ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ވޯޓު ކަރުދާހުގައި ރައްޔިތުންނާ ކުރަން ހިމަނަންޖެހޭ ސުވާލުގެ އިބާރާތް ކަނޑައެޅުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ، ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތަށް، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އަންނަ މަހުގެ 29 ގައި ކުރިއަށ ގެންދަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ބަޖެޓް ލިބުނުހާ އަވަހަކަށް، އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

އިތުރު ތަފުސީލު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް، މަޖިލީހުން ފާސްކުރި ގަރާރާއެކު އެ ވޯޓު ނެގުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އީސީން ލަފާ ހޯދުމަށްފަހު، ކޮމިޝަނަށް ފާހަގަކުރެވޭ ކަންތައްތަކެއްގެ މައުލޫމާތު ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ވޯޓު ނެގޭނީ އެ މައުލޫމާތު ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.

"މި ކަހަލަ އާންމު ވޯޓެއް ނަގާއިރު ވޯޓު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ، ރައްޔިތުންގެ ކައިރީގައި އަހަންޖެހޭ ސުވާލަކީ ކޮބައިކަން އެނގެންޖެހޭ، އެ ސުވާލެއް ނެތް އަޅުގަނޑުމެނަށް ލިބިފައެއް، އެހެންވީމަ އަޅުގަނޑުމެން މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައިވާނެ ރައްޔިތުންގެ ގާތުގައި އިލެކްޝަންސް ކޮމިޝުން އަހަންވީ ކޮން ސުވާލެއްތޯ، އެ ސުވާލަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް އެ ސުވާލު ފޮނުއްވައި ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި،" ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސުވާލާއެކު އިތުރު މައުލޫމާތުވެސް ބޭނުންވާ ކަމަށާއި އެގޮތުން ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވާއިރު، ހުއްޖަތްތަކީ ކޮބައިތޯއާއި ގެއްލުންތަކާ ފައިދާތަކަކީ ކޮބައިތޯ އެނގެންޖެހޭ ކަމަށެވެ. އަދި ވޯޓުލާން މީހަކު ދާއިރު ވޯޓުލާން މި ޖެހެނީ ކީއްވެގެންތޯ އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމުގެ މަސައްކަތްތައް މިހާރު މަޖިލީހުން ފަށާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ބާރުތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގެ މާދަމާގެ ޖަލްސާގައި ނިޒާމީ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަންޖެހޭ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.