ޚަބަރު

"ކުނި ނެތް ކަނޑުތަކެއް" ކަށަވަރުކުރުމަށް ކޮކާ-ކޯލާއާއި މޮޕާއިން ހާއްސަަ ފިޔަވަޅުތަކެއް!

އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކޮކާ-ކޯލާ ކޮމްޕެނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (އެމްއޭޑަބްލިއުސީ) ނުވަތަ ކޮކާ-ކޯލާ މޯލްޑިވްސް އާއި އެ ކުންފުނީގެ ޕާޓްނަރު، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ މިއަހަރުގެ ޝިއާރަކީ ކުނި ނެތް ކަނޑުކެކެވެ.

މޯޕާ އާއި ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އިން 2021 ވަނަ އަހަރުން ފެށިގެން އަންނަނީ 100 ޕަސަންޓު ރީސައިކަލް ކުރެވޭ އަދި އެކި ބޭނުންތަކުގައި ބޭނުންކުރެވޭ ޕެޓް ޕްލާސްޓިކް ފުޅި އެއްކުރުމާއި ރީސައިކަލް ކުރުމުގެ ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ. މި މަޝްރޫއުތަކުގެ ތެރެއިން ކޮކާ-ކޯލާ މޯލްޑިވްސް އިން ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 200،000 ކިލޯއަށް ވުރެ ގިނަ ޕެޓް ފުޅި އެއްކޮށް، އެ ތަކެތި ކުނިކޮށިތަކުގައި ނުވަތަ ކަނޑުގައި ނިމިގެން ނުދާނެކަން ކަށަވަރުކޮށްފައެވެ.

މި މަޝްރޫއުތަކަކީ ކޮކާ-ކޯލާ މޯލްޑިވްސް އިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. ހަމަ އެއާއެކު، މިއީ ކޮކާ-ކޯލާ ކޮމްޕެނީގެ ބައިނަލްއަގުވާމީ ސިޔާސަތު ކަމަށްވާ 'ވޯލްޑް ވިތައުޓް ވޭސްޓް'އާ ގުޅިލާމެހިފައިވާ މަޝްރޫއުތަކެކެވެ. އެ ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާއިރަށް، ވިއްކާ ކޮންމެ ފުޅިއެއް ނުވަތަ ދަޅެއްގެ ބަދަލުގައި އެފަދަ ދަޅެއް ނުވަތަ ފުޅިއެއް އެއްކޮށް ރީސައިކަލްކޮށް، 2025 ވަނަ އަހަރުގެ ނިޔަލަށް ޕެކޭޖިންގެ 50 ޕަސަންޓަކީ ރީސައިކަލް ކުރެވޭނެ ތަކެތި ކަމަށް ހެދުމަށެވެ.

ކޮކާ-ކޯލާ މޯލްޑިވްސް އާއި މޯޕާ ގުޅިގެން ޕްލާސްޓިކަށް ވަށާޖެހޭ އިގްތިސާދެއް ގާއިމްކުރުމަށާއި ކަނޑުތައް ސާފުކުރުމުގެ މަގްސަދުގައި ބޮޑު ތިން މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމުގައި ކޮކާ-ކޯލާ މޯލްޑިވްސްއާ ގުޅިގެން، އަދި އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ މެސެޖު ކަމަށްވާ 'ކުނި ނެތް ކަނޑުތަކެއް' ހޯދައިދިނުމަށް އެއްބާރުލުން ދިނުމަކީ މޯޕާ އިން ފަހުރުވެރިވާ ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އުފައްދާ ފަރާތްތަކާއި އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި އަދި ބޭނުންކުރާ ފަރާތްތަކާ ވެސް ގުޅިގެން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ސާފު މާހައުލު ރައްކާތެރިކުރުމަށް، އިޖުތިމާއީ ޒިންމާގެ ދަށުން މަސައްކަތްތައް ފުޅާކުރުން،" މޯޕާގެ ބާނީ އަދި ޗެއާމަން ތޯރިގް އިބްރާހިމް ވިދާޅުވި އެވެ.

ފުރަތަމަ މަޝްރޫއަކީ ރާއްޖޭގެ ވެރިރަށް މާލެ އާއި ޖެހިގެން އޮންނަ ސިޓީ ހުޅުމާލެ އަދި އެންމެ ދެކުނުން އައްޑޫ ސިޓީން ޕެޓް ފުޅި އެއްކުރުމަށް ފަހު، އެ ތަކެތި ރީސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ހިންގާ ރިވާސް ޕެޓް ކަލެކްޝަން ޕްރޮޖެކްޓެވެ. އެ މަޝްރޫއު ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ.އެ މަޝްރޫއު ފެށި ފަހުން މި އަހަރުގެ ފުރަތަމަ ކުއާޓާ ހަމައަށް ގާތްގަނޑަކަށް 150،000 ކިލޯގެ ކުނި އެއްކޮށްފައި ވާއިރު، މި މަޝްރޫއުގެ ސަބަބުން ކުނި އެއްކުރާ ފަރާތްތަކަށާއި އެކި ތަންތަނަށް ގެންގޮސްދޭ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް ލިބިގެންދެ އެވެ.

ދެވަނަ މަޝްރޫއަކީ ރާއްޖޭގެ އެކި އަތޮޅުތަކެއް ހިމެނޭ ގޮތަށް މި ވަގުތު ހަތަރު ރަށެއްގައި ކުރިއަށް ގެންދާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓެވެ. މި މަޝްރޫއުގެ ދަށުން ގޭބިސީތަކާއި ފިހާރަތަކާއި ސްކޫލްތަކާއި އެހެނިހެން ތަންތަނުން ބޭނުންކުރުމަށް ފަހު ދޫކޮށްލާ ޕެޓް ފުޅި އެއްކޮށް، އިތުރަށް ޕްރޮސެސް ކުރުމަށް މާލެއަށް ފޮނުވަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 60،000 ކިލޯގެ ކުނި އެއްކުރެވިފައިވެ އެވެ. އަދި ކުނި ރަނގަޅަށް ބެލެހެއްޓުމާއި ރީސައިކަލް ކުރުމުގެ މުހިންމުކަމާ މެދު ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް މި މަޝްރޫއުގެ ދަށުން މަސައްކަތްތައް ކުރެވެ އެވެ.

ތިން ވަނަ އަދި އެންމެ ފަހުން ފެށި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓެވެ. މި މަޝްރޫއުގެ ދަށުން އުތުރުން ށ. އަދި ނ. އަތޮޅާއި މެދުރާއްޖެތެރެއިން ކ. އަތޮޅުގެ އިތުރުން، ދެކުނުން ދ. އަތޮޅާއި އައްޑޫ ފަދަ ބައެއް ބޮޑެތި އަތޮޅުތަކުގައި ހިންގާ ރިސޯޓްތަކުން ބޭނުންކުރާ ޕެޓް ފުޅި އެއްކޮށް، ރީސައިކަލް ކުރުމަށް މާލެ ފޮނުވަ އެވެ. މި މަޝްރޫއު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި ފަހުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ގާތްގަނޑަކަށް 7،500 ކިލޯގެ ކުނި އެއްކޮށްފައި ވާއިރު، ރާއްޖޭގެ ކަނޑުތައް ކުނިން ސަލާމަތްކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ އެންމެ އެދެވޭ އުސޫލުތައް ގެންގުޅުމަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ހިތްވަރުދެއެވެ. .

މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް، މޯޕާއިން ދާދި ފަހުން ވަނީ ރާއްޖޭގެ ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރުއެފް) އިފްތިތާހުކޮށްފަ އެވެ. ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ރީސައިކަލްކުރުމާއި ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމާއި، ރީސައިކަލް ކުރެވޭ ތަކެތީގެ އުމުރު ދިގުކޮށް، ވަށާޖެހޭ އިގްތިސާދެއް ކުރިއެރުވުމުގައި އެމްއާރުއެފްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ހަރަދުކޮށްގެން ހުޅުމާލެ ފޭސް 2ގައި ގާއިމްކުރި އެމްއާރުއެފްގައި ޕެޓް ޕްލާސްޓިކް ކުނި ސޯޓްކޮށް އަދި ބޭލްކކުރުމަށް ފަހު ރީސައިކަލް ކުރުމަށް ބޭރަށް ގެންދިއުމަށް ބޭނުންވާނެ ސާމާނާއި އާލާތްތައް ގާއިމްކޮށްފައިވެ އެވެ. އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، މުޖުތަމައު ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގައި ވެސް އެހީތެރިވެދެ އެވެ.

"ރާއްޖެއިން އަންނަނީ ސާފު، ފެހި މުސްތަގުބަލެއް ހޯދުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން. ކުނި މެނޭޖްކުރާ ސަރުކާރުގެ ކުންފުނީގެ ހައިސިއްޔަތުން، ކޮކާ-ކޯލާ ފަދަ ކުންފުނިތަކާއި މޯޕާ ފަދަ ބައިވެރިން، 'ކުނި ނެތް ކަނޑުތަކެއް' ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަތަކަށް އެހީތެރިވުމުގެ ޒިންމާ އަޅުގަނޑުމެންގެ ކިބައިގައި ވެސް ވާ ކަމަށް ގަބޫލުކުރަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުނި އެއްކުރުމަށް ހިންގޭ މިފަދަ ކަންކަމަކީ ހަމައެކަނި ރީސައިކަލް ކުރުމެއް ނޫން. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށާއި އަޅުގަނޑުމެންގެ ނާޒުކު ވެށި ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަންތައްތަކެއް،" ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވި އެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ފަދަ ފަރާތްތަކާ ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އާއި މޯޕާ އިން ވެސް އަންނަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުމާއި އީޖާދީ ވިސްނުން ކުރިއަށް ނެރުމުގެ ސަގާފަތެއް އާލާކުރަމުންނެވެ. މި މަޝްރޫއުތަކުގެ ސަބަބުން ޕެޓް ފުޅި އެއްކުރުމާއި ސޯޓްކުރުމާއި އެކި ތަންތަނަށް ގެންދިއުމުގައި ހަރަކާތްތެރިވާ އާންމުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް ލިބިގެންދެ އެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ރީސައިކަލް ކުރުމުގެ ފައިދާތަކާ ބެހޭ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުވެ، ސާފު އަދި ފެހި މުސްތަގުބަލަކަށް ފިޔަވަޅު އެޅުމަށް ބާރުއަޅަ އެވެ.