މި ގައުމުން ބައި އިންޗިވެސް ދޫކޮށްލަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، އަފްޣާނިސްތާނުގެ ކަންދަހާރަށް ވީގޮތަށް ވާން އެ ޖާގަ ނުދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސް ސޯލިހު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ދުނިޔޭގައި ކަން ހިނގާ ގޮތް އެނގެން ޖެހޭ ކަމަށާއި ސެކިއުރިޓީގެ ކަންކަމުގައި އެއް ގައުމު އަނެއް ގައުމާ ގުޅުން އޮންނަން ޖެހޭ ކަމަށެވެ. އަދި ޒަމާނަކީ މިއީ ހަތިޔާރުތައް އެއްކޮށްގެން އެ ގައުމެއް އެ ގައުމު ބަލަހައްޓާ ޒަމާން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޒަމާނަކީ މިއީ އެއް ގައުމު އަނެއް ގައުމާ އޮންނަ ގުޅުމެއްގެ ތެރެއިން އަސްކަރީ ކަންކަން ވެސް، އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ޒަމާން. މި ޒަމާނުގައި އުޅެވޭނީ ދުނިޔޭގެ އެހެނިހެން ގައުމުތަކާ ގާތް ގުޅުން ބާއްވައިގެން. އަޅުގަނޑުމެންނަށް އަނެއްކާވެސް ދިވެހިރާއްޖެއަކަށް އެފޯޑެއް ނުކުރެވޭނެ ދުނިޔޭގެ ގައުމުތަކާ ގުޅުން ކަނޑާލާކަށް. އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ ކޮމަންވެލްތާ ގުޅުން ކަނޑާލާކަށް. އަޅުގަނޑުމެންނަކަށް މި ގައުމަކަށް އެފޯޑެއް ނުކުރެވޭނެ އިންޑިއާއާ ގުޅުން ކަނޑާލާކަށް، ސިލޯނާ ގުޅުން ކަނޑާލާކަށް. އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް އެފޯޑެއް ނުކުރެވޭނެ ޔޫރަޕާ ގުޅުން ކަނޑާލާކަށް. އަޅުގަނޑުމެންނަށް އެފޯޑެއް ނުކުރެވޭނެ އަނެއް ކަންދަހާރަށް މި ގައުމު ހަދާކަށް. އެ ހަނގުރާމަ އާއި، އެ ނާމާންކަމުގެ ތެރެއަށް ދެވޭކަށް ނެތް. ސޮރީ، ދެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދަން ޖެހޭ ކަމަށާއި މި ގައުމު މި ހިނގަމުންދާ ހަމަޖެހުމުގައި ތިބެން އެބަޖެހޭ ކަމަށެވެ. އަދި ދޮގާއި އެ ދޮގުން ނެރޭ ފިތުނަ ފަސާދައިގެ ތެރެއަށް ރައްޔިތުން ނުވެންނެވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެން މި ގައުމު ދެކެ ވަކި ނުވާ ލޯތްބެއް އެހެން ބަޔަކު ވެސް ނުވާނެ. ވަކި އެހެން ޕާޓީއަކުން ވެސް ނުވާނެ. މިއީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު. މި ގައުމު ބައި އިންޗި ވެސް އެހެން ބަޔަކަށް ދޫކޮށްލާކަށް އެމްޑީޕީން އެއްބަހެއް ނުވާނެ. އަދާލަތު ޕާޓީން އެއްބަހެއް ނުވާނެ. އެމްޑީއޭ އިން އެއްބަހެއް ނުވާނެ. މި ގައުމުގެ ސަރަހައްދުން އެއްވެސް ތަނެއް، އެއްވެސް މިންވަރަކަށް ސަރުކާރަކުން ދުލެއް ނުކުރައްވާ. އެފަދަ ސިޓީއެއް ވެސް ނުފޮނުއްވާކަން މިދަނީ ހާމަވަމުން. އެހެންނަމަވެސް ދޮގު ފަތުރާ މީހުން އެބަ ދޮގު ފަތުރާ. ދޮގުގައި ޖެހިވަޑައިނުގަންނަވާ. ފިތުނައިގައި ޖެހިވަޑައިނުގަންނަވާ. މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ދެވޭނީ އެމްޑީޕީއާއެކު، މި ސަރުކާރާއެކު، އިބްރާހިމް މުހައްމަދު ސޯލިހާއެކު،" އޭނާ ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިއީ އެންމެންގެ ގައުމެއް ކަމަށާއި މި ގައުމުގައި އަޅުގަނޑުމެންނަށް ވިޔަފާރިކޮށްގެން، އާމްދަނީ ހޯދައިގެން، އެ އާމްދަނީން ދަރީންގެ ދަރީންނަށް މި ގައުމު ގެންގޮސްދޭން އެބަޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ފަތުރާ ފިތުނަތަކުން ސަލާމަތްވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.