ކަނޑުގެ ދިރާސާތަކަށް ހާއްސަ ޗައިނާގެ މަނަވަރެއް ބަނދަރުކުރުމަށް ލަންކާއިން ހުއްދަދީފިއެވެ.
ސްރީ ލަންކާގެ މިލިޓަރީ އޮފް ޑިފެންސުން ހުއްދަ ދީފައިވަނީ ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ މަނަވަރު "ޝީ ޔަން 6" އަށެވެ. އިންޓަނޭޝަނަލް މެރިޓަމިން ޓްރެކާއިން ދައްކާ ގޮތުން އެ މަނަވަރު ލަންކާއަށް ބަނދަރުކުރާނެ ކަމަށް ބެލެވެނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
ލަންކާގެ މިލިޓަރީން ވަނީ ކޮލަމްބޯ ޕޯޓުގައި އެ މަނަވަރު ބަނދަރުކުރުމަށް ހުއްދަ ދޭން ނިންމާފައެވެ.
ލަންކާގެ ނޭވީ އިން ވަނީ އެ މަނަވަރު ލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާއްސަ ދިރާސާއެއް ކުރުމަށް 17 ދުވަސް ހޭދަކުރާނެކަމަށް ބުނެފައެވެ. އަދި މި ދިރާސާތަކުގެ ހުރިހާ މައުލޫމާތެއް ލަންކާގެ ހާރިޖީ ވުޒާރާއަށް ދޭން ޝަރުތުކޮށްފައިވާ ކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
އެ މަނަވަރު ލަންކާއަށް ބަނދަރުކުރުމަށްފަހު ދޭދޭ ގައުމުތަކުގެ މެދުގައި ކުރުމަށް ހަމަޖެހިފައިވާ ސައިންޓިފިކް ދިރާސާތަކާއި މެރިޓައިމް ސިލްކް ރޯޑްއާއި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އާއި ގުޅޭ އެކި ކަންކަމުގެ މައުލޫމާތު ދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ބުނެފައިވެއެވެ.
ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ މަނަވަރު "ޝީ ޔަން 6" ލަންކާއަށް ބަނދަރުކުރަނީ އެގައުމަށް ޗައިނާގެ އުޅަނދު "ޔުއާން ވަންގް5" ބަނދަރުކުރިތާ އަހަރެއް ހާ ދުވަސް ފަހުންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ލަންކާއަށް ބަނދަރުކުރި "ޔުއާން ވަންގް5" އާއި ގުޅިގެން އިންޑިއާ އާއި އެމެރިކާއިން ވަނީ ސަލާމަތީ ކަންކަމާ ގުޅުންހުރި ކަންކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއެކު ލަންކާއިން ވަނީ އެ އުޅަނދުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް އަބަދުވެސް އޮންކޮށްފައި ބެހެއްޓުމަށް އަންގާފައެވެ. އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް މެދުވެރިކޮށް އުޅަނދު އޮންނަތަން އޮންލައިންކޮށް ބަލައިލެވޭނެއެވެ.