ކާޑިއެކް އެރެސްޓެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައިި ފަރުވާދެމުން އަންނަ މީހަކު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މާލީ އެހީ ބޭނުންވާތީ އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްއެންޑީއެފްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ، އަދި މިހާރުވެސް އެމްއެންޑީއެފްގެ ފަސްޓް ކްލާސް ސާޖަންޓަށް އުޅޭ ނ. މަނަދޫ، މަންޒިލް، ހާލިދު އަލީ 44އ އަށް ކާޑިއެކް އެރެސްޓެއް ޖެހުނީ މިދިޔަ ބުދަ ދުވަހު ސިފައިންގޭގައި ހުންނަ ޖިމްގެ ޓްރެޑްމިލްގައި ދުވަން ހުއްޓައެވެ. އެތަނުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހިތް މަސައްކަތެއް ނުކުރެއެވެ.

ހާލިދުގެ އާއިލާއިން "ވަން" އަށް މިރޭ މައުލޫމާތު ދިން ގޮތުގައި ހާލިދަށް އޭޑީކޭ ހޮސްޕިޓަލުގެ ކާޑިއެކް އެރެސްޓު ޔުނިޓުގައި ފަރުވާ ދެމުން އަންނައިރު، އަދިވެސް އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ހެއެއްވެސް ނާރައެވެ. އެހެންވެ ޑޮކްޓަރުން ވަނީ ވީހާވެސް އަވަހަށް އޭނާ ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް ލަފާ ދީފައެވެ. ނަމަވެސް ހާލިދުގެ ހާލަތު ހުރި ގޮތުން އޭނާ ބޭރަށް ގެންދެވޭނީ އެއާ އެމްބިއުލާންސެއްގައެވެ. އެކަމަށް ބޮޑު ހަރަދެއް ހޭދަވެއެވެ. އެކަމަށް ގާތްގަނޑަކަށް 39،000 ޑޮލަރު ހަރަދުވާއިރު ހާލިދުގެ ބޭސްފަރުވާގެ އެހެން ކަންކަން އާސަންދަ ހަމަޖެހިފައިވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.

"އެއާ އެމްބިއުލާންސް ހަމަޖެހުނުހާ އަވަހަކަށް ފުރަންވީ، އެހެން ހުރިހާ ކަމެއް ހަމަޖެހިފައި ހުރީ. އެއާ އެމްބިއުލާންސަށް ވަރަށް ބޮޑު ހަރަދެއް އެބަދޭ. އެކަމަށް އެހީއެއް ލިބޭތޯވެސް އާސަންދައަށްވެސް ލައިގެން މިއުޅެނީ. އަދި ވަކި ޖަވާބެއް ނުލިބޭ" އާއިލާއިން ބުންޏެވެ.

ހާލިދަކީ ދެ ކުދީންގެ ބައްޕައެވެ. މި ހާލަތުގައި ހާލިދުގެ އާއިލާއިން އެދެނީ ހާލިދުގެ ބޭސްފަރުވާގެ ކަންކަން އަވަސްކުރުމަށް ދީލަތި އެހީތެރިކަމަކަށެވެ. ވީ އެންމެ އަވަހަކަށް ފުރުމަށް ޑޮކްޓަރުން ލަފާދީފައިވާތީ، ދެވޭނެ ގޮތެއް ހަމަޖެހުނު އެންމެ އަވަހަކަށް ފުރާން އާއިލާއިން ވަނީ ތައްޔާރުވެފައެވެ. ހާލިދުގެ ފުރާން ސަލާމަތް ކުރުމަށް ޓަކައި ވެދެއްވެން އޮތް ކިތަންމެ ކުޑަ ނަމަވެސް އެހީތެރިކަމެއް ވެދެއްވުމަކީ އާއިލާގެ އެދުމެވެ. ހާލިދުގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ތިރީގައި އެވާ ނަންބަރުން ލިބޭނެ އެވެ.

އާއިލާގެ ފަރާތުން އިބްރާހިމް އަލީ (ފޯނު ނަންބަރު: 9191700)

  • ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: 7720328006101
  • ޔޫއެސް ޑޮލަރު އެކައުންޓް ނަންބަރު: 7720328006102