ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް ދިނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވުމުން ކަރެކްޝަންސްއިން ވަނީ މިިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައެވެ. އޭގެ ފަހުން މި މަހުގެ 15އާ ހައަމަށް އެ މުއްދަތު އިތުރުކޮށްފައިވެއެވެ.
ކަރެކްޝަންސްގެ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އޭނާގެ ފަރާތުން މެޑިކަލް ބޯޑަށް ހުށަހެޅުމުން އެ ބޯޑުގެ ލަފާގެ މަތިން އޭނާގެ ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަަށެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ.
މީގެ ކުރިން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އިންޑިއާއަށް ވަޑައިގެން އަދީބު ވަނީ ބޭސްފަރުވާ ހޯއްދަވައިފައެވެ. ބޭސްފަރުވާއަށްފަހު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.
އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފައެވެ. އެކަމަކު އެ ހުށަހެޅުމަށް އަދި ގޮތެއް ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު