އެ ދިމާލަށް" އެނދުގައި އިށީންނަމުން ޒާރާ ބުންޏެވެ.
"މަންމައަށް ދެވޭނީ މިކަމެއް ނިންމާފައެއްނު"
ހިމްނާ ހުރީ ނޫރީންގެ ދިގު އިސްތަށިގަނޑު ގޮށްފިލުވާށެވެ. ޒާރާއާ ހިލާފަށް ނޫރީންގެ އޮންނަނީ ވަރުގަދަ ބުޅި އިސްތަށިގަނޑެކެވެ. ނޫރީންގެ އިސްތަށިގަނޑު ފުނާ އަޅުވައި ގޮށް ފިލުވުމަކީ އަބަދުވެސް ހިމްނާ ކުރާ ކަމެކެވެ.
"އަނެއްކާ ގޮށްޖެހުނީތަ؟ އެހެންނޭވާނީ. ގޮށްނުފިލުވާނެ ކޮންމެ ދުވަހަކު" ޒާރާ ބުންޏެވެ.
"ދެން ނުވާނެ އަޅުގަނޑަކަށް. މަންމައާ ހެދި ކޮށާލިޔަވެސް ނުދިނޭ" ނޫރީން ބުންޏެވެ.
"މިދަނީ މަންމާ. ޖަންނަ އެ ގުޅީ. ވަސިންތަގެއިން ނިއަމް ގޮވައިގެން އެ ދިމާލުން ބީޗަށް ނިކުންނާނީ" ޒާރާ ބުންޏެވެ. ދެން ތެދުވެގެން ހިނގައިގަތެވެ.
ހިމްނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ޒާރާ ނިކުތް ދިމާލަށް ބަލަހައްޓައިގެން ހުރެފައި ނޫރީން ބުނި އެއްޗަކުންނެވެ.
"އެހެން އުޅެފަ ދޮންތި އަލީބެއާ މެރީކޮށްފިއްޔާ ކިހާ ރަނގަޅު. އޭރުން ދޮންތިވެސް ކިހާ ހެޕީކޮށް ހުންނާނީ. އަނެއްކޮޅުން ޔޫކް ބަދަލުގަ ކުޑަ ބޭބީއެއްވެސް ލިބުނީނު. އޭރުން ދޮންތިބެ މަތިންވެސް ދޮންތި އެއްކޮށް ހަނދާންނެތިދާނެ. ދޯ މަންމާ"
ހިމްނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަނދާނަށް އައީ ޖަމީލާ ދެއްކި ވާހަކަތަކެވެ. ނޫރީންގެ އިސްތަށިގަނޑުގައި މަޑުމަޑުން ފުނާ ހާކަމުން ދިޔައިރު ހިމްނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒާރާއާ ހަމަޔަށް އެ ވާހަކަ ގެންނާނެ ގޮތެކެވެ.
****
"މިއަދު މިގޭ ޖޯލި ހާދަ ފަޅޭ" ޖަންނަތު ބުންޏެވެ.
ހަވީރަށް އެ ޖޯލިތައް ހުންނާނީ ފުރިފައެވެ. އަވަށްޓެރިންނާއި ކުޑަކުދިންތަކުންނެވެ. އެހެންނަމަވެސް މިއަދު ހުރީ ހުސްކޮށެވެ. ޖަންނަތުގެ ލޮލުގައި އެ ހިސާބުން ފުރަތަމަވެސް އަޅައިގަތީ ހުސްކޮށް ހުރި ޖޯއްޔެވެ. ތަންކޮޅެއް ފަހަތުގައި ފޯނެއް އައުމުން ޖަންނަތު މަޑުކޮށްލި ވަގުތު ޒާރާ ދޮރާށި ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ. ޖަންނަތަށް ހުރެވުނީ ހައިރާންވެފައި އެ މަންޒަރު ބަލަހައްޓައިގެންނެވެ. މީގެކުރިން އެގޭތެރެއަށް ޒާރާ ވައްދަން ޖެހެނީ ގަދަކަމުންނެވެ. މިހާރު އެހެނެއް ނޫނެވެ. ޒާރާ މިހާރު ގަދަކޮށްލީތާއެވެ. ފަހަތުން ޖަންނަތު ވަންއިރު ޒާރާ ގޭތެރޭގެ ދޮރަށް އަރައިފިއެވެ.
