ބަންދު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ ޑޮކްޓަރުންނާއި ނަރުހުންނަށް އެޓެންޑެންސް އެލެވަންސް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ ޑޮކްޓަރުންނާއި ނަރުހުންނަށް އެޓަންޓެންސް އެލަވަންސެއް ނުލިބެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން"އަށް މިރޭ ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތައް ދިރާސާކުރެއްވުމަށް ފަހު ރައީސް ވަނީ، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ޑޮކްޓަރުންނާއި ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެ އެލަވަންސް އެ ފަރާތްތަކަށް ލިބޭ ގޮތަށް ހަމަޖައްސައިފައި ކަމަށެވެ.
އަދި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށާއި ތަޖުތިބާއަށް ބަލައި އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް، ކުރިން ތިބި މަގާމުގައި ބޭތިއްބުމަށްވެސް ރައީސް މިއަދު ނިންމެވި ކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވި ނުވަ ނަރުހެއްގެ މައްސަަލަ ހައްލު ކުރުމަށްވެސް ރައީސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާ އިރު، އިނާޔަތް ދިނުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި މަހު ކަނޑައެޅި މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 މީހުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭ ގޮތުންވެސް ރައީސް ނިންމުންތަކެއް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެގޮތުން އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތްވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނުއަރީގެ ނިޔަލަށް އިތުރުކުރަން ރައީސް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު