ކުރިއަށް ހިނގައިގަނެފައި ޖަންނަތަށް ޒާރާ ދެލޯ އަޅާލިއެވެ. އަބަދުވެސް ޖަންނަތު ބުނާނީ ނުބައި ވަގުތަކު ނުބައި އެއްޗެކެވެ. އައްފާން ހުއްޓައި އެގޮތަށް ޖަންނަތު ބުނުމުން ޒާރާއަށް އުނދަގޫވިއެވެ. ޖަންނަތުގެ އަތުގައި ހިފައިގެން ޒާރާ ހިނގައިގަތެވެ. އައްފާން ހިނގައިގަތީ ދެކުދީންގެ ފަހަތުންނެވެ. ހިނި އައިސްފައި ހުރެ އޭނާ ދިޔައީ ފަހަތުން ޒާރާއަށް ބަލަމުންނެވެ.
އައްފާން ވަކިން ސައިކަލުގައި ދިޔައިރު ޖަންނަތާއި ޒާރާ ދިޔައީ ވަކިންނެވެ. ތިން ކުދިންވެސް ދިޔައީ އައްފާންގެ ގެއާ ދިމާލަށެވެ. އަތިރީމަގުން އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލި ޒާރާއަށް ވަސީމާއާ ޖެހިގެން ޖޯލީގައި އިން ހިމްނާ ފެނުމުން ހީލިއެވެ.
"މަންމަ މިގެއަށްތަ އައީ" ޒާރާ ބުންޏެވެ.
"ރަށްވަށާ ބުރެއް ޖަހާލާފަ މި ދިމާލުން ރަށަށް އެރީ. ވަސީމާ ފެނުނީމަ މިތާ މަޑުކޮށްލީ" ހިމްނާ ބުންޏެވެ.
ވަސީމާގެ އުނގުގައި އިން ނިއަމް މިފަހަރު އައްފާން ކައިރިއަށް ދާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި ޒާރާ ފެނުމުން ނިކަން އަވަހަށް ދެ އަތް ފުޅާކޮށްލައިފިއެވެ. ސައިކަލުގައި އިން އައްފާނަށް އެ މަންޒަރު ފެނުމުން ހީނލެވުނެވެ. ނިއަމް ޒާރާއާ ހެދި މޮޔަވީ ހާދަ އަވަހަށެވެ.
"ވަސިންތަ އުޅުނީ ޑައިޕާ ބަދަލުކޮށްލަން ދާންކަމަށް" ވަސީމާ ބުންޏެވެ.
"ތިކަން ކޮށްލަފާނަން" ޒާރާ ބުންޏެވެ. ނިއަމްއާ ސަކަރާތް ޖަހަމުން ގޯތިތެރެއަށް ވަން ޒާރާއަށް ބަލަހައްޓައިގެން އިން އައްފާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެހެންނަމަވެސް މާނަވީ ހިނިތުންވުމެކެވެ.
ޒާރާއާ އެކުގައި ޖަންނަތުވެސް ވަނެވެ. ދެ އަންހެންކުދީން ފަހަތުން ދާން އައްފާން ބޭނުންވިއެވެ. އެކަމަކު ދާކަށް ނުކެރުނެވެ. އޭނާ ސައިކަލުގައި ދުއްވާލީ އަތިރިމައްޗާ ދިމާލަށެވެ. ބަލާމީހަކަށް ހީވާނީ އެ ދިމާލުން ދުއްވާފައި ކުރިއަށްދާ ހެންނެވެ. އެހެންނަމަވެސް ގަސްދަށުގައި ސައިކަލް ބަހައްޓާފައި އަތިރީ ދޮރުން އޭނާ ވަނީ ގޯތިތެރެއަށެވެ. ނިއަމް ގޮވައިގެން ޒާރާ ވާނީ ވަސީމާގެ ކޮޓަރީގައިކަން އައްފާނަށް އެނގުނެވެ. އައްފާން މަޑުކޮށްލީ ނިއަމް ގޮވައިގެން ދެކުދީން ނުކުންނަންދެކަށެވެ.
އެނދުގައި އޮތް ނިއަމް ޑައިޕާ ބަދަލުކުރަމުން ޒާރާ ދިޔައެވެ. ކައިރީގައި އިން ޖަންނަތު ކިޔާ އެއްޗެހިން ޒާރާއަށް ބައެއްފަހަރު ހެވެއެވެ.
"ޖަންނަ ކިޔާފާނެ ކޮންމެ އެއްޗެއްވެސް" ޒާރާ ބުންޏެވެ.
"ކީއްތަވީ.. ދޫނީ... ކިޔާބަލަ މަންމަ.... މަންމަ... ކޮބާ މަންމަ؟ މިއީ މަންމަ" ނިއަމްގެ މޫނާ ދިމާލަށް ގުދުވެ އޮވެ ޖަންނަތު ކިޔަމުން ދިޔައެވެ. ނިއަމްގެ ތުއްތު ބަހުރުވައިން ވައިގެ ތެރޭގައި ދެއަތް ހަލުވަމުން ޖަންނަތުގެ ކޮންމެ ވާހަކައަކަށް ޖަވާބުދެމުން ދިޔައެވެ.
"ޔާރައްބީ.. މި ކުއްޖާގެ މައެއް ހުރޭ. ތިކަހަލަ އެއްޗެހި ކިޔައިނުދީ. އައްޔަ ހިތްހަމަނުޖެހިދާނެ" ޑައިޕާ ބަދަލުކޮށް ނިމި ހަމަ އިސްކޮޅަށް ދެމިލަމުން ޒާރާ ބުންޏެވެ.
"މިހެރަ ކަމެއް. ޒާ ހިތުން އައްޔަ ރުޅި ނާންނަކަމެއް އޮވޭތަ؟ ތި ހީކުރާހާވެސް އޭނަ ނުލަފައެއް ނޫނޭ" ޖަންނަތު ބުންޏެވެ.
"އެހެނެއް ނޫން. ޖަންނަ ހަނދާން ނެތުނީތަ؟ މި ކުއްޖާއަކީ އައްޔައާ ނުހާގެ ލޯބީގެ ނިޝާން. އަހަރެންނަށް ޔަގީން މި ކުއްޖާ ފެންނަ ކޮންމެ ފަހަރަކު ނުހާ މަތިން އައްޔަ ހަނދާންވާނެކަން"
ކުޑަދޮރުން ބޭރުގައި ޒާރާގެ ވާހަކަތައް އަހަން ހުރި އައްފާނަށް ހެވުނެވެ. ޒާރާ އެ ވިސްނަނީ ހާދަ ބޮޑަކަށެވެ. ޒާރާއަށް އަހަރެންގެ އެއްވެސް ކަމެއް ނޭނގެއެވެ. އެކަމަކު އަދި އެނގޭނެއެވެ. އެ ދުވަސް ދުރަކު ނެތެވެ.
ޒާރާގެ ވާހަކަތަކަށް ހެމުން ގޮސް އައްފާން އިށީނީ ފާރު ކައިރީގައި ހުރި ޖޯލިފަތީގައެވެ. ޒާރާގެ ވާހަކަތަކުގެ ޖަވާބު އައްފާން ދިނީ އަމިއްލަ ހިތަށެވެ. އޭނާގެ ހިތް ވާހަކަދެއްކީ ކަން މިހާރު އޮތްގޮތަށެވެ. ކުރިން އޭނާގެ ހިތުގެ ދެބައިކުޅަ އެއްބައި ހުސްކޮށްފައިވަނީ ނުހާ އަށެވެ. މިހާރު އެ ޖާގައެއް ނެތެވެ. އެ އިހުސާސްވީ ގޮތެއް ހުދު އައްފާނަކަށްވެސް ނޭނގެއެވެ. އޭނާގެ ދިރިއުޅުން މިހާރު ހާއްސަކޮށްފައިވަނީ ލޯބިވާ ދަރިފުޅަށެވެ. ދެން ވަސީމާ އާއި ދެ ކޮއްކޮއެވެ.
"މިހެން ނިކުންނާނީ ބީޗަށް. މަންމަ އެތާ އިންދަ ނުކެރޭނެ ނިކުންނާކަށް. މިހާރު ވަސިންތަ މަންމަ ކައިރީގަ އެ ވާހަކަ ބުނެފާނެ" އައްފާން ފުންމައިގެން ތެދުވިއެވެ. ދެ އަންހެންކުދީން ނިކުންނައިރު އޭނާ އެތަނުގައި އޮތުން ކަމަކުނުދާނެއެވެ. ޒާރާ އެއީ ލަދުމަލެކެވެ. އޭނާގެ ވާހަކަތައް އަޑު އިވުނުކަން އެނގިއްޖިއްޔާ ލަދު މަލެއްހެން މިލާ މޯޅިވެގެން، ވިރިގެން ބިމަށް ފައިބަފާނެއެވެ. އޭނާ އަވަހަށް ދޮރާށިން ބޭރަށް ނިކުތެވެ. އަވަސް އަވަހަށް ސައިކަލަށް އަރާފައި ކުރިއަށް ދުއްވާލިއެވެ.
****
މަޣްރިބް ނަމާދާއި އިޝާނަމާދު ޒާރާ ކުރީ އެގޭގައެވެ. އޭނާ ގެއަށް އަންނަން ބޭނުންވީ ނިއަމްއަށް ބޭނުންވާ ހުރިހާކަމެއް ކޮށްދިނުމަށްފަހު އެ ކުއްޖާ ނިންދަވާފައެވެ. ނިއަމްގެ އެއްވެސް ކަމެއް ކުރާކަށް ވަސީމާއަށް ނުޖެހުނެވެ. އެންމެ ދުވަހަކުން މަންޒަރު މުޅީން ބަދަލުވެއްޖެއެވެ. ވަސީމާގެ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެވެ. ޒާރާގެ ހިތް ނިއަމް ފަތަހަކޮށްފިއެވެ.
އެހާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ހުދު ޒާރާވެސް ނިއަމްއަށް އާދަވެއްޖެއެވެ. ނިއަމް ގޮވައިގެން އުޅުނުގޮތުން ހީވީ އަމިއްލަ ދަރިފުޅު ގޮވައިގެން އުޅުނުހެންނެވެ. ސަކަރާތް ޖަހާލައި ތުއްތު އަޑުން ނިއަމްއާ ވާހަކަދައްކާލާއިރު ހީވަނީ އެއީ ޒާމާންތަކެއް ވަންދެން އޭނާ މައެއްގެ ލޯބި ދީގެން ގެންގުޅުނު ދަރިއެއް ހެންނެވެ. ޒާރާގެ އެ އަދާތަކުން ހިތް ކަތިލެވެމުން ދިޔައީ އައްފާންގެއެވެ. އޭނާގެ ހިތުގައި އެދުންތައް އާވެގެން ދިޔައީ އޭނާއަށް އެނގުމަކާ ނުލައެވެ.
"ކައިގެން ދާންވީނުން" ފެންޑާއިން ނިކުތް ޒާރާ ފެނުމުން ބަދިގެއާ ދިމާލަށް ދިޔަ ވަސީމާ ބުންޏެވެ.
"ގެއަށް ގޮސް ކާނީ. މަންމައާއި ނޫރް މަޑުކޮށްގެން ތިބޭނެ އަހަރެން އަންނަންދެން" ޒާރާ ބުންޏެވެ.
"އަލީ ދާނެ ޒާރާ ގެއަށް ލައިދޭން" ވަސީމާ ބުންޏެވެ.
ޒާރާ ހީލިއެވެ. ވަސީމާ އެގޮތަށް އެދުމުން ސީދާ ދެކޮޅު ހަދާކަށް ޒާރާއަށް ނުކެރުނެވެ. އޭނާ ގޮވައިގެން ކޮންމެހެން މީހަކު ނުދިޔަޔަސް އެންމެ ރަނގަޅެވެ. ސައިކަލު ހުރިއްޔާ ގެ ދުރެއް ނުވާނެއެވެ. އައްޔަ ކައިރީގައި ހުރުމަށްވުރެ ރަނގަޅީ ނުހުރިއްޔާއެވެ. ކައިރީގައި އައްޔަ ހުންނައިރު އޭނާއަށް އުނދަގޫވެއެވެ. އެވާ އުނދަގުލަކީ ކޮންކަހަލަ އުނދަގުލެއް ކަމެއް ބުނާކަށް އޭނާއަށް ނޭނގެއެވެ. ދޮރާށިން އަވަހަށް ބޭރަށް ދެމިގަތީ ކޮޓަރިން އައްފާން ނިކުންނަން ވާއިރަށް ސައިކަލަށް އެރުމަށެވެ. އެހެންނަމަވެސް ނަސީބު ޒާރާއާ އެއްކޮޅެއް ނުވިއެވެ. ސައިކަލު ސްޓާޓެއް ނުވިއެވެ. އެތައްފަހަރަކު ޒާރާ މަސައްކަތް ކުރިއެވެ. ހަމަ އެއްގޮތަކަށްވެސް ރަނގަޅު ނުވިއެވެ. ގެއާ މާދުރު ނޫން ހިސާބެއްގެ އަނދިރިގަނޑުގައި ފޯނެއްގައި ހުރި އައްފާނަށް ޒާރާގެ ހުރިހާ ހަރަކާތްތަކެއް ފެންނަމުން ދިޔައެވެ. އެހީއަކަށް ބޭނުންވެ ޒާރާ ދެފަރާތް ހޯދައި ބަލައިލިތަންވެސް އައްފާނަށް ފެނުނެވެ. ފޯނު ކުރުކޮށްލާފައި އައްފާން ހިނގައިގަތީ އަތިރީ ދޮރާށި ކައިރީގައި ހުރި އޭނާގެ ސައިކަލާ ދިމާލަށެވެ.
ސައިކަލެއް ސްޓާޓްކޮށްލި އަޑުއިވުމާއެކު ޒާރާ ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ބަލައިލިއިރު އެ ސައިކަލް ހުރެގެން އަންނަނީ ދިމާލަށެވެ. އޭގެ ލައިޓް ސީދާ ޒާރާގެ ލޮލަށް އަމާޒުވެފައި ހުރުމުން ކާކު ކަމެއް ޒާރާއަށް ނޭނގުނެވެ. އައްފާން ކަން އެނގުނީ އައިސް އަރާ ހަމަކުރުމުންނެވެ.
"އައްޔަތަ؟ އެ ދިމާލުން ތިއައީ އޯ. އަހަރެން ހީކުރީ" ޒާރާ ބުންޏެވެ.
"ޖިންނިއެއް ކަމަށްތަ؟" ހިނިގަނޑަކާއެކު އައްފާން ބުންޏެވެ.
"ނޫން" ޒާރާއަށް ވެސް ހެވުނެވެ. "ސައިކު ސްޓާޓް ނުވެގެން މި އުޅެނީ" ޒާރާ ބުންޏެވެ.
ސައިކަލުން ފައިބައިގެން އައްފާން އެރީ ޒާރާގެ ސައިކަލަށެވެ. ވެފައި ހުރިގޮތެއް ބަލަން އޭނާ މަސައްކަތްކުރިއެވެ. އެކަމަކު ކާމިޔާބެއް ނުލިބުނެވެ.
"މިތާ ބަހައްޓަންވީނުން ސައިކު. މާދަމާއެއްނު ދެން ގޮތެއް ހެދޭނީވެސް" އައްފާން ބުންޏެވެ. ޒާރާ އަތަށް ސައިކަލުގެ ތަޅުދަނޑި ދީފައި އައްފާން އެރީ އޭނާގެ ސައިކަލަށެވެ. ޒާރާ ހިނގައިގަތުމުން އައްފާން ގޮވާލިއެވެ.
"އަރާ ސައިކަށް. އަހަރެން ގެންގޮސްދޭނަން" އައްފާންގެ އެ ޖުމްލައާއެކު ޒާރާގެ ދެއަތްތިލަ ފިނިވެގެން ދިޔައެވެ.
ޒާރާ ފަސްޖެހުނެވެ. އައްޔަގެ ސައިކަލު ފަހަތުގައި ދަނިކޮށް މީހަކަށް ފެނިގެން ކޮންމެފަދަ ވާހަކައެއްވެސް ހަދައިފާނެއެވެ. ގިނަ މީހުންނަކީ ކަމުގެ ހަގީގަތް ބަލާނެ ބައެއް ނޫނެވެ. އެމީހަކު ވާހަކަދައްކާނީ އެމީހަކަށް ވާހަކަދެއްކުނު ގޮތަކަށެވެ. ވާހަކައަކީ ހަމަ ވިހާ އެއްޗެކެވެ. ޒާރާގެ ހިމޭންކަން ފެނުމުން އައްފާނަށް ވިސްނުނެވެ. ޒާރާ ނާރާނަމެކޭވެސް އަރާނަމެކޭވެސް ނުބުނާނެއެވެ. އައްފާން ސައިކަލުން ފޭބިއެވެ. އޭނާގެ ތަޅުދަނޑި ޒާރާއަށް ދިއްކޮށްލިއެވެ.
"ޒާ ދޭ ސައިކުގަ. ކޮންމެސް އިރަކުން ގޭ ކައިރިން އަހަރެން ސައިކު ނަގާނަން"
ތަޅުދަނޑީގައި ޒާރާ ހިފީ ހިފަން ނުހިފަން ހުރެފައެވެ. އޭނާ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރިވަރުންނެވެ. ސައިކަލަށް އަރާފައި ޒާރާ އައްފާނަށް ބަލައިލީ ޝުކުރުވެރިކަމާއެކުގައެވެ. މަގުކޮޅުން ޒާރާ އޮބާލަންދެން އައްފާން ބަލަހައްޓައިގެން ހުއްޓެވެ.
****
ނިދަން ތައްޔާރުވެގެން އައިސް ޒާރާ އިށީނީ އެނދުގައެވެ. އަރިމަތީ ކަބަޑުމަތީގައި ހުރި ލެޕްޓޮޕް ނަގާފައި ބެހެއްޓީ އެނދުމަތީގައެވެ. ދަރިވަރުންގެ ފިލާވަޅުގެ މަސައްކަތްތަކެއް ހުރީ އަދި ނުނިމިއެވެ. އާދީއްތަ ދުވަހަށް އެ މަސައްކަތް އެއްކޮށް ނިންމަން އޭނާ ޖެހެއެވެ. ކައިރީގައި އޮތް ފޯނަށް މެސެޖެއް އައުމުން ޒާރާ ބަލައިލިއެވެ. އައްފާން އޮތީ ހަމައެކަނި ސްވާލުމާކެއް ފޮނުވައިފައެވެ. އައްފާންގެ އެދުނު އެދުމަށް އަދި އޭނާއަށް ޖަވާބެއް ނުދެވޭކަން ހަނދާނަށް އައުމުން ޒާރާއަށް ބަލައިލެވުނީ އެނދުގައި އިން ހިމްނާއަށެވެ. މަންމަ ކައިރީގައި ބުނެނުލައި އޭނާއަށް އެއްވެސްކަމެއް ނުނިންމޭނެއެވެ. ކޮންމެގޮތެއް ވިޔަސް އައްފާނަށް ޖަވާބެއް ދޭން އެބަޖެހެއެވެ. އެއީވެސް މުހިންމު ކަމެކެވެ.
ފޯނުން ބަލައިގެން ނިދުމުގެ ކުރިން ކިޔަންޖެހޭ ޒިކުރުތައް ކިޔަން އޮތް މަންމައަށް އަނެއްކާވެސް ޒާރާ ބަލައިލިއެވެ. ޒާރާ ބަލަހައްޓައިގެން އިންތަން ހިމްނާއަށް ފެނުނީ ދެލޮލުގެ އަރިމަތިންނެވެ. ކިޔަންޖެހޭ ހުރިހާ އެއްޗެއް ކިޔައި ނިންމާފައި ޒާރާއަށް ހިމްނާ ބަލައިލިއެވެ.
"ކީކޭ ބުނަން އުޅުނީ" ހިމްނާ ބުންޏެވެ.
"މަންމާ. އައްޔަ ކަމަކު ކިޔާފަ އޮތީ" ޒާރާ ބުންޏެވެ.
"ދެން؟ ޒާރާގެ ކަމެއްނު އެއީ. ޒާރާއަށް ކުރެވޭވަރުގެ ކަމެއްވިއްޔާ ކޮށްދޭނެކަން މަންމައަށް ޔަގީން" ހިމްނާ ބުންޏެވެ.
"އެދުނީ ގަމަށް ދާން. ނިއަމްގެ ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކެއް ހަދަންވެން. ނިއަމްއާ ޖެހުނު ރޯގާގަނޑު ވަސިންތަގެ ކުޑަދެބެން ޖެހިގެން ވަސިންތައަށް ދެވެން ނެތިގެން. ހެނދުނު ފުރާނީ. އަހަރެން ބުނިން ފަހުން ޖަވާބެއް ދޭނަމޭ. އެއީ މަންމަ ކައިރީގަ އަހަންވެގެން"
ވަގުތުން ހިމްނާ އެއްބަސްވިއެވެ. ޒާރާގެ އެފަދަ ކަމަކަށް ހިމްނާ ނޫންބަހެއް ބުނާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދިރިއުޅޭ މާހައުލުން ޒާރާ ދުރަށް ޖެހިލުމަކީ ޔަގީނުންވެސް ސިކުނޑި ތާޒާކުރުވާނެ ކަމެކެވެ. ޒާރާއަށް ފުރިހަމަ އިތުބާރު ހިމްނާގެ އޮވެއެވެ. ހިމްނާއަށް ޔަގީންވާ ކަމަކީ ދާން ހުދު ޒާރާވެސް ބޭނުންވާކަމެވެ. އޭނާ ބޭނުންނުވާނަމަ ވަގުތުން އިންކާރުކުރީހެވެ.
"މަންމައަށް އެއްވެސް ކަމަކަށް ދައްޗެއް ނުވާނެތަ؟" ޒާރާ ބުންޏެވެ.
"ޒާރާ ތިދަނީ ދާއިމަކަށް ނޫނެއްނު. އެހެންނޫނަސް މާދަމާ ހޮނިހިރު. މަންމައަށް ދައްޗެއް ނުވާނެ" ހިމްނާ ބުންޏެވެ.
ޒާރާ ހީލާފައި ފޯނު ނެގިއެވެ. ވައިބަރ އަށް ވަދެފައި އައްފާނަށް މެސެޖެއް ފޮނުވާލިއެވެ. ވަގުތުން ޝުކުރު އަދާކޮށްފައި ސްޓިކާއެއް އައްފާން ފޮނުވާލިއެވެ. އެއަށްފަހު ފެރީ ފުރާ ގަޑިއާއި ނިއަމް ތައްޔާރުކޮށްގެން އޭނާ ބަނދަރަށް ނިކުންނާނެ ގަޑިވެސް ފޮނުވާލިއެވެ.
