ހުއްޓާނުލާ ރޮމުންދިޔަ ނިއަމް ބާލީސް މަތީގައި ބާއްވާފައި އިތުރަށް ގަޔާކައިރިކޮށްލިއެވެ. އެހިނދު ނިއަމްގެ އަޑު ކެނޑުނެވެ. ޒާރާ ކުރަން އުޅެނީ ކީއްކަން ނިއަމްއަށް އެނގުނު ކަހަލައެވެ. މާގިނައިރެއް ނުވެ ތަން އެއްކޮށް ހިމޭންވެގެން ދިޔައެވެ. ނިއަމްގެ ހަށިގަނޑުގެ ހޫނުކަން ޒާރާގެ މުޅި ހަށިގަނޑަށް ފެތުރިގެންދިޔަ ވަގުތެވެ. އިސާހިތަކު މައިވަންތަ އިހުސާސްތަކުން ޒާރާގެ ހިތް ފުރިގެން އައެވެ. މައިވަންތަ ލޯތްބަށް އެ ތުއްތު ފުރާނަ ބޭނުންވެފައިވާ މިންވަރު ޒާރާއަށް އިހުސާސްވެގެން ދިޔައެވެ. ލޯތްބާ އޯގާތެރިކަމުގެ ބެލުމަކުން ޒާރާ ނިއަމްގެ މޫނަށް ބަލައިލިއެވެ.
ކޮޓަރިން ނިކުތްގޮތަށް އައްފާން ހޯދީ ވަސީމާއެވެ. ބަދިގެއިން މިކްސަރު ޖައްސައިގެން އުޅޭ އަޑު އިވުމުން އައްފާން ދިޔައީ ބަދިގެ އާ ދިމާލަށެވެ. ނިއަމްގެ ރުއިމުގެ އަޑު ނީވޭތީ އައްފާން ހީކުރީ އެކުއްޖާ ހަމަޔަކަށް އެޅުނީ ކަމަށެވެ.
ބަދިގޭ ދޮރަށް އެރި އައްފާން ފެނުމުން މިކްސަރުގެ އަޑު ވަސީމާ ކަނޑާލިއެވެ. އައްފާނަށް ބަލައިލާފައި ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ އަހާލިއެވެ.
"ނިއަމްއަށް ނިދުނީތަ؟" ނިއަމް ފެންނަން ނެތުމުން އައްފާން އެހިއެވެ.
"ޒާރާ އެބައިން އެސޮރު ގޮވައިގެން. ނުދެކެންތަ؟" ވަސީމާ ބުންޏެވެ.
އައްފާން ގޯތިތެރެއަށް ނިކުމެ ދެކޮޅު ހޯދައި ބަލައިލިއެވެ. އަތިރިމައްޗަށް ކަނޑާފައި ހުރި ދޮރާ ދިމާލަށް ދަނިކޮށް ވަސީމާގެ ކޮޓަރީގެ ހުޅުވާފައި ހުރި ކުޑަދޮރުން ޒާރާ ފެނުނުހެން ހީވެ ކައިރިއަށް ޖެހިލިއެވެ. އައްފާނަށް ހީވީ ރަނގަޅަށެވެ. އެއީ ޒާރާއެވެ. ޒާރާ އިނީ އެނދުގައި އިށީނދެގެންނެވެ. އަލުން ގޭތެރެއަށް ވަދެގެން ގޮސް ކޮޓަރީ ތަޅުގައި އައްފާން ހިފާލިއެވެ. ޒާރާ ހާސްވިއެވެ. ހުއްދަ ހޯދުމެއްނެތި އޭނާ ކުރަން އިނީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަމަކުވެސް ކުރާނެ ކަމެއް ނެތެވެ. އެ ތުއްތު ކުއްޖާގެ ދެލޮލުން ފައިބަމުންދާ ކަރނަތައް އޭނާގެ ހިތް ބަލިކޮށްލީއެވެ. އެ ތުއްތު ކުއްޖާއަށް އޭނާއަށް ދެވޭނެ އެންމެ ބޭނުންތެރި ފަރުވާއަކީ އެއީއެވެ. އެ ފަރުވާ އޭނާއަށް ދެވެންހުރެ ފުރަގަސްދޭންވީ ކިއްވެގެން ހެއްޔެވެ؟ ފަރުވާއަކީ ހަމައެކަނި ޑޮކްޓަރުންގެ ފަރާތުން ދެވޭ އެއްޗެއް ނޫނެވެ. އެވަގުތު ޒާރާ އެހެން އެއްވެސް މީހަކާ މެދު ނުވިސްނައެވެ. އޭނާގެ ހިތާއި ސިކުނޑީގައިވަނީ ހަމައެކަނި ނިއަމް އެވެ.
ޒާރާ ނިއަމް ދުރުކޮށްލީ އެކުއްޖާއަށް ނިދި ހަރަކާތްތައް ހުއްޓުމުންނެވެ. ހެދުން ރީތިކޮށްލާފައި ނިއަމް އަތްމައްޗަށް ލައިގެން ޒާރާ ތެދުވިއެވެ. ފަހަތުގައި ހުރި އައްފާން ފެނުނު ހިނދު ޒާރާއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ވަގުތުން ޒާރާ އަނެއްފަރާތަށް އެނބުރުނެވެ. މީހަކު ކޮޓަރީ ތަޅުގައި ހިފިކަން އޭނާއަށް އެނގެއެވެ. ފަހުން އެއްވެސް ހަބަރެއްނުވުމުން އޭނާ ހީކުރީ ވަންނަން އައިސްފައި ވަސީމާ އެނބުރި ދިޔައީ ކަމަށެވެ. މިހުރިހާއިރު އައްފާން ފަހަތުގައި ހުރިކަމެއް ނޭނގެއެވެ.
ޒާރާ ފަހަތަށް އެނބުރި ބަލައިލިއެވެ. އައްފާން ފެންނަން ނެތެވެ. ދޮރުހުރީ ކުޑަކޮށް ހުޅުވާފައެވެ. ޒަރާއަށް ތުންފަތުގައި ދަތްއެޅުނެވެ. އައްފާން ހިތްހަމަނުޖެހުނީކަން ޔަގީނެވެ. އައްފާނަށް ހުރިހާ ކަމެއް ފެނުނެވެ. ވިސްނާނެގޮތެއް ޒާރާއަށް ނޭނގުނެވެ. ނިދާފައި އޮތް ނިއަމް ރީތިކޮށް އެނދުގައި ބެއްވުމަށްފަހު ޒާރާ ކޮޓަރިން ނިކުންނަން ހިނގައިގަތްވަގުތު ވަސީމާ އައިސް ކޮޓަރިއަށް ވަނެވެ.
"ނިދީތަ؟ ޒާރާ ހާދަ މޮޅޭ ދޯ" ނިދާފައި އޮތް ނިއަމް ފެނުމުން ވަސީމާ ބުންޏެވެ.
"އަހަރެން... އަހަރެން ނިއަމްއަށް...." ޒާރާ ބުނަން އުޅުނެވެ. އެކަމަކު ޒާރާ ފަސްޖެހުނެވެ.
"ގާތުން ދިނީތަ؟" ޒާރާ އާ ގާތަށް ޖެހިލާފައި ވަސީމާ ހިފީ ޒާރާގެ އަތުގައެވެ.
ޒާރާ ބޯޖަހާލިއެވެ. ކުއްލިއަކަށް ވަސީމާގެ ބެލުން ތަފާތުވެގެން ދިޔައެވެ. ލޯތްބާ ކުލުނާއި އޯގާތެރިކަމުގެ ބެލުމަކުން ބަލަހައްޓައިގެން ހުރުމަށްފަހު ޒާރާގެ ބޮލާއެކު ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު ފަޅިސކުންތަކަށް ނަމަވެސް ޒާރާ އާ މެދު ވަސީމާގެ ހިތާއި ސިކުނޑިގައި އެދުމެއްގެ ވިންދެއް ޖަހާލިއެވެ.
"އައްޔަ މިތަނަށް ވަދެފަ ހިނގައްޖެ" ޒާރާ ބުންޏެވެ.
"އަތިރީ ފަރާތުން ނިކުމެއްޖެ. ވަރަށް ބާރަށް ހިނގާފަ ދިޔައީ" ވަސީމާ ބުންޏެވެ.
ޒާރާ ބޭރަށް ނިކުމެފައި އަތިރީ ދޮރާއްޓަށް ބަލައިލިއެވެ. އެދިމާލުން އައްޔަ ނިކުތިއްޔާ ގަސްދަށު ޖޯލީގައި އިންނާނެއެވެ. އެދިމާލަށް ފިޔަވަޅު އަޅާފައިވެސް ޒާރާ ހުއްޓުނެވެ. އައްޔަ ހުރިގޮތެއް ނޭނގެއެވެ. ހިތްހަމަނޖެހިފައި ނޫންކަމެއްވެސް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް ކުރިން އައްޔަ ވާހަކަނުދައްކަނީސް ވާހަކަދައްކަން ޒާރާއަށް ނުކެރުނެވެ. އަމުދުން އައްޔަ އާ ކުރިމަތިލާކަށް ލާހިކެއްނޫނެވެ. އެންމެފަހުން ދާންވީ ކަމެއް ނުދާންވީކަމެއް ނޭނގި ހަށިގަނޑަށް ހަރަކާތެއް ގެންނަން ނޭނގިފައި ޒާރާ އިރުކޮޅަކު ހުއްޓެވެ.
****
ހަވީރުގެ ވަގުތެވެ. ވަރުގެކޮޅަށް ނަލަހެދިގެން ބޭރަށް ނިކުންނަން ދިޔަ ނުހާ އަށް ސޯފާގައި ދެ ދަރީންނަށް ކިރުތަށި ދޭން އިން ދިމްނާ ގޮވާލިއެވެ. ނުހާގެ ދިރިއުޅުމަށް ބަދަލު އަންނާނޭކަމަށް ދެކުނު ދެކުން ވެގެން ދިޔައީ ކުއްހީއަކަށެވެ. ހަވީރު ގެއިން ނިކުންނަ މީހާ ގޭތެރެއަށް އައިސް ވަންނަނީ ހިތަށް އެރިއިރަކުންނެވެ. ގޭތެރޭގައި ނުހާ އާ ރަހްމާނާ ދެމެދު ކުރެވޭ ޒުވާބުވީ އިތުރެވެ. ގޯސްވަނީ ނުހާ އަށް އެއްޗެއް ބުނާ މީހާއެވެ.
"ކޮންތާކަށް ތިދަނީ މާ އަވަސްއަރުވާލާފަ" ދޮރާ ހަމައިން ނުހާ ހުއްޓުނީ ދިމްނާގެ އަޑު އިވިފައެވެ. ނުހާ ހުއްޓުނެވެ. އޭނާ އެނބުރި ދިމްނާއަށް ބަލައިލީ ފައިވާނުގެ މަޅިގަނޑު އެޅުވުމަށްފަހުއެވެ.
"އާދެބަލަ މިކޮޅަށް" ދިމްނާ ބުންޏެވެ.
"ދެން ބުނެބަލަ. އަނެއްކާ ފައިވާން ބާލާފައި ނުދެވޭނެ" ނުހާ ބުންޏެވެ. އޭނާގެ އަޑުގައިވީ ރުންކުރު ކަމެވެ.
ދިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. ފަހަކަށް އައިސް ނުހާގެ ބަސްމަގު ހުންނަނީ އެކަހަލަ ގޮތަކަށެވެ. ކުރިން ދިމްނާ އަށް އެއްޗެއް ނުބުންޏަސް މިފަހުން ދިމްނާއަށް އެއްޗެހި ބުނެލައެވެ. މައިންބަފައިންނާ ހިލާފަށް ނުހާއާ ވާހަކަދެއްކުމުގައި ދިމްނާ ހިޔާރުކުރަނީ މަޑުމައިތިރިކަމެވެ.
"ނިއަމް އަށް ގުޅިންތަ؟ އައްފާން ބުނި ނިއަމް ވަރަށް ބައްޔޭ" ދިމްނާ ބުންޏެވެ.
"ކޮން ނިއަމް އެއް؟" ފަރުވާކުޑަ ގޮތަކަށް ނުހާ ބުންޏެވެ.
ދިމްނާ ހައިރާންވިއެވެ. ދަރިން މައިންބަފައިން މަތިން ހަނދާންނެތޭ ފަހަރު އާދެއެވެ. އެކަމަކު މަޔަކު ދަރިއަކު މަތިން ހަނދާންނެތޭ ބުނުމުން ދިމްނާއަށް ގަބޫލުކުރަން ދަތިވިއެވެ. ނުވަމަހާ ނުވަދުވަހު އަމިއްލަ ލެއިން ކާންދީގެން ރަހިމުގެ ތެރޭގައި ބޮޑުކޮށް އެތައް ވޭނާ ތަކުލީފަކަށްފަހު ދުނިޔެއަށް ގެނައި ދަރިފުޅު ނޭނގޭކަމަށް ނުހާ ހަދައިފިއެވެ. ރަހުމެއްނެތްކަމުގެ އިންތިހާއެވެ.
"އާނ. އަހަރެން ނިއަމް އެއް އައްފާނެއް ނުދަންނަން. އަހަރެންގެ އެކަކުވެސް ނެތް. ކުޑާވެސް އަހަރެންނާ މޫނު ކެނޑެން ބޭނުންނުވަންޏާ ބޭކާރު މީހުންގެ ވާހަކަނުދައްކާ"
ނުހާ ނިކުމެގެން ދިޔުމާއެކު ދިމްނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އެންމެ ހިތަށް ތަދުވީ ނިއަމް މަތިން ހިތަށްއަރާފައެވެ. މައިމީހާ ނުލާ އެކުއްޖާ އެކަނިވާނެވަރު ހިތަށް އަރާފައެވެ. ނުހާ ހާދަހާ ވިޔާނުދާއެވެ. ނޫނެކެވެ. ވިޔާނުދާއެއް ނޫނެވެ. އެއީ ހަމަ ނުބައި ނުލަފާ އަންހެކެވެ. ނުހާގެ ސަބަބުން މުޅި ގޭތެރޭގެ ހާލަތު ބަދަލުވެއްޖެއެވެ. ފިކުރުބޮޑުވެ ރަހްމާނުގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ ހަފްތާއަކަށް ވުރެ ދުވަސްވެއްޖެއެވެ. ރަހްމާނުގެ ހާލު ބަލައިލަން ހޮސްޕިޓަލަށް ވަދެނުލާތާ ފޯނުން ގުޅާވެސްނުލައެވެ. ދިމްނާ ފެނުމަށްފަހު އަބަދު މަންމައާއި ބައްޕަ ކުރާ ޝަކުވާއަކީ އެއީއެވެ.
****
ހަމަ އެދުވަހުގެ ހަވީރުގެ ވަގުތެވެ. ދެތިން ރައްޓެހިންނާއެކު ހިމްނާ ގެއިން ނިކުތީ ބަނދަރުމަތީގައި ހިނގާލާށެވެ. އޭނާ ނިކުތްއިރު ފެންވަރައިން ނިކުމެ ލޯގަނޑު ކުރިމަތީގައި ޒާރާ އިނެވެ. ނޫރީން ގެއަކު ނެތެވެ. ހިމްނާއަށް ރަނގަޅަށް ދޮރާށި ނުލެއްޕެނީސް ގޭދޮރު މައްޗަށް ސައިކަލުގައި އައްފާން މަޑުކޮށްލައިފިއެވެ. ހިމްނާ ފެނުމުން އައްފާން ހީލިއެވެ.
"ހިމްނާއްތަ ކިހިނެއްތަ؟" އައްފާން އެހިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަދި ވަރަށް ރަނގަޅު. ޒާރާ އެބައުޅޭ އެތެރޭގަ. ދޭބަލަ" ހީލަމުން ހިމްނާ ބުންޏެވެ.
ސައިކަލު ޕާކުކޮށްފައި އައްފާން އެތެރެއަށް ވަނެވެ. އޭނާ ސަލާންނުގޮވީ ހަމަ ގަސްތުއެވެ. މެންދުރު ޒާރާގެ ފަރާތުން ފެނުނު މަންޒަރަށްފަހު އޭނާ ހީކުރީ ޒާރާ އަތިރިމައްޗަށް ނިކުމެ ވާހަކަދައްކާލާނެ ކަމަށެވެ. ޒާރާ ހުރީ ލަދުގެންފައިކަންވެސް އޭނާއަށް އެނގެއެވެ. ނުބައި ހީއެއް ހީކޮށްގެން ޒާރާ ހުރުމުން ޒާރާ އާ ބައްދަލުކުރަން ނައިސް އައްފާނަށް ކެތްކުވީއެވެ. އޭނާގެ ހިތް ސާފުކަން ޒާރާއަށް އަންގައިދޭން ބޭނުންވީއެވެ.
ބަދިގެއިން ވާހަކަދައްކާ އަޑު އިވުމުން އައްފާން ދިޔައީ އެދިމާލަށެވެ. އެއީ ޒާރާ ކަން އޭނާއަށް ޔަގީންވިއެވެ. އެތެރެއަށް ނުވަދެ ކުއްލިއަކަށް އައްފާން މަޑުކޮށްލީ ޒާރާ ފޯނުގައި ހުރެ ބުނެލި އެއްޗަކުންނެވެ.
"އައްޔަގެ ގޮތެއް ނޭނގޭ. އަހަރެންނަށް ނުކެރުނު އައްޔަ ކުރިމައްޗަށް އަރާކަށްވެސް. ކީކޭ އޭނަ ހީކުރާނީ. އަހަރެންނަށް ކޮން ހައްގެއް އޮތީ ނިއަމްއަށް ގާތުންދޭން. އެކަމަކު އޭގަ މައްސަލައެއް ނެތެއްނު. ކީކޭ ޖަންނަ ބުނަނީ؟"
އައްފާން ކައިރިއަށް ހިނިއައެވެ. އޭނާ އެތަނުގައި ޒާރާގެ ވާހަކަތައް އަޑުއަހަން ހުރިކަން އެނގުމުންވެސް ޒާރާ ލަދުގަންނާނެއެވެ. ޒާރާގެ ފަރާތުން އެހެންމީހުންނަށް ފެންނަނީ ހިތާމަ އާއި ހިތްދަތިކަމެވެ. އެކަނިވެރިކަމާއި މަޑުމޮޅިކަމެވެ. އެކަމަކު އައްފާނަށް ފެންނަނީ ލަދުވެތިކަމެވެ. ހަމައެކަނި ލަދުވެތިކަމެވެ.
"ދެން އުޅެބަލަ އަންނަން. އަދިވެސް އެއްޗެހިދޮވެ ނުނިމޭތަ؟ ނިއަމް ކައިރިއަށް ދާންބޭނުން. އަދިވެސް އެކުއްޖާއަށް އެ ކާނާ ދޭން ބޭނުން. އެކުއްޖާވެސް ބޭނުންވާނެ"
ފާރުގައި އައްފާން ލެގިލިއެވެ. ޒާރާގެ ވާހަކަތަކުން ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް އައްފާނަށް ލިބެމުން ދިޔައެވެ. އެތައް އިރަކު ޒާރާގެ ވާހަކަތައް އިވެ ހިސާބުގައި ހުންނަން ބޭނުންވިއެވެ. އެކަމުންވެސް ހިތަށް މިލިބޭ ތަފާތު އަރާމެކެވެ. ފާރުގައި ލެގިލާފައި އައްފާން ދެލޯ މަރާލިއެވެ.
"ވަސިންތަ ބުނި އައްފާން ހަވީރު ކޮންމެސްތަނަކަށް ދާނޭ. ހިނގާބަލަ. އަހަރެން ކޮފީއެއް ބޮއެގެން މިނިކުންނަނީ އެނގޭ. ލަސްނުކުރައްޗޭ" ޒާރާ ބުންޏެވެ.
ތުނިތުނިކޮށް ފަޅާފައި ހުރި ތުނބުޅީގައި އަތްހާކާލިއެވެ. އެތަނުން ދާހިތެއްނުވިއެވެ. އެތެރެއަށް ވަންނާކަށްވެސް ބޭނުމެއް ނުވިއެވެ. މީހެއް ދެއްކި ވާހަތަކެއް އަޑުއަހާފައި މިވީހާތާކަށް އެހާ ހިތްހަމަޖެހުން އޭނާއަށް ލިބިފައި ނެތެވެ. އިރުކޮޅަކުން ޒާރާގެ އަޑު ކެނޑުނެވެ. އެހެންނަމަވެސް އެއްޗެހި ތަޅުވާ އަޑެއް ނުކެނޑެއެވެ. އެތެރެއަށް ވަންނަން އައްފާން އުޅުނުތަނާ އަނެއްކާވެސް ޒާރާގެ އަޑު އިވުނެވެ.
"ވަސިންތާ. ނިއަމް ރަނގަޅުތަ؟"
އައްފާން ދެބުމަ ގޮށްޖަހާލިއެވެ. އޭނާ ވިސްނާލިއެވެ. މިހާރު އެގުޅީ ވަސީމާއަށްތާއެވެ.
"އލްހަމްދުލިއްލާހް. ފަހުން ފުޅި ބުއިތަ؟"
"ކޮންތާކު؟ އެކުއްޖާ މިހާރު ހޯދަނީ ޒާރާ" ހިތާހިތުން އައްފާން ބުނެލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އެބަދަން. އަހަރެންނަށް މިއުޅެނީ މިހާރުވެސް ނުހުރެވިގެން. އައްޔަ އެބައުޅޭތަ އަނެއްކާ"
އައްފާނަށް އެނގުނެވެ. ވަސީމާ ކައިރިން އަހައިގެން އައްފާން ގޭގައި އުޅޭތޯ ނޫޅޭތޯވެސް ބަލައިފިއެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. ޒާރާ އެހާ އެހާ ލަދުގަންނަނީ ކީއްވެގެން ހެއްޔެވެ؟ އެހާވަރުގެ ކުޑަކުޑަ ކަމަކާ އަހަރެން ޒާރާދެކެ ރުޅިއައިސްދާނޭ ނުވަތަ ހިތްހަމަނުޖެހިދާނޭ ހީވަނީ ކީއްވެގެން ހެއްޔެވެ؟ ފަހުން އައިސް ވާހަކަނުދެއްކީ ކީއްވެގެން ހެއްޔެވެ؟ ޒާރާއަކީ އައްފާންގެ ނުހަނު ގާތް އެކުވެރިއެކެވެ. ނިއަމްގެ ސަބަބުން އެ އެކުވެރިކަން އިތުރަށް ފުޅާވެއްޖެއެވެ.
އައްފާން އެތެރެއަށް ވަންނަން ނިންމިއެވެ. އެތަނުގައި އޭނާ ހުރިކަން އެނގޭއިރަށް އަނެއްކާވެސް ޒާރާ ގަންނާނީ އިތުރު ލަދެކެވެ. އެހެން ހަދާކަށް ނުވާނެއެވެ.
****
"ހަމަ ރަނގަޅަށްތަ؟ ޒާރާ ނުބުނޭ އަދި ތިކަހަލަ ވާހަކައެއް" ބަނދަރުމަތިން ހިނގާލާފައި ރަށް ވަށާލިތަނާ އެންމެ ފުރަތަމަ ޖެހުނީ ވަސީމާގެ ގެއެވެ. ވަސީމާ އިނީ ނިއަމް ގޮވައިގެން މަގުމަތި ޖޯލީގައެވެ. ވަރުބަލިވެފައި ހުރިވަރުން ހިމްނާ ޖޯލިފަތީގައި ޖައްސާލިއެވެ. ނިއަމް އަށް ޒާރާ ގާތުން ދިންކަން ހިމްނާއަށް އެނގުނީ ވަސީމާ ބުނުމުންނެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. އަހަރެންގެ ޒާރާ އެކުރީ ހާދަ ރަނގަޅުކަމެކޭ. އެކަމުން ފައިދާވާނީ ހަމައެކަނި މިސޮރަށް އެކަންޏެއްނޫން" ނިއަމްގެ ފަން އިސްތަށިކޮޅުގައި ފިރުމާލާފައި ވަސީމާ ބުންޏެވެ.
"ޔޫކް ނިޔާވިއްސުރެ ޒާރާއަށް އެހުންނަނީ އުނދަގޫވެފަ. މިދޭތެރެއިން ގަނޑުލައިގެންވެސް އުޅެފި. އަހަރެން ޒާރާއަށް ވިސްނައިދޭނަން އެކަން ކުރިއަށް ގެންދިޔުމަށް"
ހިމްނާ ދެއްކި ވާހަކަތަކަށް ވަސީމާ ހިނިތުންވެލިއެވެ. އެވާހަކަތަކަށް ލޮލާ ބޮލުން ތާއީދުވެސް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ހިނގަމުންދަނީ އެހެން ވާހަކަތަކެކެވެ. ޒާރާގެ ފުށުން އެމަންޒަރު ފެނުނުފަހުން ހިތުގައި އޮތީ އެހެން އެދުމެކެވެ. އެކަމަކު އެކަން ދުލާ ހަމައަށް ގެންނާކަށް އޭނާއަށް ނުކެރުނެވެ. އަމިއްލަ އެދުން ބޮޑު މީހެއްކަމުގައި އެނާ ވެދާނެތީއެވެ.
****
ދޮރުމައްޗަށް މީހަކު އެރިހެން ހީވުމުން ޒާރާ ބަލައިލިއެވެ. އޭނާ ލަސްލަހުން ކޮފީބޮމުން ދިޔައީ ޖަންނަތުގެ ހަބަރެއް ވަންދެކަށެވެ. ފުރަތަމަ ހީކުރީ ޖަންނަތު ކަމަށެވެ. އެކަމަކު އައްފާން ފެނުމުން ޒާރާއަށް ވީ ނުބައި ގޮތެކެވެ. ހިނިތުންވާންވެސް ނޭނގުނެވެ.
"އައްޔަ ތަ؟" ޒާރާ ބުންޏެވެ.
"އުނހު. އަހަރެންނަށް ކިޔަނީ ހިމްނާ" އައްފާން ބުންޏެވެ. ޒާރާ އާ އޭނާ ލޯބިން ކޮށްލި ސަމާސާއެކެވެ. ޒާރާގެ ދެތުންފަތް ހިނިތުންވުން ފާޅުވާވަރަށް ދެފަރާތަށް ދެމިލިއެވެ. އައްފާންގެ އެ ސަމާސާ އިން އައްފާން ހުރީ ރުޅިއައިސްފައި ނޫންކަން ޒާރާއަށް އެނގުނެވެ.
"ކޮފީ ބޯން ހިނގާ" ޒާރާ ބުންޏެވެ. އައްފާން ގޮނޑީގައި އިށީނެވެ. ޒާރާ އަވަސްވެލީ އައްފާނަށް ކޮފީއެއް ގިރާށެވެ. އައްފާން ކައިރީގައި އަހާލުމެއްވެސް ނެތި ޒާރާ ތައްޔާރުކޮށްލީ ކަޅު ކޮފީއެކެވެ. އެ ކޮފީ އައްފާނަށް ކަމުދާނެކަން ޒާރާއަށް އެނގޭ ކަހަލައެވެ.
"ޝުކުރިއްޔާ" ޒާރާ މޭޒުމަތީގައި ބެހެއްޓި ކޮފީތަށި ގާތަށް ދަމާލަމުން އައްފާން ބުންޏެވެ. ހީލާފައި އަލުން ގޮސް ކުރިން އިން ގޮނޑީގައި ޒާރާ އިށީނެވެ.
"ތަނަކަށް ދާން އުޅެނިކޮށްތަ މިއާދެވުނީ. މާ ރީތިވެލައިގެން އިނީމަ" ކޮފީތަށިން ކޯވަރެއް ބޯލަމުން އައްފާން ބުންޏެވެ.
"ޖަންނަ އެބައަންނަމޭ ބުނީމަ" ޒާރާ ބުންޏެވެ.
"އަހަރެން މިއައީ ޒާ ބަލާ" އައްފާން ބުންޏެވެ. ޒާރާ ބަލައިލީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ.
"ނިއަމް އެބަ ހޯދާ. ނިއަމް ބުނީ ބައްޕި ކައިރީގަ ނުބުނާނަމޭ ހޯދާ ސަބަބެއް" އައްފާން އިނީ ހިނިއައިސްފައެވެ. ޒާރާ އާ އެފަދަ ސަމާސާއެއްކޮށްލަން އޭނާއަށް ހިތްވަރު ލިބުނު ގޮތެއްވެސް ނޭނގެއެވެ.
ޒާރާ އިސްޖަހާލިއެވެ. އެތެރެއިން ހީވެސްލިއެވެ. އެހެންދުވަސްދުވަހާ މިއަދު އައްފާން ތަފާތެވެ. ސަމާސާކުރުން ގިނައެވެ. ނިއަމް ކަންތައްކޮށްދިން ގޮތުން އެއީ އައްފާން ޝުކުރުއަދާކުރާ ގޮތް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް އިތުރު ބަހެއްނުކިޔާ އިނދެ ދެ ޒުވާނުންވެސް ކޮފީތަށި ހުސްކުރިއެވެ.
ކޮފީ ބުއި ޖޯޑުތައް ޒާރާ ދޮންނަންދެން އައްފާން މޭޒުކައިރީގައި ބަލަހައްޓައިގެން އިނެވެ. ޒާރާ އާ ގާތަށް އޭނާ ފިޔަވަޅެއް އަޅާލީ ޒާރާ ހިނގައިގަތުމުންނެވެ. ކައިރީގައި އައްފާން ހުއްޓުމުން ޒާރާއަށް އުނދަގޫގޮތެއް ވިއެވެ. ކުއްލިއަކަށް އައްފާން ހިފީ ޒާރާގެ ދެއަތްތިލައިގައި ހިފަން އަތް އުފުލާލިއެވެ. އެކަމަކު ހިފަން ނުކެރި އަތް ތިރިކޮށްލިއެވެ. އަނެއްކާވެސް ދެއަތް އެކަމަށް އެދިދާނެކަމަށް ޖެހިލުންވެ ދެއަތްތިލަ ކޮށްޕާލީ ލައިގެން ހުރި ޖީންސުގެ ޖީބަށެވެ.
"އަހަރެންނަށް އެނގޭ މިއަދު ނިއަމް އާ މެދު ޒާ އެގޮތަށް ކަންތައްކުރީ އަހަރެމެން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމުގެ ސަބަބުން ނޫންކަން. ޒާ ނިއަމް ދެކެނީ އުފަން ދަރިއެއް ފަދައިން. އަހަރެން މިހުންނަނީ ޒާ އަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭނގިފަ. ވަރަށް ބޮޑަށް ޝުކުރިއްޔާ ޒާ"
"އެވަރުގެ ކަމެއް ނޫނެއްނު. އަހަރެން ހިތްހަމަޖެހޭ. އުފާވެއްޖެ ވަސިންތައަށް ވެސް އައްޔައަށް ވެސް އޭތި މައްސަލައަކަށް ނުވީމަ" ޒާރާ ބުންޏެވެ.
ކުއްލިއަކަށް ދެ ޒުވާނުން ސިހުނީ ބަދިގޭ ދޮރުމައްޗަށް އެރި ޖަންނަތުގެ އަޑަށެވެ.
"މްމްމް... ކޮން ފިލްމެއްގެ މަންޒަރުތަކެއް މިފެންނަނީ"
ކުރިއަށް ހިނގައިގަނެފައި ޖަންނަތަށް ޒާރާ ދެލޯ އަޅާލިއެވެ. އަބަދުވެސް ޖަންނަތު ބުނާނީ ނުބައި ވަގުތަކު ނުބައި އެއްޗެކެވެ. އައްފާން ހުއްޓާ އެގޮތަށް ޖަންނަތު ބުނުމުން ޒާރާއަށް އުނދަގުވިއެވެ. ޖަންނަތުގެ އަތުގައި ހިފައިގެން ޒާރާ ހިނގައިގަތެވެ. އައްފާން ހިނގައިގަތީ ދެކުދީންގެ ފަހަތުންނެވެ. ހިނިއައިސްފައި ހުރެ އޭނާ ދިޔައީ ފަހަތުން ޒާރާއަށް ބަލަމުންނެވެ.
(ނުނިމޭ)