ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޖާމަނީގެ ބަޔާ ލެވަކޫސަން ބޮޑު މޮޅެއް ހޯދިއިރު ސްޕޭނުގެ ވިޔަރެއާލަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެއްޖެއެވެ.

ލެވަކޫސަން މޮޅުވީ އަމިއްލަ ދަނޑުގައި ސުވިޑަންގެ ބީކޭ ހަކެންއާ ވާދަކޮށް ހަތަރެއް ސުމަކުންނެވެ. ސުވިޑަންގެ ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ހަކެންއަށް މި މެޗުގައި މާއެދެވޭ ކުޅުމެއް ނުކުޅެވުނެވެ. މިއީ ގްރޫޕް އެޗްގެ މެޗެކެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ނޯވޭގެ މޯލްޑޭ އާއި އަޒަބައިޖާނުގެ ގަރަބާގް އެފްކޭ ބައްދަލުކޮށް އަމިއްލަ ދަނޑުގައި އެކެއް ސުމަކުން މޮޅުވީ ގަރަބާގެވެ. އަޒަބައިޖާނުގެ ލީގުގެ ދެވަނައިގައި މިވަގުތު އޮތް ގަރަބާގުގެ މައްޗަށް ފަސޭހަކަމާއެކު މޯލްޑޭ ކުރިހޯދާނެ ކަމަށް ކުރިން ހީކުރެވުނަސް މި މެޗު ޑޮމިނޭޓްކުރީ ގަރަބާގުންނެވެ.

ސްޕޭނުގެ ވިޔަރެއާލް ބަލިވީ ރަށުން ބޭރުގައި ގްރީސްގެ ޕެނަތިނައިކޯސްއާ ވާދަކޮށް ދޭއް ސުމަކުންނެވެ. މިއީ ގްރޫޕް އެފްގެ މެޗެކެވެ. މިގްރޫޕްގެ އަނެއް މެޗުގައި އިޒްރޭލުގެ މެކަބީ ހައިފާއާ ވާދަކޮށް ފްރާންސްގެ ރެން ވަނީ އަމިއްލަ ދަނޑުގައި ތިނެއް ސުމަކުން މޮޅުވެފައެވެ.