Close Election
Close
ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 29

2

ވާހަކަދައްކާލަން މަޑުކޮށްލަން ބޭނުމަސް ފައްވާޒަށް ހުރެވޭގޮތެއް ނުވިއެވެ. ފަހުން ބައްދަލުކުރާމޭ ބުނެފައި ފައްވާޒް ހިނގައިގަތެވެ. ކޮޓަރިއާ ދިމާލަށް އައްފާން ދިޔައީ ފައްވާޒް ލޯމަތިން ގެއްލުމުންނެވެ. މީގެކުރިން ފައްވާޒް ފެނިގެން އައްފާންގެ ހިތް ނުތަނަވަސްނުވެއެވެ. އެކަމަކު މިފަހަރު ތަފާތުވެއްޖެއެވެ. އެ ރަށުގައި ފައްވާޒް ހުންނާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އަމުދުން ޒާރާ ކުރިމައްޗަށް ފައްވާޒް އަންނާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.

ފުން ނޭވައެއް ދޫކޮށްލާފައި ކޮޓަރިއާ ދިމާލަށް އައްފާން ހިނގައިގަތެވެ.

ކާ ވަގުތު ފަހަނައަޅައި ގޮސްފައިވުމުން ޒާރާއަށް ކެވުނީ ކުޑަ އެތިކޮޅެކެވެ. މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އައްފާން އިނީ ކާއެއްޗެއްގައި އަތްވެސް ނުލައެވެ. އުންމީދުވެސް ނުކޮށް ހުއްޓައި އެ ރަށުން ފައްވާޒް ފެނުމުން އައްފާން އިނީ މޫޑު ގޯސްވެފައެވެ. އެ ރަށުން ފައްވާޒް ފެނުމަކީ ރަނގަޅު ފާލެއް ނޫނެވެ. ފޯނާ ކުޅެން އިން ޒާރާ އައްފާނަށް ބަލައިލިއެވެ. އައްފާން އިނީ ހިމޭނުންނެވެ.

"ކިހިނެއްވެފަ ތި އިންނަނީ؟" ޒާރާ ބުންޏެވެ.

އައްފާން ޒާރާއަށް ބަލައިލިއެވެ. ޖަވާބެއް ނުދެވުނެވެ. ފައްވާޒް ރަށުގައި ހުރި ވާހަކަ ޒާރާ ކައިރީގައި ބުނަން ބޭނުން ނުވިއެވެ. ބުނެގެން ފައްވާޒް ދެކިލަން ދާން ނަމަވެސް ޒާރާ ބޭނުންވާނެއެވެ. އެގޮތް ބޭނުންނުވަނީ އައްފާނެވެ. ފައްވާޒް ދެކެން ދިޔުމަކީ ޒާރާއަށް އުފަލެއް ނަމަވެސް އައްފާނަށް އެކަން ވާނީ ވޭނަކަށެވެ.

"ކަމެއް ނުވޭ. އެހާ ބަނޑުހައެއް ނުވޭ" އައްފާން ބުންޏެވެ.

އައްފާން ތެދުވެގެން ގޮސް ފާހާނާއަށް ވަންނަންދެން ބަލަން އިނދެފައި ޒާރާ އެނދުން ތެދުވެ ގެނައި ކާއެއްޗެހިތައް ޑަސްބިނަށް އެޅިއެވެ. ކާއެއްޗެހިތައް އިސްރާފުކުރަން ޖެހުނީތީ ދެރަވިޔަސް އެ ވަގުތަށް އެނޫން ގޮތެއް ނެތެވެ. ކޮޓަރި ތެރެ ސާފުކޮށްލާފައި ކޮޓަރިން ނިކުންނަން ޒާރާ ތައްޔާރުވެލިއެވެ. އެމީހުން ރޭ މަޑުކުރަން ހަމަޖެހިފައިވާ ގެއަށްދާ ވަގުތު ޖެހުނީއެވެ.

އިރުއޮއްސެންވާއިރަށް ވަސީމާ ފޮނުވައިގެން އޭނާ ރަހްމަތްތެރިއަކު އައްފާނާއި ޒާރާ ބަލައި އައެވެ. ރަށަށް ފުރަން ވަންދެން އެގޭގައި އެމީހުންނަށް ތިބެވޭ ގޮތް ހަމަޖައްސައިދިނެވެ. ނިދަން ލާނެ ހެދުމާއި ބޭނުންކުރާނެ އެހެނިހެން ސާމާނުވެސް ހަމަކޮށްދިނެވެ. އެ އާއިލާއަށް އޮޅިފައި އޮތް ކަމަކީ އައްފާނާއި ޒާރާއަކީ ދެމަފިރިން ނޫންކަމެވެ.

ބަންގި ގޮވުމާއެކު އައްފާން ނިކުތީ ގޭތެރެއިން އެހެން ކުއްޖަކާއެކު މިސްކިތަށް ދިޔުމަށެވެ. އޭރު ޒާރާ ނިއަމް ނިންދަވަން ތައްޔާރުކުރަމުން ދިޔައެވެ.

"އައްޔަ އަވަހަށް އަންނައްޗެ. މިއީ ބީރައްޓެހި ރަށެއް" ޒާރާ ބުންޏެވެ. އައްފާން ބޯޖަހާލާފައި ކޮޓަރި ދޮރު ލައްޕާލިއެވެ. ޒާރާ އެވަރަށް އޭނާއާ މެދު ވިސްނާލީތީ ހިތްހަމަވެސްޖެހުނެވެ. ޒާރާ ނުބުނި ކަމުގައި ވިޔަސް އައްފާން ހުރީ ނަމާދުކޮށް ނިމުމާއެކު ގެއަށް އަންނާށެވެ. ރަށުތެރެއިން އަނެއްކާ ފައްވާޒާ ދިމާވެ ވާހަކަދެކެވެން އޭނާ ބޭނުމެއް ނުވެއެވެ.

****

ކައިގެން ގޭދޮރުމައްޗަށް ނިކުތް ފައްވާޒަށް ދާންވީ ދިމާލެއް ނޭނގުނެވެ. އައްފާނާ ބައްދަލުކުރަން ބޭނުންވިޔަސް އޭނާ އުޅޭ ތަނެއް ހޯދަންދާނެ ތަނެއް ނޭނގުނެވެ. އެތައް ފަހަރަށް ގުޅައިގެންވެސް އައްފާން ފޯނު ނުނެގިއެވެ. އައްފާން ފޯނަށް ޖަވާބުނުދިނީ ހަމަ ގަސްދުގައިކަން ފައްވާޒަށް އެނގުނެވެ. އަލުން ގޭތެރެއަށް ވަދެ ޖޫލިޔާ އޮތް ކޮޓަރީ އެނދުގައި އޭނާ ޖައްސާލިއެވެ.

"ކޮންތާކުން ތިއައީ؟" ޖޫލިޔާ އެހިއެވެ.

"ނުދަން ތަނަކަށް. ގޭ ދޮރުމަތީގަ ހުރީ" ފައްވާޒް ބުންޏެވެ.

އޭރުވެސް ފައްވާޒް އުޅުނީ ފޯނުން އައްފާނަށް ގުޅުމުގައެވެ. އޭނާ ބޭނުންވަނީ އައްފާން މެދުވެރިކޮށް ޒާރާގެ ހަބަރު އޮޅުންފިލުވާށެވެ. ޒާރާ މީހަކާ ރައްޓެހިވިތޯ ނުވަތަ އިނދެފިތޯ ޔަގީންކުރުމަށެވެ.

"ކާކަށް އެހާވަރަށް ތި ގުޅަނީ؟" ޖޫލިޔާ ބުންޏެވެ.

"އެއީ ރައްޓެއްސެއް" އައްފާން ބުންޏެވެ. އިތުރަށް ފޯނާ އޭނާ ނުކުޅުނީ ޖޫލިޔާގެ ސުވާލުތައް ހުސްނުވާނެތީއެވެ.

"ކޮއްކޮއަށް ނިދުނީދޯ" ފައްވާޒް ބުންޏެވެ. "މަންމަ ކިހިނެއް މާދަމާ ތިވަރުން ތިބުނާ ޕާޓީއަކަށް ދަނީ"

"ހެނދުނަށް ދުޅަ އެއްކޮށް ފިލާނެހެން ހީވަނީ. ނުހިނގިއްޖެއްޔާ ދަރިފުޅު ވާނެ ކޮނޑުމައްޗަށް ލައިގެންވެސް މަންމަ ގެންދަން" ހީލަމުން ޖޫލިޔާ ބުންޏެވެ.

****

ކޮޓަރިއަށް ވަނުމުގެ ކުރިން އައްފާން ޓަކި ޖަހާލިއެވެ. ޒާރާގެ ހަބަރެއް ނުވުމުން ފޯނަށް ގުޅާލިއެވެ. އެވަރުންވެސް ހަބަރެއް ނުވިއެވެ. އިތުރަށް ޓަކިޖަހަން އައްފާން ނޫޅުނީ ނިއަމް ނިންދަވަން ޒާރާއަށް އުނދަގޫވެދާނެތީއެވެ.

"ކުޑަމީހާއަށް ކާންދީގެން ނިންދަވަން ވަންނަނީއޭ ބުނި" ފައިރޫޒާއަށް ދޮރު ކައިރީގައި މަޑުކޮށްގެން ހުރި އައްފާން ފެނުމުން ބުންޏެވެ.

އައްފާން އިރުކޮޅަކު މަޑުކޮށްގެން ހުރެފައި މަޑުމަޑުން ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ނަސީބަކުން ހުރީ ތަޅުނުލައެވެ. އެތެރެއަށް ދޮރުހުޅުވިގެން ދިޔުމާއެކު ފުރަތަމަވެސް އައްފާންގެ ނޭފަތުގައި ޖެހުނީ ނިއަމްގެ ރީތިވާ ސާމާނުތަކުގެ ވަހެވެ. އެއީ މުޅި ދުނިޔެއިންވެސް އޭނާއަށް އެންމެ ކަމުދާ ވަހެވެ. ދިމާލަށް ހުރި އެނދުގައި ނިދިފައި އޮތް ޒާރާ ފެނުމުން އައްފާނަށް ހުރެވުނީ އެ މަންޒަރު ބަލަހައްޓައިގެންނެވެ. އެއް އަރިއަކަށް ދޮރާ ފުރަގަސްވާގޮތަށް އޮތް ޒާރާގެ ބަނޑުދޮށުން ނިއަމް ފެންނަނީ ކިރިޔާއެވެ. އައްފާން މަޑުމަޑުން އެނދާ ދިމާލަށް ހިނގައިގަތެވެ. ނިއަމް ނިންދަވަން އެރިގޮތަށް ޒަރާއަށް ނިދިފައި އޮތްކަން އައްފާނަށް އެނގުނެވެ. ނިދަންލާ އަތްދިގު ކަޅު ކުލައިގެ ޓީޝާޓަކާއި މާޖެހި ދޫ ހަރުވާޅުގައި ޒާރާ އޮތީ ބުރުގާވެސް އަޅައިގެންނެވެ. ދެ ފައިގައި އިސްޓާކީނުވެސް އޮތެވެ. އައްފާންގެ ނަޒަރުގައި ޒާރާގެ ގަދަރު އެތައް ތަނެއް އުފުލިގެން ދިޔައެވެ. ޒާރާއަށް ގޮވަން އުޅެފައިވެސް އޭނާ އެ ހިޔާލު ދޫކޮށްލިއެވެ. އޭނާ ކަންބޮޑުވީ އެއްވެސް އެއްޗެއް ނުކައި ޒާރާ އޮތުމުންނެވެ. އެހެންނަމަވެސް ފަތިހާ ހޭލައިގެން މުޅި ދުވަހު އަރާމެއްނެތި ތެޅެން ޖެހުމުން ވަރުބަލިވެސް ވާނެތާއެވެ. އަލުން ކޮޓަރި ދޮރު ލައްޕާފައި އައްފާން ނިކުތެވެ. އޭނާ ބޭނުންވީ ޒާރާއަށް ހޭލެވެންދެން އިންތިޒާރުކުރާށެވެ.

އައްފާން އިށީނީ ގޯތިތެރޭގައި ހުރި މަސްފެންގަނޑެއް ކައިރީގައި އެލުވާފައި ހުރި ޖޯއްޔެއްގައެވެ. ފޯނެއް އަންނަން ފެށީ ފެންގަނޑު ތެރޭގައި ނިދާފައި ތިބި މަސްތަކަށް ބަލަހައްޓައިގެން އިންނަތާ އިރުކޮޅެއް ފަހުންނެވެ. ފޯނަށް އަރާފައި އިން ދިމްނާގެ ނަން ފެނުމުން އައްފާން ދެބުމަ ގޮށްޖެހުނެވެ. ނިއަމް ހޯދަން މުޅީންވެސް ދިމްނާ ގުޅާނީ ދުވާލުގެ ވަގުތުގައެވެ. ރޭގަނޑު ގުޅުމުން ބޮޑުކަމެއް ހިނގައިފިކަން އައްފާނަށް އެނގުނެވެ. އަނެއްކާ ނުހާއަށް ކަމެއްވީ ހެއްޔެވެ؟ ހިނދުކޮޅަކަށް އައްފާނަށް ފާޑެއްގެ އުނދަގުލެއްވިއެވެ. އިރުކޮޅަކުން ދެފަރާތަށް ދެފަރާތަށް ބޯހޫރާލިއެވެ. މިހާރަކު ނުހާއާ މެދު ކަންބޮޑުވާކަށް ނުޖެހެއެވެ. އެއީ ބޭކާރު މީހެކެވެ. ކޯލު މިސްވުމުގެ ކުރިން އައްފާން ފޯނު ނެގިއެވެ.

ދިމްނާ ދިން ހަބަރާއެކު އައްފާންގެ ހިތް ރޮއެގަތެވެ. ދިމްނާއާ މެދު ހަމްދަރުދީވެސް އުފެދުނެވެ. އިންތިހާއަށް ދެރަވިއެވެ. ރަހްމާނަކީ އޭނާ އިހުތިރާމުކުރާ ހިތުން ބަފައެއްގެ ދަރަޖަ ދީފައިވާ އިންސާނެކެވެ. އެކަމަކުވެސް ކުރާނެކަމެއް ނެތެވެ. އަޖަލު ހަމަވުމާއެކު ކޮންމެ މީހަކުވެސް ދާނެއެވެ. އައްފާން ފޯނު ބޭއްވީ ދިމްނާއަށް ވިސްނައިދީފައެވެ. އެންމެ ފަހަރަކުވެސް އޭނާ ނުހާގެ ވާހަކައެއް ނާހައެވެ. އެކަމަކު ދިމްނާ ނުހާގެ ވާހަކަދެއްކިއެވެ.

ފޯނު ބޭއްވުމާއެކު ޖޯލީގައި އައްފާން ހަށިގަނޑު ސީދާކޮށްލިއެވެ. ނުހާގެ ވިޔާނުދާކަން ހަނދާންވެފައި ހިތުގައި އުފެދުނީ ފޫހިކަމެކެވެ. ނުހާ އެ ހުރީ ހައްދުފަހަނަ އަޅައިފައެވެ. ގެއްލި ހުސްވެފައެވެ. ބަފައިމީހާ މަރުވެ އެންމެފަހުން ވަޅުލާފައި އާއިލާ މީހުން ގެއަށް ވަދެ ހިތާމައިގެ ފުންކަނޑެއްގެ ތެރެއަށް ޤަރަގުވެގެންދާއިރު ނުހާގެ ހިލަމެއް ނެތެވެ. ފަހު ފަހަރަށް ބަފައިމީހާގެ މޫނުވެސް ނުފެނުނެވެ. ނުހާ ދޫކޮށްލެވުނުކަން ހަމަ ނަސީބެވެ.

"އަހަރެން ކީއްކުރަން ނުހާއާ މެދު ވިސްނަންވީކީ" އަމިއްލަ ހިތާ އައްފާން ސުވާލުކޮށްލިއެވެ.

"އަހަރެން ކުރިއަށް ދާންވީ މަގު ވަރަށް ސާފު" އައްފާންގެ ހިޔާލީ ލޯގަނޑަށް ސިފަވެގެން ދިޔައީ ޒާރާގެ ތަސްވީރެވެ. އެ ހިނދުގައި އޭނާގެ ތުންފަތުގައި ކުޅެލީ ހިނިތުންވުމެކެވެ. މީގެކުރިން ފަސްއެޅި ވަޅުލެވިފައިވާ އިހުސާސްތަކެއް އޭނާގެ ހިތުގައި އިއާދަވަމުންދާކަމެއް ނޭނގެއެވެ.

"އަހަރެންނާއި ނިއަމްގެ މުސްތަގުބަލުގެ ހުޅުކޮޅު އެދަނީ ރޯވަމުން. އެ ހުޅުކޮޅު ދުވަހަކުވެސް ކަނިވިޔަކަ ނުދޭނަން. ﷲ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ފަހަތަށް ނުބަލާނަން" އައްފާންގެ ހިތް ބުނަމުން ދިޔައެވެ.

ކުއްލިއަކަށް އައްފާން ސިހުނީ ވަސީމާގެ އެކުވެރިޔާ ގޮވާލުމުންނެވެ. ބަލައިލިއިރު ފައިރޫޒާ ހުރީ ކައިރީގައެވެ.

"މާބޮޑަށް ސިހުނީ ދޯ" ހިނިތުންވެލާފައި ފައިރޫޒާ ބުންޏެވެ. "ދައްތަ ބުނީ އަންހެނުން ގޮވައިގެން ކާން ހިނގާށޭ"

ފައިރޫޒާ ބުނި އެއްޗަކާ މެދު އައްފާނަށް ވިސްނާލެވުނީ މާ ފަހުންނެވެ.

"އަންހެނުން.... ޒާރާ" އައްފާންގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

****

ޒާރާއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ހުއްޓުމެއްނެތި ވައިބްރޭޓްވަމުން ދާތީއެވެ. އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ގުޅަނީ މަންމައެވެ. ގަޑިން ވީއިރެއް ޒާރާއަށް ނޭނގެއެވެ. އޮވެވުނީ އަމިއްލަ ރަށުގައި އަމިއްލަ އެނދުގައި ނޫންކަން އެނގުނީ ބަނޑުދޮށުގައި އޮތް ނިއަމް ފެނުމުންނެވެ.

"ކީކޭ މަންމާ" ނިދިބަރު އަޑަކުން ޒާރާ ބުންޏެވެ.

"މިގަޑީގަ ދަރިފުޅު ކޮން ނިންޖެއް ތި ނިދަނީ؟ އަދި ނަމާދުވެސް ނުކުރަންދޯ. ގަޑި ބަލައިބަލަ" ހިމްނާ ބުންޏެވެ.

ޒާރާއަށް ހީވީ ދެލޮލުން ނިދި ފިލައިގެން ދިޔަހެންނެވެ. ކަންފަތާ ފޯނު ދުރުކޮށްލާފައި ގަޑި ބަލައިލި ގޮތަށް އޭނާ ފުންމައިގެން ތެދުވިއެވެ. ކޮޓަރީގެ އެތަންމިތަން ހޯދައިލެވުނީ އައްފާން ނިދާފައި އޮންނާނެ ކަމަށެވެ. އެހެންނަމަވެސް އައްފާން ނެތެވެ. އަނެއްކާ އައްފާން ކޮބައި ހެއްޔެވެ؟

"އެގާރަޖަހައި ބޮޑުވެއްޖެ. ދަރިފުޅު ނިދާފައި އޮތީމަ ބޭރުގަ އަލީ އެބައިން ނުކެވިފަ. އޭނަ މަންމައަށް ގުޅާފައި އެ ބުނީ ޒާރާއަށް ގުޅާބަލާށޭ. ދެންވެސް ތެދުވޭ. ނަމާދުކޮށްގެން ނިކުމެ ކާއެއްޗެއް ކައިބަލަ" ހިމްނާ ވާހަކަދެއްކިއެވެ.

ފޯނު ބާއްވާފައި ޒާރާ ފޯނަށް ބަލައިލިއެވެ. ތިންފަހަރު އައްފާން ގުޅާފައި އެބައޮތެވެ. އެހާ ގަދަ ނިންޖަކުން ޒާރާއަށް ނިދުނީ ހާދަ ދުވަހެއް ފަހުންނެވެ. ވީއެންމެ އަވަހެއްކޮށްގެން ޒާރާ ނިކުންނަން ބޭނުންވިއެވެ.

އޭގެ ވިއްސަކަށް މިނެޓް ފަހެވެ. ކޮޓަރީގެ ތަޅު ހުޅުވާލި އަޑަށް އައްފާން ބަލައިލިއެވެ. ޒާރާ އެ ދިމާލަށް އަންނަތަން ފެނުނެވެ. ކައިރިއަށް އައިސް ހުއްޓުނުއިރު ޒާރާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އައްފާން ހީލިއެވެ.

"ގުޑްމޯނިންގް" އައްފާން ބުންޏެވެ. ޒާރާއަށް ހެވުނެވެ.

"ހިނގާ ކާން" ޒާރާ ބުންޏެވެ.

ހަގީގަތުގައި އޭނާ ހުރީ އޭނާގެ ސަބަބުން އައްފާންގެ ކެއުން ލަސްވެގެން ކަންބޮޑުވެފައެވެ. އޭނާ ހޭލެވޭނެ އިރަކަށް އައްފާން އިންތިޒާރުކުރާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ.

"ނޭނގެ ވީގޮތެއް. ހީވަނީ ނިއަމްއަށް ވުރެވެސް ކުރިން ނިދިއްޖެހެން" ޒާރާ ބުންޏެވެ.

ދެކުދިން އެއްކޮށް ކާގެއަށް ވަންއިރު ގޯތިތެރެއިން އިތުރު މީހަކު ފެންނަން ނެތެވެ. ދެ ކުދީންނަށްވީ ކާއެއްޗެހި މޭޒުމަތީގައި ގޮއްޓެއް ޖަހާފައި ހުއްޓެވެ. އައްފާން އިށީނުމުން ޒާރާ އަވަސްވީ އައްފާނަށް ކެވޭނެހެން ތަށިތައް ކައިރިކޮށްދޭށެވެ. އެވީ ކުޑަވަގުތުކޮޅުގެ ތެރޭގައި ޒާރާއަށް ސިއްރުން ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. ހަމަ އެ ހިނދުގައި އޭނާގެ އެ ނަޒަރު ހުދު އޭނާއަށް ވެސް ސިއްރުވާނޭހެން އަތުގައި އޮތް ފޯނަށް ހުއްޓާލިއެވެ.

"ޒާ ނުކަންތަ؟" ޒާރާ އަޅާނުލައި އިނުމުން އައްފާން ބުންޏެވެ.

"މިހާ ލަސްވީމަ އެހާ ކާހިތެއް ނެތް"

ކާހިތެއް ނެތެވެ. ދިރިއުޅުމަށް އައި ބޮޑު ބަދަލަށްފަހު ހާލަތު މަޑުމަޑުން ބަދަލުވަމުން އައިސް ކުޑަކޮށްވެސް ބަދަލު ނައި ކަމަކީ ޒާރާގެ ކެއުމެވެ. ދުވާލަކު އެއްފަހަރު ކައިގެން ހުއްޓަސް އޭނާއަށް ފުދެއެވެ. ތަށި ކައިރިކޮށްލާފައި ކުޑަ ބަތްކޮޅެއް އެޅީ ހަމަ ނަމަކަށެވެ. ނުކައި އިނުމުން ކާއެއްޗެހި މަތިން އައްފާން ފޫހިވެދާނެތީއެވެ.

"އަހަރެމެން ހޮސްޕިޓަލުން އަންނަންދެން ކާކު ނިއަމް ކައިރީގަ ހުންނާނީ" ޒާރާ އެހިއެވެ.

"މިގޭ ދައްތަ ކައިރީގައި ބުނެލިން" އައްފާން ބުންޏެވެ.

ބާކީ ހުރި ކާއެއްޗިއްސަށް ހޫނުކުރުމަށްފަހު ޒާރާ ބަދިގެއިން ނިކުތީ ހުރިހާ ލައިޓްތަކެއްވެސް ނިއްވާފައެވެ. ކޮޓަރިއަށް ވަދެފައި ޒާރާ ނިކުތީ ހެދުން ބަދަލުކޮށް ދަބަސް ހިފައިގެންނެވެ. އައްފާން ގޭދޮރުމަތީގައި ޒާރާ ނިކުންނަންދެކަށް ހުއްޓެވެ.

"ރިޕޯޓް ގެނައިންތަ؟" އައްފާން އެހިއެވެ. ޒާރާ ބޯޖަހާލިއެވެ. އެގެ ހުންނަނީ ހޮސްޕިޓަލާ ފުދޭވަރަކަށް ދުރުގައެވެ. އެހެންވިޔަސް ދެމީހުން ދިޔައި ހިނގާލާފައެވެ. އެކަކު އަނެކަކާ ބަހެއް ނުކިޔައެވެ. ބައެއްފަހަރު އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލައެވެ. އެ ރަށުގައި ފައްވާޒް އުޅޭކަން އައްފާން ހަނދާންވީ ކުއްލިއަކަށެވެ. އޭނާގެ ނޭވާ އަވަސްވެގެން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލައިލީ ފައްވާޒް ފެންނަން ހުރިތޯއެވެ. ނަސީބަކުން މަގުން ދެތިން މީހުންގެ ހިލަން ނޫނީ އެއްވެސް ހިލަމެއް ނުވެއެވެ.

"ކީއްވެ ކުއްލިއަކަށް ތިހާ ބާރަށް ތި ހިނގަނީ" އައްފާން ހިނގުން ބާރުކޮށްލުމުން ޒާރާ ބުންޏެވެ.

"އަވަހަށް ގެއަށް ދާންވާނެއްނު" އައްފާން ބުންޏެވެ.

ހުދު އައްފާންވެސް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. ހިނގުން ބާރު މިކުރަނީ ކީއްވެ ހެއްޔެވެ؟ ފައްވާޒް އެ ދިމާލަށް ބަލަން ހުރިހެން މި ހީވަނީ ކިއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް އަނެއްކާވެސް އައްފާން ހިނގުން މަޑުކޮށްލިއެވެ. އައްފާނަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި ޒާރާ ކައިރިއަށް އައީ ހިންޏެވެ. އައްފާނަށް އެވާ ގޮތެއް އޭނާއަށް ނޭނގުނެވެ. އެއްފަހަރު ހިނގުން ބާރުކޮށްލާއިރު ހީވަނީ ސްޕީޑު ލޯންޗެއް ހެންނެވެ. އަނެއް ފަހަރު ހިނގުން މަޑުކޮށްލާއިރު ފަސް މިނެޓުންވެސް ފިޔަވަޅެއް ނެގޭހެނެއް ހިއެއް ނުވެއެވެ.

****

ޑޮކްޓަރު ކޮޓަރިން ނިކުތްގޮތަށް ގޮނޑި ބަރީގައި އިން ހުންނަ ގޭ އަންހެން ކުއްޖާއަށް ފައްވާޒް ގޮވާލިއެވެ. ގޮނޑީގައި އިން ޖޫލިޔާ އެ ކުއްޖާއާ ހަވާލުކޮށްފައި ފައްވާޒް ދިޔައީ ބޭސްފިހާރައާ ދިމާލަށެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ބޭސްފިހާރަ ދޮރުމަތީގައި ފޯނެއްގައި ހުރި އައްފާނެވެ. ފައްވާޒް އެ ދިމާލަށް ހިނގައިގަތެވެ. އޭނާ ހުރި އައްފާނާ ވާހަކަދައްކަން ބޭނުންވެފައެވެ. އެ ވަގުތު އައްފާނާ ދިމާވިކަން ހަމަ ނަސީބެކެވެ. ފޯނު ނުނަގައި ފިލައިގެން އުޅެވިއްޖެތާއެވެ. ބީރައްޓެހި ރަށަކުން އައްފާން ފަދަ އެކުވެރިއެއް ފެނުނުކަން ނަސީބެކެވެ. ފޫހިވެގެން އުޅޭކަށް ނުޖެހޭނެއެވެ. މައްސަލައަކީ އައްފާންގެ ދުރުކަމެވެ.

ހީ ގަނެގެން ހުރި ފައްވާޒް އަންނަތަން ފެނުމުން އައްފާން ހުއްޓުން އެރިއެވެ. ބޭސްނަގާ ކިޔޫގައި މަޑުކޮށްލައިގެން ހުރި ޒާރާއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ނަސީބަކުން ޒާރާގެ ކުރިއަށް އަދި މީހުން ތިއްބެވެ. ޒާރާ ހުރި ދިމާލަށް ދާން ނޭނގިފައި އައްފާން ހުއްޓައި ފައްވާޒް އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ.

"އަނެއްކާ ދިމާވީ ދޯ" ހެމުން ހެމުން ފައްވާޒް ބުންޏެވެ.

އައްފާން ހީލިއެވެ. އަނެއްކާވެސް ބަލައިލެވުނީ ފަހަތަށެވެ. ނޭނގިވެސް އެ ދިމާލަށް ޒާރާ ބަލައިލިއްޔާ ފައްވާޒާ ދެމީހުންގެ ނަޒަރު ބައްދަލުވާނެއެވެ.

"އާނ. ފުރަން ވަންދެން މި ރަށުގަ ހުންނަންޏާ ފެންނާނެއްނު" އައްފާން ބުންޏެވެ. ފައްވާޒަށް ޝައްކެއްވެސް ނުވާނެހެން އައްފާން އައިސް ހުއްޓުނީ ހަމަ ސީދާ ފައްވާޒްގެ ކުރިމަތީގައެވެ. އައްފާން ހުރިގޮތުން ކުރިމައްޗަށް ފައްވާޒް ބަލައިލިޔަސް ނޫނީ ޒާރާ ބަލައިލިޔަސް އެ ދެމީހުން އެކަކު އަނެކަކަށް ނުފެންނާނެއެވެ. އައްފާނަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

"ކޮފީއަކަށް ހިނގާބަލަ. ވަރަށް ވާހަކަ އެބަހުރި" ފައްވާޒް ބުންޏެވެ.

"ނޫނޭ. ނިއަމް އެކަނި ބާއްވާފަ އައިސް މި އުޅެނީ. މިހާރަކު ނުދެވޭނެ. އެކަމަކު ތިންވަނަ ފަހަރަށް ދިމާވިއްޔާ ޔަގީނުންވެސް ދާނަން" އައްފާން ބުންޏެވެ.

ފައްވާޒް ކަރު އެލުވާލިއެވެ. ދިޔުމުގެ ކުރިން އަދި އެއްކަމެއް އައްފާންގެ ފަރާތުން ސާފުކުރަން އޭނާ ބޭނުންވިއެވެ. އަހަން ނުކެރިފައި އޭނާ ހުއްޓެވެ.

"ދަނީ؟" އައްފާން ބުންޏެވެ.

"މަޑުކޮށްބަލަ. ރަށުގަ ދޯ މިހާރު ތި އުޅެނީ" ފައްވާޒް ބުންޏެވެ.

އައްފާން ބޯޖަހާލިއެވެ. އަނެއްކާވެސް ފަހަތަށް އެނބުރި ބަލައިލިއެވެ. ޒާރާގެ ނަންބަރު ޖެހުމުން އޭނާ ހުރީ ކައުންޓަރު ކައިރީގައެވެ. އައްފާންގެ ނޭވާ ހާސްވާގޮތް ވިއެވެ. ބޭސް އަތަށް ލިބޭއިރަށް އެ ދިމާލަށް ޒާރާ އަންނާނެއެވެ. އަދިވެސް ފައްވާޒް ދާކަށް ނޫޅެއެވެ.

"ޒާރާ... ޒާރާ ދެކުނިންތަ؟ އޭނަ ރަނގަޅުތަ؟ މަންމަ ނޫރް... އެންމެންގެ ހާލު ރަނގަޅުތަ؟ ޒާރާ އަދިވެސް ވަރަށް ދެރަވެފަތަ ހުންނަނީ؟"

އެ ސުވާލުކުރަން އޭނާ ވަރަށް ހިތްވަރުކޮށްފިއެވެ. ދުލުން ބަޔާން ނުކުރިޔަސް ޒާރާގެ ހާލު އެނގެން އޭނާ ބޭނުންވެއެވެ. ޒާރާ އެ ހިތާމަތަކުން އަރައިގަނެފިތޯ ބަލަން ބޭނުންވެއެވެ. އެންމެފަހަރަކު ނަމަވެސް ހަމަޖެހިގެން ޒާރާއާ ވާހަކަދައްކާލަން ހިތް އެދެއެވެ. ދުނިޔެއަށް ސިއްރުން ނަމަވެސް ޒާރާއާ އެކު އެކުވެރިކަން ބާއްވަން ބޭނުންވެއެވެ.

ހިތް އަވަސްވެފައި ހުރި ޒާރާ ބޭސްކޮތަޅު ހިފައިގެން އެނބުރުނެވެ. އެ ހިނދު އައްފާނަށް ހީވީ އޭނާގެ ހިތް ފުންމައިގެން ނިކުންނަން އުޅުނު ހެންނެވެ.

"ކޯޗެއް ފެންނާތީ އެވަރަށް ފަހަތަށް ތި ބަލަނީ" ފައްވާޒް ބުންޏެވެ.

ފައްވާޒް އެނބުރެން އުޅެނިކޮށް އައްފާން ހިފެހެއްޓީ ފައްވާޒްގެ ދެ ކޮނޑުގައެވެ. ބޭނުންވީ ފައްވާޒް ބަލަން ބޭނުންވި ދިމާ ބެލިޔަނުދީ ހިފަހައްޓާށެވެ. ޒާރާގެ އެ އުފާވެރި ދުނިޔެ ފައްވާޒް ފެނުމާއެކު ބިމާ ހަމަވާނެއެވެ. ފައްވާޒްގެ ސަބަބުން ޒާރާގެ ބަދަލުވަމުންދާ މިޒާޖު ބޯ ވިއްސާރަ ވިލާގަނޑަކަށް ވާން އައްފާން ނޭދެއެވެ.

"ޒާރާ ދޯ. އަދި މަރެއް ނުވޭ. މަރުވިއްޔާ ޓީވީތަކުންވެސް ގޮވާނެއްނު. އޭރުން ކަލެއަށްވެސް ސިއްރެއް ނުވާނެއްނު" އައްފާން ބުންޏެވެ. ފައްވާޒަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ފައްވާޒަށް ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައި ހުއްޓައި އައްފާން ހިނގައިގަނެއްޖެއެވެ. އިސްއުފުލައި ކުރިމައްޗަށް ބަލައިލި ވަގުތު އަންހެންކުއްޖަކާއެކު އެހެން ދިމާލަކުން އައްފާން އޮބާލިތަން ފެނުނެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަންހެންކުއްޖާގެ ހިނގުން ޒާރާގެ ހިނގުމާ އޭނާއަށް ވައްތަރުވިއެވެ. ހައިރާންވެފައި އޭނާ ތުނބުޅީގައި އަތް ހިންގާލިއެވެ. އައްފާން ދިޔަ ދިމާލަށް އޭނާ ދުވެފައި ދިޔައެވެ. އައްފާން ކައިރީގައި ހުރީ ކޮން އަންހެންކުއްޖެއްތޯ ބަލަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ.

އެހެންނަމަވެސް ފައްވާޒަށް އައްފާންގެ ހިލަމެއްވެސް ނުވިއެވެ. އެހާ އަވަހަށް ފިލައިފިއެވެ. އައްފާން ކޮންމެވެސް ކަމެއް ސިއްރު އެބަކުރެއެވެ. ނުހާ ވަރިކޮށްލާފައި އެހާ އަވަހަށް އައިސް އަންހެނަކު އަތު އަޅުވާލައިފިއެވެ. އެކަމަކު ޒާރާ...

"ނޫން. އެއީ ޒާރާއެއް ނޫން. ޒާރާ އެހާ ހިއްކެއް ނުވާނެ. އައްފާން ކައިރީގައި ހުރީ އިލޮއްޓެއްހާ ހިކި ކުއްޖެއް. ޒާރާއަކީ އިސްކޮޅާ ރޫފަ އެއްވަރަށް ހުރި ކުއްޖެއް" ފައްވާޒްގެ ހިތް ބުނެލިއެވެ.

އަންހެން ކުއްޖެއްގެ ނިންޖާ އަރާމާ އުފާތައް އޭނާ ފޭރިގަތްކަން އޭނާގެ ހަނދާނުގައި ނެތް ކަހަލައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