ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށްވުރެ ގިނަ ގޯތި ހުޅުވާލަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިރޭ ވިދާޅުވީ، އާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށްވެސް ގޯއްޗަށް އެދެވޭނެ ކަމަށެވެ. އަދި ބިންތަކާއި ފްލެޓްތައް ދޫކުރާނެ ތަންތަން މިރޭ ނޫނީ މާދަމާ އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މިރޭ ނޫނީ މާދަން އިއުލާން ކުރެވިގެންދާނެ. ބޭނުމަކީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުން،" އަކްރަމް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ވަނީ އިއުލާން ކުރައްވައިފައެވެ.

މާލޭ މީހުންނަށް ބޯހިޔާވަހިކަން ދޭން މި ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި 20،697 މީހުން ކުރިމަތިލި އިރު، އޭގެ ތެރެއިން ޝަރުތު ހަމަވީ 13،763 މީހެކެވެ. އެއީ ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 9،860 މީހުންނެވެ.

އަދި މާލޭ މީހުންނަށް ގޯތި ދޭން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯތި ދިނުމަށް ނިންމާފައިވެއެވެ. އެއީ ޖުމުލަ 9،003 ގޯއްޗެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުމާލެ ފޭސް ދޭއްގައި 4,000 ފްލެޓް ހަދަމުން އަންނައިރު, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީއާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.