ޒާރާ ދެން މެސެޖުކުރީ ޖަންނަތަށެވެ. އެކުގައި ޖަންނަތު ހުރިއްޔާ އޭނާގެ ހިތަށް ތަންކޮޅެއް ފަސޭހަވާނެއެވެ. އެހެން ނޫނީ މުޅި ދުވަހު އައްފާނާ ދައްކާނެ ވާހަކައެއް އޭނާއަށް ނޭނގެއެވެ. އެހެންނަމަވެސް ޖަންނަތަށް ދެވޭގޮތެއް ނުވިއެވެ. ހުކުރު ދުވަހަކީ ޖަންނަތު އެއްޗެހި ދޮންނަ ދުވަހެވެ. ހޮނިހިރު ދުވަސް ހާއްސަކޮށްފައި އޮންނަނީ ދޮވުނު އެއްޗެހި އިސްތިރިކުރާ ދުވަހަށެވެ. ހަފްތާ ބަންދު ދުވަސްތަކުގައި ޖަންނަތުގެ މަސައްކަތްތައް ހުންނަނީ ވަކިގޮތަކަށް ތަރުތީބުކޮށްފައެވެ. އެއީ ރަސްމީ ދުވަސްތަކުގައި އޭނާ އުޅެންޖެހޭލެއް ބުރަކަމުންނެވެ. އަނެއްކޮޅުން އުމުރުން ދުވަސްވީ މާމައެއް ގޮވައިގެން އުޅެންޖެހޭތީ އޭނާ ވިސްނަންޖެހޭ އެތައް ކަމެއް ހުރުމުންނެވެ.
****
ފަތިސްނަމާދުކޮށް ނިމުނުގޮތަށް ޒާރާ ކޮޓަރިން ނިކުމެއްޖެއެވެ. އިރުއަރާ މަންޒަރު ބަލަން ދިޔުމުގެ ބަދަލުގައި ޒާރާ ވަނީ ބަދިގެއަށެވެ. ހިމްނާ ހިނގާލަން ނިކުތީ ދޮރާށި ތަޅުވެސްލާފައެވެ. ދާން ބޭނުމަސް ޒާރާއަށް ދެވޭކަށްވެސް ނެތެވެ. އެހެންކަމުން އެ ހިޔާލު ދޫކޮށްލާފައި އޭނާ ފެށީ ހެނދުނުގެ ނާޝްތާ ތައްޔާރުކުރާށެވެ. ހިމްނާގެ މަސައްކަތްތައް ލުއިކޮށްދިނުމުގެ ބޭނުމުގައެވެ. މުޅި ދުވަހު އޭނާ ގޭގައި ނުހުރެވޭނޭތީއެވެ.
"މިއަދު ހާދަ އަވަސްއަރުވާލާފަ" ހިމްނާ ބަދިގެއަށް ވަންއިރު ޒާރާ ހުރީ ރޮށި ދަމާށެވެ.
"މަންމަ ތި އައީތަ؟ މަންމަ އެހާ ބުރަކޮށް ނޫޅެއްޗެ. މެންދުރަށް ނޫޑްލްސް ހަދާލާ ނޫރް ލައްވާ. ތަރުކާރީ ކޮށާފަ އެހެރީ"
ފެންތައްޓެއް ހިފައިގެން ގޮސް މޭޒު ކައިރީގައި އިން ހިމްނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ހީކުރި ވަރަށްވުރެ މާ އަވަހަށް ގޭތެރޭގެ ޒިންމާތަކާ ޒާރާ ހަވާލުވެއްޖެއެވެ. ﷲ ގެ ހަޒްރަތަށް ހިމްނާ ހަމްދުކޮށްލިއެވެ.
"މިދަނީ ރެޑީވާން އެނގޭ މަންމާ. އައްޔަ ބުނި ހަތްގަޑި ބަޔަށް ބަނދަރަށް ނިކުންނާށޭ"
އައްފާންގެ ފޯންކޯލު ޒާރާއަށް ލިބުނީ އޭނާ ފެންވަރައިގެން ނިކުމެ ތައްޔާރުވާން ހުއްޓައެވެ. ޒާރާ ފޯނެއް ނުނަގައެވެ. ފޯނު މިސްވަންދެން ހުރެފައި މެސެޖެއް ފޮނުވާލިއެވެ.
"ރެޑީވަނީ. ދާނަން ގަޑިއަށް"
އައްފާން ފޮނުވާލީ ހިނިތުންވެފައި އިން އިމޯޖީއެކެވެ.
ޝޯލް އަޅަން ހުރެފައި ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ޒާރާ ބަލައިލިއެވެ. ލޯގަނޑުން ފެންނަން ހުރީ އެނާ ކަމަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. ތުންފަތްމަތީގައިވި ހިނިތުންވުން އެއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ މޫނުމަތިން އެ އުޖާލާކަން ފާޅުވީ ކޮންއިރަކު ކިހިނެއް ހެއްޔެވެ؟ ކުރީގެ އެ ޒާރާ ކޮބައި ހެއްޔެވެ؟ ޖަންނަތު ބުނި ފަދައިން އެ ދުވަސްތައް މާޒީވީ ހެއްޔެވެ. އައިނައި ގޮތެއް ނޭނގެއެވެ. ފައްވާޒް މަތިން ހިތަށް އަރައިފިއެވެ. ޒާރާ ދެފަރާތަށް ބޯހޫރާލިއެވެ. އެވަގުތުކޮޅުގެ ތެރޭގައި ހިތަށްވެރިވި ޝުއޫރުތަކާއެކު ފިކުރުތަކެއްގެ ކަނޑުގައި އޭނާ ބެހެމުން ދަނިކޮށް ސަލާމަތުގެ އައްސޭރިއަކަށް އޭނާ ގެނެސްދިނީ ފޯނުގެ ރިންގުގެ އަޑެވެ. ގުޅަނީ ޖަންނަތެވެ. ފޯނު ނެގުމުގެ ކުރިން ޒާރާ ބަލައިލީ ގަޑިއެވެ. ވަރަށް ވަގުތު ކުޑަތަންވެއްޖެއެވެ. ވަރަށް އަވަސްކޮށްލައިގެ ހަރުގައި އޮތް ދަބަސް ހިފައިގެން ޒާރާ ބޭރަށް ނިކުތީ ޖަންނަތަށް ފަހުން ގުޅާނީއޭ ހިތާއެވެ.
****
ނިދާފައި އޮތް ދިމްނާއަށް ހޭލެވުނީ ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނެގުމުގެ ކުރިން ދިމްނާ ގަޑި ބަލައިލިއެވެ. އަށެއްޖަހަން ދިހަވަރަކަށް މިނެޓް ހުއްޓެވެ. އަނެއްފަރާތުގައި ހުރި ބަންކް ބެޑުގައި ތިބި ދެ ދަރީން ނަސީބަކުން އަދި ނުހޭލައެވެ. ރިންގުވަމުން ދިޔަ ފޯނަށް ދިމްނާ ބަލައިލިއެވެ. ފޯނަށް އަރާފައި އިނީ 'މަންމަ' ގެ ނަމެވެ. ކަމެއް ގޯސްވީބާއޭ ހިތާ ދިމްނާ ފޯނު ނެގިއެވެ.
ސައީދާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ވަގުތުން އެނދުމައްޗަށް ދިމްނަ ކޮޅަށް ޖެހިއްޖެއެވެ. ދެން ލިބުނީ އޭނާއަށް އަޑުއަހަން މާ ފަސޭހަ ހަބަރެއް ނޫނެވެ. ދިމްނާއަށް ހީވީ އޭނާގެ ހަރާކާތްތަކަށް ހުއްޓުމެއް އައިސް، އެތެރެހަށީގައި ދައުރުވަމުންދިޔަ ލޭ އެއްކޮށް ގަނޑުވިހެންނެވެ. ރޯންވެސް ދިމްނާއަށް ނޭނގުނެވެ. އަނެއްފަރާތުގައި ހުރެ ރޮމުންދިޔަ ސައީދާގެ އަޑުވެސް އޭނާއަށް ނީވޭ ކަހަލައެވެ.
"ދަރިފުޅާ... އަބަދުވެސް ހަނދާންކުރަންވާނެ އަޖަލު ހަމަވުމާއެކު ކޮންމެ މީހަކުވެސް ދާންޖެހޭނެ. އެއީ ކިތަންމެ ބޮޑު މުއްސަންޖަކަސް ތަނެއްގެ ވެރިޔަކަސް ރަސްކަލަކަސް އެއްވެސް ތަފާތެއް ނޯންނާނެ" އެއީ އެއްދުވަހަކު ދެއްކި ވާހަކައެއްގެ ތެރެއިން ދިމްނާއަށް ރަހްމާން ވިސްނައިދިން އެއްޗެކެވެ.
"ދަރިފުޅު ބިރުގަތީތަ؟ ނޭވާ އަވަސްވެ ހިތުގެ ތެޅުން ބާރުވަނީތަ؟ ﷲ އަށް ޒިކުރުކޮށްލާ. ވުޟޫކޮށްލާ. ހިތްވަރުކޮށްލާ. ހަމަ ވަރަށް ކުޑަކުޑަ ހިތްވަރެއް"
މަޑުމަޑުން ހިނގާފައި ގޮސް ދިމްނާ ވަނީ ފާހާނާއަށެވެ. ވުޟޫކޮށްލައިގެން ނިކުމެ ﷲ އަށް ޒިކުރުކުރަމުން އޭނާ ދިޔައެވެ. ހޮސްޕިޓަލަށް ދާންޖެހޭނެކަން އެނގޭތީ ދިމްނާގެ ހަރަކަތްތައް އަވަސްކޮށްލިއެވެ. ރަހްމާން ބުނި ފަދައިން ކަންތައްތައް ކުރަން ފެށުމުން އިސާހިތަކު ދިމްނާއަށް ހިތްވަރެއް ލިބި މަޑުމަޑުން މީހާ ހަމަޔަކަށް އެޅިއްޖެއެވެ. ނިދާފައި ތިބި ދެ ދަރީން ހޭލައްވައިގެން ފާހާނާއަށް ވައްދާފައި އެނދުގައި އޭނާ އިށީނެވެ. ޒާކިފްއަށް ބައްޕަގެ މަރުގެ ހަބަރު ދިންއިރު ދިމްނާއަށް ރޮވިއްޖެއެވެ.
ދިމްނާ ދެން މަސައްކަތްކުރީ ނުހާއަށް ގުޅުމަށެވެ. އެހެންނަމަވެސް ލިބުނީ ފަހަކަށް އައިސް އެ ފޯނަށް ގުޅުމުން ލިބޭ ޖަވާބެވެ. ނުހާގެ ފޯނު އޮތީ ނިވިފައެވެ. ވީތަނެއްވެސް ނޭނގެއެވެ. ދެ ދުވަހެއްވަރު ކުރިން ރަހްމާންގެ ހާލަތަށް ކުރިއެރުމަށް ލިބުމުން ގެއަށް ދޫކޮށްލި ދުވަހު ލޯތްބާއެކު ރަހްމާން އިށީނީ ނުހާއަށް ވިސްނައިދޭށެވެ. އެހެންނަމަވެސް ނުހާ ހުރީ އެއްވެސް މީހެއްގެ އަޑުއަހާ ގޮތަކަށް ނޫނެވެ. އެ ދުވަހު ރަހްމާނަށްވެސް ނުހާ ދުލެއް ނުކުރެއެވެ. ފޮށްޓަށް ހެދުންތައް އަޅައިގެން އެކުވެރިންނާއެކު ނުހާ ގެއިން ނިކުމެގެން ދިޔައީ ރަހްމާން އިތުރަށް ބަލިކޮށްލާފައެވެ. ދެވަނަ ފަހަރަށް ރަހްމާން ހޮސްޕިޓަލަށް ގެންދާން ޖެހުނީ އެ ދުވަހުއެވެ. އެއްފަހަރާ ދެ އެޓޭކް ރަހްމާނަށް އައީ ނުހާގެ ސަބަބުން ލިބުނު ހިތްދަތިކަމެއްގެ ސަބަބުންނެވެ.
އެންމެފަހުން އެ ހިތާމައިގައި މި ދުނިޔެ ދޫކޮށް ރަހްމާން އެ ދިޔައީ ނުހާއަށް ނޭނގިއެވެ. ނުހާ ހޯދަން ދާނެ ތަނެއް، އެކުވެރިއެއްގެ ގެއެއް، އެއިން މީހެއްގެ ނަންބަރެއްވެސް ނޭނގެއެވެ. ހަގީގަތުގައި ދިމްނާ ރޮއްވާލީ އެ ހުރިހާ ހިޔާލުތަކެއް އެއްފަހަރާ ހިތަށް ވެރިވުމުންނެވެ.
****
ފެރީއަށް އަރަން ޒާރާއަށް އެހީވެދިނީ އައްފާނެވެ. އެއްއަތުން ނިއަމް އުރާލައިގެން ހުރެ އަނެއް އަތުން ޒާރާގެ އަތުގައި ހިފައިގެން ފެރީގެ ތެރެއަށް ހިނގައިގަތްއިރު އެ މަންޒަރުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ދަރީން ފުރުވާލަން އައިސް ތިބި ދެފަރާތުގެ މަންމައިންނަށެވެ. ހިމްނާގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ. އެހެންނަމަވެސް ހޭލައި ހުރެގެން ވަސީމާ އެތައް ހުވަފެނެއް ބަލަމުން ދިޔައެވެ.
(ނުނިމޭ)