މިމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ރައްޔިތުން އޭނާއަށް އިތުބާރުކޮށް، ހޮވައިފިނަމަ، ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ނ. ލަންދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ މިނިވަންކަން ގެއްލިގެންދާ ހިސާބަށް ގޮސްފައިވާ މައްސަލަ ކަމަށެވެ.
"ފަރުވާތެރި ނުވެއްޖިއްޔާ މިނިވަންކަން ގެއްލިގެން ހިނގައިދާނެ. އެއީ އެހާ ފަސޭހަކެއް ނޫން ހޯދާކަށެއް. އެ މެސެޖް އަޅުގަނޑު ދޭން ބޭނުންވަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ޔަގީންކަންދެން، 100 ޕަސެންޓް ޔަގީންކަންދެން އަޅުގަނޑަށް އިތުބާރު ކުރައްވައިފިއްޔާމު ދިވެހި ރާއްޖޭގފެ މިނިވަންކަން ޔަގީކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމުގައި އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތަކީ މިނިވަންކަން ޔަގީން ޔަގީންކުރުމުގެ މަސައްކަތް ކަމަށެވެ.
"މި ރާއްޖޭގައި އެބަތިބި ބޭރު ސިފައިން އެކަމަށް ކެހިވޭ އެންމެންވެސް. ހުދު ރައީސްވެސް ބަހުސްގައި ވިދާޅުވެއްޖެ ސިފައިން އެބަތިބިކަމަށް އެކަމަކު ތިބީކީ ބަޑިހިފައިން ރައްޔިތުންނާ ދިމާލަށް އަމާޒުކޮށްގެން ނޫނޭ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ބޭރުސިފައިން ތިބެގެން ނުވާނެ ކަމަށާއި އެއީ ނެގޯޝިއޭޓް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިނިވަންކަން ހިމާޔަތް ކުރުމަކީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވޭ ރައްޔިތުންގެ ކިބައިން. ފަންސާސް ޕަސެންޓާއި އެއް ވޯޓުންވެސް ކާމިޔާބުވޭ ގާނޫނު އޮންނަ ގޮތުން. ނަމަވެސް ފަސެންޓޭޖު މަތިކޮށް، ގިނަ ރައްޔިތުންގެ ޕަސެންޓޭޖާ އެކީގައި، މިސާލަކަށް 60 އާ ހަމައިން. އެހިސާބުން ކާމިޔާބުވެއްޖެއްޔާ އަޅުގަނޑުމެންނަށް ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބާފައި ތިބި ފަރާތްތަކަށް ދެންނެވޭނެ މިހާ ގިނަ ރައްޔިތުން ބޭނުންވޭ ބޭރުގެ ސިފައިން ބޭލުމަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެންމެ ބޮޑު އެޖެންޑާއަކީވެސް ބޭރުގެ ސިފައިން ބޭލުން ކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ބޮޑު ޕަސެންޓޭޖަކުން އޭނާއަށް އިންތިހާބު ކާމިޔާބުކޮށްދީފި ނަމަ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ފަސޭހަވާނެ ކަމަށާއި މިނިވަންކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު