ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި، 2.2 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، އެ ތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ޖަރުމަނުން ރާއްޖެއަށް ގެނެސްފައި ހުރި ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި އެ ޕާރުސަލްގެ ތެރެއިން ޑްރަގަށް ޝައްކުވާ ކުނޑިތަކެއް ފެނުމުން އެ ތަކެތި ތަހުލީލު ކުރިއިރު ޑުރަގުގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ ބުނީ އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުބުނެއެވެ.

ހުސްވި މަހުގެ ހަތަރުވަނަ ދުވަހުވެސް ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެެރެ ކުރަން އުޅުނު 490 ގްރާމްގެ ޑުރަގް ވަނީ އަތުލައިގެންފައެވެ. އެ ފަަހަރު އަތުލައިގަތީ ކެނަބިސް ފަތްތަކެކެވެ.