ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކުރި އިރު، އޭނާއާއެކު ހައްޔަރުކޮށް ދައުވާ އުފުލި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައިވަނީ އެ މީހުންނަކީ 6 މެއި 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެކަންޏެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް މިއަދު ހުކުމް ކުރެއްވީ، އަލިމަނިކުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށާއި ނަމަވެސް ތަސްލީމްގެ މައްޗަށް ހެކި ނެތުމުން ކުށް ސާބިތުނުވާ ކަމަށެވެ.
އަލިމަނިކު ބަންދުގައި ހުރި މުއްދަތު އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ދިހަ މަހުގެ ޖަލު ހުކުމެކެވެ.
އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލައިފައިވެސް ވެއެވެ.
އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ 18 ޖޫން 2021 ގައެވެ.
މުހައްމަދު ތަސްލީމަކީ، އަމިއްލަ ކުންފުންޏެއްގެ އޮފީސް ތެރޭގައި ބޮމެއް ހަދަން މަސައްކަތް ކުރި މައްސަލައިގައި 2017 ވަނަ އަހަދު ހައްޔަރުކުރި މީހެކެވެ. މެއި ހައެއްގައި މަޖިލިސް ރައީސަށް ހަމަލާދިނުމަށް އިރުޝާދު ދިނީ އޭނާ ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު