ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާއިރު، އެ ނިޒާމާބެހޭގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރެއިން، ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހޭ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ނުޖެހޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ނަޝީދު ވިދާޅުވީ 262 ދެވަނަ މާއްދާ އިސްލާހު ކުރާ އިރު، 70 ގެ ދަށުން ހިޔާލު ހޯދާފައި އެކުލަވާލާފައި އޮތް ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލް ތަސްދީގުކުރަންދާން ޖެހިވަޑައިނުގަންނަވާ އިސްލާހު ކުރެވިދާނެ ކަމަށެވެ.

"262 ދެވަނަ މާއްދާ އިސްލާހު ކުރާ އިރު، އެ މާއްދާގެ ށ ގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ އެއްވެސް ބިލެއްގެ ބަދަލުގައި 70 ގެ ދަށުން ހިޔާލު ހޯދާފައި އެކުލަވާލާފައި އޮތް ބިލެއް ނަމަ ދެން އަނެއްކާ ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލް ތަސްދީގުކުރަންދާން ޖެހިވަޑައިނުގަންނަވާ ގޮތަށް 262 އަޅުގަނޑުމެންނަށް އިސްލާޙު ކުރެވިދާނެ،" ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ހ ގައި ވަނީ ގާނޫނުއަސާސީއަށް އިސްލހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުންނެވެ.

އެ މާއްދާގެ ށ. ގައި ބުނަނީ ހ. ގައި އެހެން އޮތް ނަމަވެސް ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އެ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ ބިލެއް ބާތިލުވީއެވެ.

ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ހ ގައިވާ ގޮތުން ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

އެ މާއްދާގެ ށ. ގައިވާ ގޮތުގައި (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރޭގައި އަންނަނިވި ވާޖިބުތައް އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރުވެސް އެ މަޖިލީހަށް ލިބިގެންވެއެވެ.

އެ މާއްދާގެ ދެވަނަ ނަމްބަރުގައި ބުނެފައިވަނީ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތީން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު ބާތިލު ކުރެވޭނެއެވެ. އަދިި ހަވަނަ ނަމްބަރުގައި ވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެއެވެ.