ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރަށް މަޖިލީހުން ގޮތެއް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުންވެސް މަޖިލިސް ރައީސް ވިދާޅުވީ، އެ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައި ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންވެ ގަރާރުގެ ބަހުސަށް ހުޅުވައިލެއްވުމުން ލިބުނު ފުރުސަތުގައި އެ ގަރާރު ހުށަހެޅި މެންބަރު އިލްޔާސް ލަބީބު، ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވިއެވެ. އަދި ހުސް ވަގުތުކޮޅަށްފަހު މަޖިލިސް ޖަލްސާ ފެއްޓެވުމަށްފަހު މަޖިލިސް ރައީސް، އިލްޔާސް ލަބީބުގެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ.
އެ ވޯޓުގައި ގަރާރުގެ މައްސަލަ ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 22 މެންބަރުންގެ ތެރެއިން 17 މެންބަރުންނެވެ. ޖަލްސާ ކުރިއަށް ގެންދަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. މަސައްކަތް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ފާސްކުރަން ބޭނުން ވަނީ ނުވަ މެންބަރުންގެ ވޯޓެވެ. އެހެންކަމުން ބަހުސްގައި ވާހަކަދައްކަން އެދި ވަޑައިގެން ތިއްބެވި އެެހެން މެންބަރުންނަށް މަޖިލިސް ރައީސް ފުރުސަތު ދެއްވަން ފެއްޓެވިއެވެ.
އިލްޔާސް ލަބީބު މިއަދު ހުށަހެޅުއްވި ގަރާރުގައިވަނީ، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ވޯޓާ ހަމައަށް އަންނަ އިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ރައްޔިތުން ވޯޓުލުމުގެ ބަދަލުގައި އެހެން މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި ރައްޔިތުން ވޯޓުލާން ޖެހިފައިވާކަން ފާހަގަކުރެވޭތީ އާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒުކުރުމަށް ޓަކައި ރައްޔިތުންގެ ހައްގުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭ ތަންވެސް ފާހަގަ ނުކުރެވޭތީ، މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.
ގަރާރުގައި ބުނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަށް 15 އަހަރު ވެފައިވާ އިރު، އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލި ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭން ޖެހިފައިވަނީ، އެއިރެއްގައި ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި، ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އަދި އެއިން ކޮންމެ އިންތިހާބަކާ ހަމައަށް އަންނަ އިރު، ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި ތިބޭތީ، އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކު އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވަނީ، އަދި ވޯޓުލާން ޖެހިފައިވަނީ އެ ބަޔަކު މިނިވަންކުރުމުގެ މަގުސަދުގައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މިހާތަނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 އިންސައްތައަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި، އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި، ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަން ޖެހޭ ތަރައްގީއާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ގަރާރުގައި އިތުރަށް ބުނީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި 30 ނޮވެމްބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓަކަށް އެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށްދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި އަދި އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ އެ ގަރާރު ހުށަހަޅާ ކަމަށެވެ.
ރާއްޖޭގައި ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ވޯޓުން ނިންމާފައިވަނީ އޭރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު