ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގަރާރުގެ މަސައްކަތް މުޅ މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދަން ބޭނުންވާ ވަރަށް މެންބަރުން ހާޒިރު ނުވެގެން މަސައްކަތް ފެށުން ލަސްވެއްޖެއެވެ.

ނުވައެއްޖަހާއިރު ކޮމިޓީ ފަށަން އޮތް ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީ ނުފެށި ވަނީ ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވެގެން ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދެވޭނީ 29 މެންބަރުން ހަމަވެގެން ކަމަށްވެސް ވިދާޅުވިއެވެ. ނަަމަވެސް މިވަގުތު ހާޒިރުވެ ތިއްބެވީ 18 މެންބަރުން ކަމަށާއި، މުޅި މަޖިލީހުގެ ކޮމިޓީ ފަށަން އިތުރު 11 މެންބަރުން ބޭނުންވާކަމަށް މަޖިލިސް ރަައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި، މެންބަރުން ވަޑައިގަތުމާބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެއަށްފަހު 9:45 ގައި ކޮމިޓީގެ މަސައްކަތް ފެށުމަށް 9:15 އެހާކަންހާއިރު މަޖިލިސް ރައީސް ނިންމެވިއެވެ. ނަމަވެސް ދިހަގަޑި ބައިވިއިރުވެސް ކޮމިޓީ މަސައްކަތް ފެށިފައެއް ނުވެއެވެ.

ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ، މިއަދު މުޅި މަޖިލީހުގެ ކޮމިޓީން މަސައްކަތް ނިންމައި، މަޖިލިސް ތަޅުމަށް ފޮނުވުމަށްފަހު، މަޖިލީހުގެ ޖަލްސާ ބާއްވައި ގަރާރު މަޖިލީހުން ފާސް ކުރާ ގޮތަށެވެ.

ގަރާރުގެ މަސައްކަތް ނިމެންދެން އިއްޔެ ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ގަރާރު މަޖިލީހަށް ބަލައިގަނެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީން ގަރާރުގެ މަސައްކަތް ނިންމަންދެން އިއްޔެ ފެށި މަޖިލީހުގެ ޖަލްސާ ނިންމާލުމުގެ ބަދަލުގައި ވަނީ މެދު ކަނޑާލައިފައެވެ.

ނިޒާމީ ވޯޓެއް ނެގުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވި ނަމަވެސް ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވަނީ ވޯޓު ނަގާނެ ތާރީހަކާ މެދުގައެވެ.

އެ ގަރާރު ހުށަހެޅި ޑިމޮކްރޭޓުން ބޭނުން ވަނީ މިމަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން ނިޒާމީ ވޯޓު ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެމްޑީޕީ އާއި ދެން ތިބި ޕާޓީތަކުން އެކަމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ.