ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 28

2

ފެރީއަށް އަރަން ޒާރާއަށް އެހީވެދިނީ އައްފާނެވެ. އެއްއަތުން ނިއަމް އުރާލައިގެން ހުރެ އަނެއް އަތުން ޒާރާގެ އަތުގައި ހިފައިގެން ފެރީގެ ތެރެއަށް ހިނގައިގަތްއިރު އެ މަންޒަރުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ދަރީން ފުރުވާލަން އައިސް ތިބި ދެފަރާތުގެ މަންމައިންނަށެވެ. ހިމްނާގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ. އެހެންނަމަވެސް ހޭލައި ހުރެގެން ވަސީމާ އެތައް ހުވަފެނެއް ބަލަމުން ދިޔައެވެ.

****

ފެރީ ތެރޭގައި ޒާރާ ނިއަމް ގޮވައިގެން ސަކަރާތުގައި އިންތަން ފެނުމުން ދުރުގައި އިން އައްފާންގެ ހިތަށް ވެރިވެގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ޒާރާ ފެނުމާއެކު ނިއަމް ހީވަނީ މޮޔަވާހެންނެވެ. ތެޅިގަންނަ ގޮތުން ހީވަނީ އަމިއްލަ މައިމީހާ ކައިރިއަށް ދާން ތެޅިގަންނަ ހެންނެވެ. އެއް އަރިމަތީގައި އިން އައްފާން ޒާރާއަށް ނޭނގޭނެހެން އެ ހުރިހާ މަންޒަރެއްގެ ވީޑިއޯ ފޯނުގައި ރައްކާކުރަމުން ދިޔައެވެ.

އުޑުމަތި އެހާ ސާފު ނަލަ ދުވަހެއް ނޫނެވެ. ކަނޑުގެ ބާނިތައް ގަދަވެގަތީ ތަންކޮޅެއް ދުރަށް ދުއްވާލި ފަހުންނެވެ. ފެރީ ދެ އަތަށް ހެލެން ފެށުމުން ޒާރާގެ މޫޑު ގޯސްވިއެވެ. ކަނޑުގަދައިރު ޒާރާ އެއްގޮތަކަށްވެސް ކަނޑުމައްޗަށް ނާރައެވެ. ސްކޫލުން ބާއްވާ ޓްރިޕްތަކުގައިވެސް އޭނާ ބައިވެރިނުވެއެވެ. ކުއްލިއަކަށް ޒާރާ ބޯއަނބުރާ ގޮތް ވިއެވެ. މޭ ނުބައިކުރާ ހެންވެސް ހީވިއެވެ. ފަނޑު އަތްވެއް ދިއްލާފައި ވިޔަސް ވައިރޯޅި ބާރެވެ. އިސާހިތަކު މީހާ އެއްކޮށް ދާހިއްލަން ފެށިއެވެ. ނިއަމްއަށް ދެމުން އައި ސަމާލުކަންވެސް ކުޑަވެއްޖެއެވެ.

ޒާރާ ދެފަރާތް ބަލައިލިއެވެ. އަރިމަތީގައި އިން އައްފާނަށް އެ މަންޒަރު ފެނުމުން އެތަނުން ތެދުވެގެން އައިސް ޒާރާ ކައިރީގައި އިށީނެވެ. ޒާރާއަށް އުނދަގޫވެފައި އިންހެން ހީވެ ނިއަމް ނަގައި އޭނާގެ އުނގުގައި ބޭންދިއެވެ.

"އަދި ކިހާ އިރެއް ވާނެތަ؟" ޒާރާ އެހިއެވެ.

"ފަންސަވީހަކަށް މިނެޓް. މިތަންކޮޅު ގަދަޔަސް ރަށް ކައިރިއަށް ދެވޭވަރަކަށް މަޑުވަމުން ދާނީ" އައްފާން ބުންޏެވެ.

ޒާރާ މޭގައި އަތްއަޅާލިއެވެ. ކެތްތެރިކަން ކުޑަވެފައި ފާޑަކަށް އިނދެ އަތުކުރީގައި އޮތް ގަޑިއަށްވެސް ބަލައިލިއެވެ. ފަސްވީސް މިނެޓް ކީއްކުރަން ހެއްޔެވެ؟ ފަސް މިނެޓްވެސް އޭނާ އިނީ ލަސްވެފައެވެ. ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދެފައި އައްފާން ވާހަކަދެއްކިއެވެ.

"އަސްލު ކަނޑުގަދައެއް ނޫނޭ. ވައި އެ ޖެހެނީ ހުޅަނގުން. މިހާރުވެސް ހެލުން ކުޑަވެއްޖެ"

ފޯނުގައި ޒާރާ ބާރަށް ހިފަހައްޓާލިއެވެ. ބޯ އަނބުރާހެން ހީވަނީ ފެރީ ދެ އަތަށް އަރިވާތިއެވެ. އިނދެވުނީ ތަންކޮޅެއް ފަހަތުގައި ކަމަށްވުމުން ވަރަށް ރީއްޗަށް ފެރީ އަރިވަމުންދާ ތަން ޒާރާއަށް ފެނެއެވެ. ހޮޑުއައިސްދާނެތީ ކުޅެއްވެސް ދިރުވާލަން ނުކެރިފައި އިން ޒާރާ މޭގައި އަތްއަޅާލާފައި ދެލޯމަރާލިއެވެ. ކޮންމެގޮތެއް ވިޔަސް ދެން ކުރިން ވީއިރެއް ނުވާނެއެވެ. އަދި ހިފަހައްޓާލެވިދާނެއެވެ. އެންމެފަހުން ކަނޑުމައްޗަށް އެރީވެސް ޔޫކަށް ބަނޑުބޮޑުއިރުއެވެ. އެހާ ދުވަހަށްފަހު ދަތުރެއް ކުރަންޖެހުމުންވެސް ގޮތްގޮތް ވެދާނެއެވެ. ހިމޭނުން އިނދެ ޒާރާ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައެވެ.

ކުއްލިއަކަށް ޒާރާ ސިހުނީ އޭނާގެ ކޮނޑުމަތިން މީހެއްގެ ބީހުން އިހުސާސްވެފައެވެ. ސިހިފައި ޒާރާ ބަލައިލިއެވެ. އެއީ އައްފާންގެ އަތެވެ. ޒާރާއަށް އުނދަގޫގޮތެއް ވިއެވެ. އައްފާންގެ މޫނަށް ބަލައިލަން ނުކެރިފައި ޒާރާ އިނެވެ. ޒާރާ ހިތްހަމަނުޖެހޭ ގޮތް ނުވިއެވެ. އައްފާންގެ އަތް ކޮނޑުމަތީގައި އޮތަސް އެވަގުތު އައްފާންގެ ނިޔަތް ގޯސް ނޫންކަން ޒާރާއަށް އެނގެއެވެ.

"ބޯއަޅާލައިގެން ދެލޯ މަރާލައިގެން އިނދޭ" ޒާރާ ބަލައިނުލިޔަސް އިވޭވަރަށް އައްފާން ބުންޏެވެ. އެގޮތަށް ޒާރާ އަމަލުނުކުރުމުން ޒާރާގެ ކޮނޑުގައި ހިފަހައްޓާލިގޮތަށް ކޮނޑާ ކައިރިކޮށްލިއެވެ. މަޑުމަޑުން ޒާރާގެ ބޯ އައިސް އައްފާންގެ ކޮނޑުގައި ޖެހެންދެން އައްފާން އެގޮތަށް އަމަލުކުރިއެވެ. އައްފާންގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފާޅުވީ ކީއްވެގެންކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް ހިތުގައި ހީވީ ޒާރާގެ ދެ އަތުން ފިރުމާލިހެންނެވެ.

ދެލޯ މަރާލައިގެން އިނަސް ޒާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އައްޔައަކީ ޒާރާގެ ރަނގަޅު އެކުވެރިއެއް ކަމުގައި ވީހިނދުވެސް އައްޔަ ކިހާ އޯގާތެރި ހެއްޔެވެ؟ ކިހާ އަޅާލާ ހެއްޔެވެ؟ ނުހާއަށް އައްޔައާއެކު ނޫޅެވުނުކަން އެއީ ނުހާގެ ނަސީބުދެރަކަމެވެ. ޔަގީނެވެ. ކޮންމެ އަންހެންކުއްޖެއްވެސް ބޭނުންވާނީ އައްޔަ ފަދަ ބައިވެރިއެކެވެ. ޒާރާ ހިތާހިތުން ދުއާކޮށްލިއެވެ. އައްޔައަށް ހެޔޮގޮތްވުމަށް އެދިއެވެ. އައްޔައާއި ނިއަމް ދެކެ އިންތިހާއަށް ލޯބިވާނެ ބައިވެރިއެއް ލިބުމަށް އެދިއެވެ.

ރަށާ ހަމައަށް ފެރީ އައިއިރުވެސް ޒާރާއަށް އިނދެވުނީ އެކަހަލަ ހިޔާލުތަކެއްގައެވެ. އޭނާ ބޯ އުފުއްލާލީ ރަށަށް ވަދެވުނުކަމަށް އައްފާން ބުނުމުންނެވެ. ޒާރާ ބަލައިލިއެވެ. ތެދެކެވެ. ފައިބަން މީހުން ތައްޔާރުވާން ފަށައިފިއެވެ. ޒާރާ ބުރުގާ ރީތިކޮށްލިއެވެ. އައްފާންގެ އަތްމަތީގައި ފޫހިވެފައި އިން ނިއަމް ރުޅި މޫނު ދައްކައިގެން އިނުމުން ޒާރާއަށް ހެވުނެވެ.

"ބަލާބަ މޫނުކޮޅު ލޯބިކަން ރުޅި އައިއްސަ އިންއިރުވެސް" ޒާރާ ބުންޏެވެ.

"އެހެންނޭ ވާނީ ޒާ އަތުން އަތުލީމަ" އައްފާން ބުންޏެވެ.

ރުޅި އައިސްފައި އިނަސް ޒާރާ އަތްދިއްކޮށްލުމާއެކު ނިއަމް އައެވެ. ޒާރާއަށް ހެވުނެވެ. ކޮޅަށް ތެދުވިއިރުވެސް ހުރީ ކޮންމެވެސް ވަރަކަށް މޭ ގޯސްވެފައެވެ.

"އަހަރެން ކުރާ ދަތުރުތަކުގަ ކަނޑުގަދަވުމަކީ މުޅި ދުވަސް ހަރާބުވާކަމެއް" ޝީޓުން ތެދުވެ އައްފާންގެ ފަހަތުން ހިނގައިގަންނަމުން ޒާރާ ބުނެލިއެވެ. ފެރީ އިން ފޭބުމުގެ ކުރިން އައްފާނަށް ޒާރާ ޝުކުރު އަދާކުރިއެވެ.

****

ފިހާރައިގައި އިން ހިމްނާ ހިނިތުންވެލީ ދޮރުން އެތެރެއަށް ވަން ޖަމީލާ ފެނިފައެވެ. އެ ހިސާބަށް ޖަމީލާ އައީ އެތައް ދުވަހެއް ކޮށްފައެވެ. ހިތްހަމަޖެހިފައި ހުރި ހިމްނާ ވަގުތުން ޖަމީލާ އިށީންނަން ގޮނޑިއެއް ދެއްކިއެވެ.

"ޖަމީލާދައިތަ ކޮންދަތުރެއްގަ މި ހިސާބަށް ތިއައީ" ހިމްނާ ބުންޏެވެ.

"މަދު ހޮވާންކަމަށް ނިކުތީ. މި މަގާ ހަމައަށް އާދެވުނީމަ ހިތަށް އެރީ މިތަނަށް ވަދެލާފައޭ ދާނީ" ޖަމީލާ ބުންޏެވެ.

ހިމްނާ ހިނިތުންވެލިއެވެ. މަދު ހޮވައިގެން އެ ހިއްކައިގެން މަދު އެއްކޮށް އެ ވިއްކުމަކީ ޖަމީލާ އެންމެ ކުރާހިތްވާ މަސައްކަތެވެ. މަ ދުހޮވާން އޭނާ ނިކުންނާކަށް ވަކި ވަގުތެއް ނޯވެއެވެ. ޖަމީލާއަކީ ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ އަންހެނަކަސް ފެންނަ ފެނުމަށް އުމުރަށް ވުރެ ޅައެވެ. ލިބާހާ އެކު އަޅާފައި ހުންނަ ކުލަ ވަށްބުރުގާ މޭކަށިގަނޑަށް ވުރެ ތިރިއަށް ހުރެއެވެ. ހަށިގަނޑު ތެދުވެފައި އިސްކޮޅުން ދިގެވެ. ހަމުގެ ކުލަ އައްޔެވެ. ހިނގާފައި ތަންތަނަށް ދާއިރު އެހާ ހަލުއްވެވެ.

"ޖަންނަތު ކޮބާތަ؟ މިއަދު މި ހިސާބަކުން އެ މަންޖެ ނުފެނޭ. ޒާރާއެއް ނެތްވިއްޔާ" ހިމްނާ ބުންޏެވެ.

"އެކުން ޒާރާއާ ގުޅޭ ވާހަކައެއް ކޮންމެހެން ދައްކާލަން ޖަމީލާދައިތަ މިއައީވެސް" ޖަމީލާ ބުންޏެވެ. ހިމްނާ ޝައުގުވެރިވިއެވެ.

"ހިޔާލެއް ދޭން. ވަސީމާގެ ސޮރުގެ ދަރި އެ މަންޖެއާ ވަރަށް ގުޅޭ ވާހަކަ ޖަންނަތު ބުނި. ހިމްނާ. އަހަރެން ބުނަން މިއުޅޭ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ. މިއީ ރަނގަޅު ފުރުސަތެއް. ވަސީމާގެ އަލީ އަކީ ހަމަ ލައްކައަކުން އެކެއް. އަހަރެންގެ ހިތް ބުނޭ ޒާރާގެ ދިރިއުޅުމަށް މިފަހަރު އަންނާނެ ބަދަލަކީ ވަރަށް ހެޔޮ ބަދަލެކޭ. ﷲ ގެ ރަހުމަތްފުޅު ނިކަން ދެކިބަލަ. އަލީ އެ ސޮރު ގޮވައިގެން އައިފަހުން ޒާރާ މިގޭތެރޭގަ މަޑުޖެހޭތަ؟ އެކި މީހުންގެ މައްޗަށް އެކަލާނގެ ރަހްމަތްފުޅު ލައްވާނީ އެކި ގޮތްގޮތަށް" ވިސްނުންތެރިކަމާއެކު ޖަމީލާ ވާހަކަދެއްކިއެވެ.

ހިމްނާ ވިސްނާލިއެވެ. ޖަމީލާ ބުނަން އުޅުނީ ކީކޭ ކަން ވަރަށް ރަނގަޅަށް އޭނާއަށް ފަހުމްވިއެވެ. އަލުން ޒާރާ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ އޭނާ ދެކެން ބޭނުންވާ އެއް މަންޒަރެވެ. އެކަމަކު އެކަހަލަ ހަބަރެއް ހިފައިގެން ޒާރާ ނާންނަހާ ހިނދެއްގައި އައު ދިރިއުޅުމެއްގެ ވާހަކަ ޒާރާ ކައިރީގައި ހިމްނާއަށް ދައްކާނެ ގޮތެއް ނުވިސްނުނެވެ. އަނެއްކޮޅުން އަލީ ދެކޭގޮތްވެސް ބެލުން މުހިންމެވެ. ކޮންމެގޮތެއް ވިޔަސް އެ ވާހަކަތަކުން ހިމްނާގެ ހިތުގައި އެ އެދުން އާވެގަތެވެ.

"އަހަރެން މި ހިތަށް އަރަނީ އަލީ ދެކޭނީ ކޮންގޮތަކަށްބާއޭ. އެ ސޮރުވެސް ކައިވެނި ރޫޅާލާފައި އައިސް އަދި ހުންނާނީ އެހާ އުފަލަކުން ނޫން ކަންނޭނގެ" ހިމްނާ ވާހަކަދެއްކިއެވެ.

"ކަލެއާ މަށާ ވަސީމާ މިކަމާ އުޅެން ހިނގާބަލަ. އަހަރެމެން މަސައްކަތް ކުރަނިކޮށް އެ ދެކުދިންނަށް އާ ހަޔާތެއް ހޯދައިދެވިދާނެ. ކައިވެނީގެ މަތިވެރި ގުޅުމެއްގެ އެންމެ މުހިންމު އެއް ބިންގަލަކީ އެކުވެރިކަން. މާކުރިން އެކުދިން އެވަނީ ދެކުދިންގެ މެދުގައި އެ ފާލަން ބިނާކޮށްފައި. ދެން އޮތީ އަހަރެމެންގެ ހިސާބުން ކުރަންޖެހޭ ކަންކަން"

ހިމްނާ މުޅިއަކުން ހިތްހަމައެއް ނުޖެހެއެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ދެވަނަ ފަހަރަށް ޒާރާ އެއް ހިތާމައެއް ކުރާތަން ދުށުމަށް ވުރެ ﷲ އޭނާގެ ލޮލުގެ ފެނުން ގެންދެވުންވެސް މާ ރަނގަޅެވެ. އެކަމަކު ޖަމީލާ ބުނިހެން އެއީ ނުވާނެ ކަމެއްވެސް ނޫނެވެ. ކޮންމެ ކަމަކާވެސް ކުރިމަތިލާންޖެހޭނީ އެކަލާނގެއާ ވަކީލުކޮށްފައެވެ. އޭރުން އެކަކަށް ވާނެ އެއް ގެއްލުމެއްވެސް ނޯންނާނެއެވެ. ހިމްނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޖަމީލާ ޒާރާއާ މެދު އެހާބޮޑަށް ވިސްނީތީއެވެ. އޭނާގެ ހިތަށް ނާރާ ކަމެއްގެ ވާހަކަ ހިފައިގެން ޖަމީލާ އައީތީއެވެ. ޖަމީލާއަށް ހިމްނާ ބަލައިލީ ޝުކުރުވެރިކަމާއެކުގައެވެ.

****

ޒިންކު ކައިރީގައި ދެއަތް ދޮންނަން ހުރި މާހީގެ ގައިގައި ފައްވާޒް ހުރީ ފަހަތުން ބައްދާލައިގެންނެވެ. އިރުކޮޅަކާ މާހީގެ ކޮނޑަށް ވުރެ ތަންކޮޅެއް ތިރިއަށް އޮތް ފަން އިސްތަށިކޮޅު އެއްކައިރި ކޮށްލާފައި ކަނދުރާއަށް ބޮސްދެއެވެ. ކަންފަތްދަށަށް ފުމެލައެވެ. މާހީގެ ކަރުދަށުގައި އިނގިލިތަކުން ބީހިލައެވެ. ފައްވާޒްގެ އެ ހަރަކާތްތަކުން މާހީ ހީލައެވެ. ހީވާގޮތުން މާހީ ހުރީ ރަނގަޅު މޫޑެއްގައެވެ.

"ތި އުޅެނީ އަހަރެން ނުދާށޭ ބުނެފާނެތީ ދޯ" ފައްވާޒްގެ އަތުތެރެއިން ނިކުންނަމުން މާހީ ބުންޏެވެ. ހީލާފައި ފައްވާޒް އައިސް އިށީނީ މޭޒުކައިރީގައެވެ. ވަގުތުގެ ގޮތުން މާހީގެ އާއިލާ އެއްވެސް މީހަކު ގޭތެރޭގައި ނެތެވެ. މެންދުރުކުރީގެ އެވަގުތު އެގެއަށް ފައްވާޒް އައީވެސް ކޮންމެހެން އަންނަން ޖެހިގެންނެވެ. ބޭނުންނަމަ މާހީ ކައިރީގައި ގުޅާފައިވެސް ބުނެވުނީހެވެ. އެހެންނަމަވެސް ފައްވާޒް މާލެއިން ބޭރަށް ދާ ވާހަކަ އެންމެރަނގަޅު ވާނީ މާހީ ކައިރީގައި ހުރެގެން ދެއްކުން ރަނގަޅުކަމަށް ފެންނާތީ އޭނާ އަންނަން ޖެހުނީއެވެ.

"އަހަރެންނަށްވެސް މާހީ ނުފެންނަ ހިސާބެއްގަ މާގިނަ އިރަކު ނުހުރެވޭނެ. ވަރަށް މިސްވާނެ" ފައްވާޒް ބުންޏެވެ.

ބިސްގަނޑެއް އަޅައިގެން އައިސް މާހީ އިށީނީ ފައްވާޒާ ޖެހިގެން ހުރި ގޮނޑީގައެވެ.

"ކިހާ ދުވަހަކަށް؟ ކޮންރަށަކަށް ދާން ތިދަނީ" މާހީ އެހިއެވެ.

"ވަރަށް ގިނަދުވަހަށްފަހު މަންމައާ އެކުގަ ތަނަކަށް ދާން އެ ބުނީ. މަންމަގެ ވަރަށް ގާތްމީހެއްގެ ދަރިއެއް މީހަކާ އިންނާތީ. މަންމަ ބޭނުންވީ އަހަރެން ގޮވައިގެން ދާން. ހީވަނީ ދެތިން ރޭ ވާނެހެން. ލ. އަތޮޅަށް ދަނީ"

މާހީއަށް ޖެހުނީ އަނގައަށް ލާން ދިމާކޮށްލި ބިސްކޮޅު މަޑުޖައްސާލާށެވެ. އެ އަތޮޅަކީވެސް މާހީ އެހާ ހިތްހަމަޖެހޭ އަތޮޅެއް ނޫނެވެ. ހިތުގައި އުފެދުނީ ފޫހިކަމެވެ. އޭނާގެ އަތުން ފައްވާޒް ގެއްލިދާނޭ ބިރުހީވެ ނިކަން އަވަހަށް ފައްވާޒްގެ ކޮނޑުގައި ބޯއަޅާލިއެވެ.

"އަހަރެން ގޮވައިގެން ނުދެވޭނެތަ؟" މާހީ ބުންޏެވެ.

ފައްވާޒް ހީލިއެވެ. މާހީގެ އަތުގައި ހިފަހައްޓާލިއެވެ. "މެރީކޮށްގެން އުޅޭނަމަ ތިއީ އެއްވެސްކަމެއް ނޫނެއްނު"

"އެހެންވިޔަސް. އަހަރެން ބިރުގަނޭ. އަނެއްކާ... އަނެއްކާ އެ ޒާރާ އުޅޭ ރަށަށް..."

"ސާބަހޭ. އަހަރެން މިދަނީ ޒާރާ ހޯދާކަށް ނޫނޭ. އަހަރެން ހުންނާނީ އޭނާ ވަރިކޮށްފަ އަހަރެން ހަޔާތުން ދުރަށްލާފަ. ބޭނުންވާ މީހާ ކައިރިކޮށްގެން މި އުޅެނީ. އެއްލާލާފަ އޮތް އެއްޗެއް އަލުން ނަގާކަށް އަހަރެން ނުދާނަން"

މާހީއަށް އުފަލުން އިނދެވުނު ތަންވެސް ނޭނގުނެވެ. ފައްވާޒްގެ ދެއަތް ތިލައިގެ ތެރޭގައި އޭނާ ބޮނޑިވެލިއެވެ. އެއީ އަބަދުވެސް ފައްވާޒްގެ ފަރާތުން އޭނާ އަޑުއަހަން ބޭނުންވާ ވާހަކަތަކެވެ. އޭނާ ދެކެ ލޯބިވާ ވާހަކައެވެ. ޒާރާ ދެކެ ފޫހިވާ ވާހަކައެވެ.

"ދިޔުމުގެ ކުރިން ކުޑަކަމެއް ކޮށްލަން ބޭނުން." މާހީގެ ދަތްދޮޅީކޮޅުގައި ހިފާ އުފުލާލަމުން ފައްވާޒް ބުންޏެވެ.

ފައްވާޒްގެ އަތުގައި ހިފައިގެން މާހީ ތެދުވިއެވެ. ދެން އެނާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެތެރެއިން ދޮރު ތަޅުލިއިރު މީހަކަށް ފެނިދާނެ ކަމަކަށް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ.

****

ހޮސްޕިޓަލުގެ ކުޑަކުދިންނަށް ފީޑުކުރާ ކޮޓަރިން ޒާރާ ނިކުންނަންދެން އައްފާން ކޮޓަރި ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޒާރާ ނިކުތްއިރު އޭނާގެ ކޮނޑުމަތީގައި ނިއަމްއަށް އޮތީ ނިދިފައެވެ. އެކަން އެނގުމުން އައްފާން ނިއަމް އުރާލާފައި އޭނާގެ ކޮނޑުމަތީގައި ބޭއްވިއެވެ. އައްފާން އަތުގައި އޮތް ނިއަމްގެ މެޑިކަލް ފައިލްގައި ހިފީ ޒާރާއެވެ.

"ގާތްގަނޑަކަށް މި ނިމުނީނު. ނަތީޖާ ލިބޭނީ ހަވީރު ފަހެއް ޖަހާއިރު. މި ހިތަށް އަރަނީ ނަތީޖާ ނުނަގާ ފުރާނީބާއޭ. ނޫނީ އޮންލައިންކޮށް ދައްކާނީބާއޭ" އައްފާން ބުންޏެވެ.

"އަހަރެންނަށް ފެންނަނީ ހުރިހާކަމެއް ނިންމާފަ ދާން. އޭރުން ފަހުން އަންނާކަށް ނުޖެހޭނެއްނު. ކުޑަކުއްޖަކު ގޮވައިގެން އަބަދު ކަނޑުދަތުރުކުރުމަކީ ފަސޭހަކަމެއް ނޫން. އަނެއްކާ އަހަރެމެންގެ ރަށަކީ ކޮންމެ ކޮންމެ ބޭހެއް ލިބޭ ރަށެއް ނޫން. ނަތީޖާ ބަލާފައި ޑޮކްޓަރު ބޭހެއް ދިނަސް މިކަހަލަ ތަނަކުން ލިބޭނީ"

އައްފާން ވިސްނާލިއެވެ. ޒާރާ އެ ބުނީވެސް ދޮގެއް ނޫނެވެ. އާދެވުނު ފަހަރު ހުރިހާކަމެއް ނިންމާފައި ދިޔުން ބުއްދިވެރިއެވެ. އޮތީ އެންމެ މައްސަލައެކެވެ. އެމީހުން ކުރަން އައި ބޭނުން ނިމޭނެހާ އިރެއް ވަންދެން ޝެޑިޔުލްކޮށްފައި އޮތް ފެރީއެއް ނޯންނާނެއެވެ. ހުރިހާކަމެއް ނިމޭއިރު ހުންނާނީ ގާތްގަނޑަކަށް އިރުއޮއްސިފައެވެ. ރަށަށް ދެވެންޏާ ދެވޭނީ މާދަމާއެވެ. އަނެއްކޮޅުން ޒާރާ އަކަށް ނުހުރެވޭނެއެވެ.

"ރަނގަޅުވާނެ. މިފަހަރު ދާނީ. ޒާ އަކަށް ނުހުރެވޭނެއްނު" އައްފާން ބުންޏެވެ.

"އަހަރެން ގޮވައިގެން މިތަނަށް އައިއްޔާ އަހަރެން ބުނާގޮތްވެސް ހަދަން ޖެހޭނެއްނު. އައްޔަ ބޭނުމިއްޔާ ދޭ ނިއަމް ގޮވައިގެން. އަހަރެން ހިނގައިދާނަން ފަހުން ނަތީޖާ ޑޮކްޓަރަށް ދައްކާފަ ބޭހެއް ދިނިއްޔާ އެވެސް ހިފައިގެން" ޒާރާ ބުންޏެވެ. އައްފާނާއެކު ގިނަވަގުތު ހޭދަކުރާ ވަރަކަށް އޭނާއަށް އައްފާނާ ވާހަކަދައްކަން ފަސޭހަވެގެން ދިޔައެވެ. އައްފާނަށް ހެވުނެވެ. އޭނާ ދެކެން ބޭނުންވާ ފާޅުވާން އެ ފެށީ އަދި ކިރިޔާއެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރި ޒާރާއަށް އައްފާން ބަލައިލިއެވެ.

"އެކަމަކު ހިމްނާއްތަ"

"އަހަރެން ބުނާނަން މަންމަ ކައިރީގަ"

ހޮސްޕިޓަލު ކައިރިން އައްފާން ހިފި ކޮޓަރި ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އެއް އަތުން ޖީބުގައި އޮތް ތަޅުދަނޑި ނަގާފައި ދޮރު ހުޅުވާލިއެވެ. އައްފާން ފަހަތުން ޒާރާ ކޮޓަރިއަށް ވަނީ ވަންނަން ނުކެރިފައި ހުރެއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް، ނުތަނަވަސްކަމެއް ނެތެވެ.

"ދޮރުހުޅުވާލާފަ ބަހައްޓާ" ޒާރާ ދޮރުމަތީގައި ހުރުމުން ވަންނަން ނުކެރިފައޭ އައްފާނަށް ހީވިއެވެ. ދިމާލަށް ހުރި ބޮޑު އެނދުމަތީގައި ނިއަމް ބާއްވާފައި މަގަށް ހުޅުވޭގޮތަށް ހުރި ދެ ކުޑަދޮރު އައްފާން ހުޅުވާލިއެވެ. އޭރު ޒާރާ ގޮސް ސޯފާގައި އިށީނދެއްޖެއެވެ. އޭސީ ޖައްސާކަށްވެސް ނުޖެހުނެވެ. ދިމާލަށް ފެންނަން އޮތީ ޖެތީމައްޗެވެ. ތާޒާ ވައިރޯޅިތައް ހަމައެއް ލަމައެއްނެތި ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ.

"މި އަންނަނީ ކާއެއްޗެއް ހިފައިގެން. ޒާ ރެސްޓްކޮށްލާ"

އައްފާން ނިކުމެގެން ދިޔުމުން ޒާރާ ނެގީ ފޯނެވެ. އޭނާ ގުޅީ ހިމްނާއަށެވެ. ނިދަން ލާނެ އެއްޗެއްވެސް ނުގެނެވޭތީ ޒާރާއަށް އުނދަގޫވިއެވެ. ބަދަލުކޮށްލާނެ ހެދުމެއްވެސް ނެތެވެ. އަނެއްކޮޅުން ދަތް އުނގުޅާ ބުރުހެއް ރީތިވެލާނެ ގޮތެއްވެސް ނެތެވެ. ފޯނުގެ ޗާޖަރެއްވެސް ނުގެނެއެވެ. މަޑުކުރުން އެންމެ ރަނގަޅު ގޮތްތޯ އަމިއްލަ ހިތާ ޒާރާ ސުވާލުކުރިއެވެ.

"މަންމަ ދަރިފުޅަށް ވަރަށް އިތުބާރުކުރަން. އަދި އަލީއަށް ވެސް"

ހިމްނާ އެހެން ބުނިވަގުތު ޒާރާގެ ދެލޮލުން ފެން އައެވެ. ހިމްނާގެ އެ އިތުބާރު ދުވަހަކުވެސް އޭނާ ގެއްލުވާނުލާނެއެވެ. އަބަދުވެސް އޭނާ ވާނީ އޭނާގެ މަންމަ އިތުބާރުކުރާ ދަރިއަކަށެވެ. ފޯނު ބާއްވާފައި ދެން ޒާރާ އަވަސްވީ ބަނޑުހައިވެފައި އޮތް ނިއަމް ބަނޑުފުރާލަ ދިނުމަށެވެ. ކޮޓަރި ތަޅުލާފައި އައިސް އޭނާ އެނދުގައި އޮށޯތެވެ. ނިއަމް ގާތަށް ދަމާލާފައި އޭނާ ކުރަން އުޅުނު ކަންތައް ފެށިއެވެ. ވިސްނުމަކަށް ގެއްލުނީ ދެނެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

ނިއަމްގެ ހަމަ އެންމެ ފެނިލުމަކާއެކު އެ ކުއްޖާ ހާއްސަވީ ކީއްވެ ހެއްޔެވެ؟ ނިއަމްއާ މެދު އެކުވެރިއެއްގެ ދަރިފުޅުގެ ނަޒަރުން އޭނާއަށް ނުދެކެވެނީ ކީއްވެގެން ހެއްޔެވެ؟ ނިއަމް ލޮލަށް ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ހީވަނީ ޔޫކް ފެންނަ ހެންނެވެ.

"މިގޮތަށް އަހަރެން އުޅުނީމަ މީހުން ހީކުރާނީ ކީކޭ ބާ" ޒާރާ އޭނާގެ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ.

"އަހަރެން މި އުޅެނީ އަހަރެން ހިތްހަމަޖެހޭ ގޮތަށް. މީހުން ހިތްހަމަޖެހޭ ގޮތަށް ކަންތައް ކޮށްދީގެން އަހަރެންނަށް އެއްވެސް އުފަލެއް ނުލިބޭނެ. އަހަރެން ގޯސްގޮތަކަށް ނޫޅެން" އެ ސުވާލަށް ޖަވާބުދިނީވެސް އޭނާގެ ހިތެވެ.

****

ބޭސް ސިޓީއެއް ހިފައިގެން ފައްވާޒް ބޭރަށް ނިކުތީ އެތެރޭގައި ހުރި ބޭސްފިހާރައިން ބޭހެއް ނުލިބިގެންނެވެ. މަގުމަތީގައި ހުރި ފިހާރައިގައި ހުރިތޯ ޗެކްކޮށްލުމަށެވެ. ވަކި ހިސާބަކުން އޭނާ ހުއްޓުނެވެ. ދަންނަ މީހަކު ފެނުނުހެން ހީވެގެންނެވެ. ޔަގީން ނުވެފައި ހުރީ އެ ރަށުން އައްފާން ފެނިދާނެކަމަށް ގަބޫލުނުކުރެވިފައެވެ. އައްފާން ވަނީ ކެފޭއަކަށެވެ. ފާރު ކައިރީގައި ފައްވާޒް މަޑުކޮށްގެން ހުރީ އައްފާނާ ވައްތަރު މީހާ ބޭރަށް ނިކުންނަންދެކަށެވެ. އެއީ ކާކުކަން ޔަގީންކުރުމަށެވެ. އެއީ އައްފާން ކަމަށްވަންޏާ އެ ރަށުގައި އައްފާން ކުރާ ކަމެއް ބެލުމަށެވެ. ނުހާ ވަރިކޮށްފައި ދަރިފުޅު ގޮވައިގެން އައްފާން ދިޔަ ހަބަރު މާހީގެ ފަރާތުން ލިބިފައިވީތީ އައްފާނާ ދިމާކޮށްލަންވެސް އެބަޖެހެއެވެ.

****

"އައިގޮތަށް ހޮސްޕިޓަލަށް މި ޖެހުނީ އަންނަން. މަންމަ ފައި ފުރޮޅާލައިގެން"

ފައްވާޒް ފޯނުން ވާހަކަދައްކަން ހުރީ މާހީއާއެވެ. ކުއްލިއަކަށް އޭނާ ފެނުނީ ކާއެއްޗެހި ބަންދުކޮށްފައި ހުރި ތަށިބަރިތަކެއް ލާފައި ހުރި ކޮތަޅެއް ހިފައިގެން ކެފޭ އިން ނުކުތް އައްފާނެވެ. ފައްވާޒަށް ޔަގީންވިއެވެ. އެއީ ހަމަ އައްފާނެވެ. ވާހަކަދައްކާލަން ރަނގަޅު ފުރުސަތެކެވެ. މަގަށް ރަނގަޅަށް ނުނިކުމެވެނީސް އައްފާންގެ ލޮލުގައި އޭނާއާ ދިމާލަށް އަންނަމުންދިޔަ ފައްވާޒް އަޅައިގަނެއްޖެއެވެ. އައްފާންގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ފައްވާޒް ފެންނަންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އައްފާންގެ ސިކުނޑިއަށް ކުއްލިއަކަށް އައިސްވަނީ ޒާރާއެވެ. ކައިރީގައި ޒާރާ ނެތްކަން ހަމަ ނަސީބެވެ.

"މި ރަށުގަ ކީއްކުރަނީ؟" ފައްވާޒް އަރައި ހަމަވުމާއެކު ކުރިން ވާހަކަދެއްކީ އައްފާނެވެ. ކުރިއަށް ދިޔުމުގެ ބަދަލުގައި އައްފާން އިށީނީ ކެފޭއިން މަގުމައްޗަށް ނެރެފައި ހުރި މޭޒެއް ކައިރީގައެވެ. އޭނާ ކުރިއަށް ނުދިޔައީ ފަހަތުން ފައްވާޒް އައިސްދާނެ ކަމަށެވެ.

"ހަމަ ދެންމެ އައީ. ބޯޓުން ފައިބަނިކޮށް މަންމަ ފައި ފުރޮޅާލައިގެން މިތަނަށް ގޮވައިގެން މިއައީ" ފައްވާޒް ވާހަކަދެއްކިއެވެ. އައްފާން އެއްޗެއް ބުނުމުގެ ކުރިން ފައްވާޒްގެ ނަޒަރު އައްފާން މޭޒުމަތީގައި ބެހެއްޓި ކާއެއްޗެހި ކޮތަޅަށް ހުއްޓުނެވެ.

"މިއޯ. ކީއްކުރަން މިރަށަށް އައިސް ތި އުޅެނީ" ފައްވާޒް ބުންޏެވެ.

"ނިއަމް ގޮވައިގެން. ގޭ ކުއްޖަކު ކައިރީގައި މިހާރު ވެއްޖެ. ރަށަށް ދެވެނީ މާދަމާ. އެހެންވެ އެމީހުންނަށް ކާއެއްޗެހި ހިފައިގެން މިދަނީ"

ފައްވާޒްގެ ފޯނު ރިންގުވާން ފެށުމުން އޭނާ ފޯނު ނެގިއެވެ.

"މިދަނީ. ލިބިއްޖެ ބޭސް"

ވާހަކަދައްކާލަން މަޑުކޮށްލަން ބޭނުމަސް ފައްވާޒަށް ހުރެވޭގޮތެއް ނުވިއެވެ. ފަހުން ބައްދަލުކުރާމޭ ބުނެފައި ފައްވާޒް ހިނގައިގަތެވެ. ކޮޓަރިއާ ދިމާލަށް އައްފާން ދިޔައީ ފައްވާޒް ލޯމަތިން ގެއްލުމުންނެވެ. މީގެކުރިން ފައްވާޒް ފެނިގެން އައްފާންގެ ހިތް ނުތަނަވަސް ނުވެއެވެ. އެކަމަކު މިފަހަރު ތަފާތުވެއްޖެއެވެ. އެ ރަށުގައި ފައްވާޒް ހުންނާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އަމުދުން ޒާރާ ކުރިމައްޗަށް އަންނާކަށް ބޭނުމެއް ނުވެއެވެ.

ފުން ނޭވައެއް ދޫކޮށްލާފައި ކޮޓަރިއާ ދިމާލަށް އައްފާން ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