ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީ ކަމަށް ބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުން ގެންދާ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް ހަސަން ޒިހާން، ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މިއަދު ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ކަމެއް އަދި ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ކަށަވަރެއް ނޫނެވެ. ނަމަވެސް ވަޒީފާއިން ވަކިކުރީ ބައެއް ކަންކަމާ ހިތްހަމަނުޖެހި ހިޔާލުފާޅުކުރުމުން ކަމަށް ބުނެ އަންނަނީ އަޑުފަތުރަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސިފައިންގެ ގާނޫނުގެ ދަށުން ހަދާފައިވާ ‘ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ގަވާއިދު’ގެ ދަށުން، އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި، ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަސްކަރީ އަދުލުގެ ނިޒާމެއް 3 ނޮވެމްބަރު 2021 ގައި ތައާރަފުކުރި ކަމަށެވެ.
އެ ނިޒާމް ތައާރަފު ކުރުމާއެކު އަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަހުގީގުކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށް ކަމަށާއި އެ ކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުސަތާއި ބޭނުންވާ ނަމަ ގާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާއުވުމުގެ ފުރިހަމަ ފުރުސަތު ފަހިކޮށްދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް، މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުސަތުވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ކަމަށާއި އެންމެ ފަހު މަރުހަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލުގެ ނިންމުން، މުރާޖައާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތުވެސް ލިބޭ ކަމަށެވެ.
އެ ނިޒާމުގެ ތެރެއިން މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ އަދުލުވެރިކަމާއެކު ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު ލިބިދީފައިވާ ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.
“ވުމާއެކު އަސްކަރީ އަދުލުގެ ނިޒާމު މިހާރު ހަމަޖެހިފައިވާ ގޮތުން ސިފައިންގެ މީހަކާމެދު މި ނޫން ގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބެއެވެ. އަދި މި ނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމުގައި ދަންނަވަމެވެ. އަދި އެފަދަ ގޮތަކަށް އަމަލުކުރުމަށް ސިފައިންގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައިނުވާ ކަމުގައިވެސް ދަންނަވަމެވެ.،” ބަޔާނުގައިވެއެވެ.
އެމްއެންޑީއެފުން ބުނީ، ސިފައިންނަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް އަމަލުތައް ބަހައްޓާ، އަސްކަރީ ރިވެތި އަހުލާގެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބަޔަކަށްވާއިރު، އެ ނޫން ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ހިތްވަރު ލިބޭފަދަ ދޮގު ހަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު