Close Election
Close
ދުނިޔެ

ނިޕާ ވައިރަސް: ކެރެލާގެ ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި

މުހައްމަދު އައުޒަމް

ނިޕާ ވައިރަސްގެ ނުރައްކާ ބޮޑުވެ ކެރެލާގެ ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޒިކޯޑެ ޑިސްޓްރިކްޓުން ނިޕާ ވައިރަސްގައި ދެމީހަކު މަރުވުމާއެކު އެ ސްޓޭޓުގައި ވަނީ އެލާޓް ނެރެފައެވެ.

ކެރެލާގެ ޗީފް މިނިސްޓަރު، ޕިނާރާއީ ވިޖާޔަން ވިދާޅުވީ އެ ސްޓޭޓުގެ ސްކޫލްތައް ބަންދުކޮށް ރެންޑަމްކޮށް މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޗީފް މިނިސްޓަރު ނެރުއްވާފައިވާ ބަޔާނެއްގައި ވާގޮތުން މިއީ އެ ސްޓޭޓްގައި 2018 ވަނަ އަހަރުގެ ފަހުން ނިޕާ ވައިރަސް ފެތުރެން ފެށި ހަތަރު ވަނަ ފަހަރެވެ. އަދި މިހާތަނަށް ވެކްސިނެއް އުފެއްދިފައި ނުވާ ނިޕާ ވައިރަސް އިތުރަށް ފެތުރިދާނެކަމުގެ ބިރު ހީވެފައިވާއިރު ކެރެލާގައި މަރުވި ދެ މީހުންނާ ގުޅުން ހުރި 700 މީހުން ވަނީ ޓެސްޓު ކޮށްފައެވެ. އަދި 77 މީހުން ވަނީ ހައިރިސްކު ވުމުގެ ސަބަބުން ކަރަންޓީނު ކޮށްފައެވެ.

ކެރެލާގެ ކޮޒިކޯޑެ ސްޓޭޓްގެ ވިލެޖް ސަރަހައްދުގެ ހަތް ވިލެޖެއް ވަނީ ނުރައްކާ އޮތްކަމަށް ބެލެވޭތީ ބަންދުކޮށްފައެވެ.