"ދެން ތިހެން ދަމުން ގޮސް އައްޔަގެ ކޮޓަރިއަށް ވަދޭ" ޖެއްސުމަށް ޖަންނަތު ބުންޏެވެ. ފަހަތަށް އެނބުރިލާފައި ޖަންނަތަށް ޒާރާ ދެލޯ އަޅާލިއެވެ.
"ވަސިންތަގެ ކޮޓަރިން ނިއަމް އަޑު އިވެނީ" ޒާރާ ބުންޏެވެ.
ދެކުދިން ގޮސް ވަސީމާ ކޮޓަރި ދޮރަށް އެރިއިރު ހީވީ ހަމަ ރަނގަޅަށެވެ. ނިއަމް ރީތިކޮށްފައި އެނދު މެދުގައި އިނީ ބައިންދާފައެވެ. އެ ކުއްޖާގެ ވަށައިގެން ކުޅޭ އެއްޗެހިތައް ހުއްޓެވެ. ކައިރީގައި އަމާނީވެސް އިނެވެ. ވަސީމާ ސަލާންދީފައި ޖަންނަތާއި ޒާރާއަށް ހިނިތުންވުމެއް ދިނެވެ.
"ޒާ އަށް އެ ސޮރު އިންތިޒާރު އެ ކުރަނީ. އަވަހަށް ގެންދޭ. ބަލާ މިހާރުވެސް ޒާ އަށް ބަލާވަރު" ވަސީމާ ބުންޏެވެ. އޭރު ޒާރާ ނިއަމް ނަގައި އުރާލައިފިއެވެ.
"ކޯޗެއް ކާލައިގެން ބަނޑުބޮޑުކޮށްލާފަ މީނީ" ނިއަމްގެ ބަނޑުކޮޅުގައި ކޮށްޓައިލަމުން ޒާރާ ބުންޏެވެ.
"އަދިވެސް ރޯގާ ވައްތަރުވެފައެއްނު. އެހެންވެ އަންނާރު ދިޔަ ފޮދެއް ދީފަ" މުސައްލަ ގެންގޮސް ކަބަޑުމަތީގައި ބާއްވާފައި ވަސީމާ ބުންޏެވެ.
"ރޭގައި އަލީ ނިދިހެނެއް ހިއެއް ނުވޭ. އައިގޮތަށް ދައްތަ އަތަށް ދަރިފުޅު ދީފަ ކޮޓަރިއަށް ވަންގޮތަށް ނުނިކުމޭ. ކާން ނުނިކުންނާތީ ދައްތަ ގުޅައިވެސްލިން" އެނދުގައި އިށީންނަމުން ވަސީމާ ބުންޏެވެ.
ޒާރާ ހަނދާނަށް އައީ ރޭގެ ވަގުތުތަކެވެ. އައްފާނަށް ނުނިދޭނެކަން އޭނާއަށް އެނގެއެވެ. މިއަދު އޮތީ އެހާ ގަދަ ނިދީގައެވެ. ހެދިކާ ހެދީވެސް އެހާ ގަދަ ނިދީގައި އޮތީމަކަން ޔަގީނެވެ. ކުއްލިއަކަށް ޒާރާއަށް ހެވުނެވެ.
"އައްޔަވެސް ދޯ...." ޒާރާ ބުންޏެވެ.
ޒާރާއަށް ބަލައިލީ ޖަންނަތާއި ވަސީމާ އެކީގައެވެ.
(ނުނިމޭ)